ދައުވަތު ދީގެން ފިރިހެނަކު ކޮޓަރިއަކަށް ގެންގޮސް، ރަހީނުކުރުމަށްފަހު ފޭރުނު މައްސަލައެއްގައި އަންހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި މިދިޔަ އޮގަސްޓް މަހުގެ 26 ވަނަ ދުވަހުގެ ރޭ 9:30 އެހާކަންހާއިރު އައިޖީއެމްއެޗް ކައިރިން ފިރިހެނަކު ހުއްޓުވައި އޭނާއަށް ކޮޓަރިއަކަށް ދިއުމަށް އަންހެނަކު ދައުވަތު ދިން ކަމަށެވެ. އަދި މާފަންނު މުރަނގަ މަގުގައި ހުންނަ ގެސްޓް ހައުސްއަކަށް އެ ފިރިހެން މީހާ ދިއުމުން އިތުރު ފިރިހެނަކާ ބައިވެރިވެގެން އެ މީހާ ރަހީނުކުރި ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ، އެ ފިރިހެން މީހާ ރަހީނުކުރުމަށްފަހު އޭނާގެ ފޯނާއި ކޭޝް ކާޑު އަތުލައި އޭނާގެ އެކައުންޓުން 53،000 ރުފިޔާ ފޭރިގަނެފައިވާ ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރީ ސ. މަރަދޫ/ ކުންނާރުގެ، އާއިޝަތު މަލްޖާ މޫސާދީދީ، 27އ. އެވެ. އަދި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ.