މިއަދު ނިމުނު 62 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން ރާއްޖޭގެ އެންމެ ކުޅަދާނަ އަންހެން ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އަދި އަހުޔަރު އަހުމަދު ހާލިދު ހޯދިއިފިއެވެ.

މިއީ ދީމާ ގައުމީ ޓީޓީ މުބާރާތުގެ ތަށި، ޖެހިޖެހިގެން ހޯދި ފަސްވަނަ ފަހަރެވެ. މިއަހަރުގެ އޮލިމްޕިކްސްއަށް ކޮލިފައިވެ، ރާއްޖެއަށް ބޮޑު ޝަރަފެއް ހޯދައިދިން ދީމާ މިފަހަރުގެ ގައުމީ ފައިނަލުގައި ވެސް ވާދަކުރީ އައިޝަތު ރަފާ ނާޒިމާ ދެކޮޅަށެވެ. ގައުމީ ޓީޓީ މުބާރާތް މިމަހުގެ ދެވަނަ ދުވަހުން މިއަދުގެ ނިޔަލަށް ކުރިއަށް ގޮސްފައިވާ އިރު، ދީމާ ފައިނަލުގައި ރަފާ ބަލިކުރީ ސީދާ ހަތަރު ސެޓުންނެވެ.

މިއަދުގެ ފައިނަލް މެޗު ފެށިގެން ވަރުގަދައަށް ކުޅުނު ދީމާ ސެޓުތައް ގެންދިޔައީ 11-8، 12-10، 11-3 އަދި 11-8 އިންނެވެ. ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަމުގެ އިތުރުން ދީމާ ވަނީ 19 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަމާއި 19 އަހަރުން ދަށުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން އަދި އެއްވަނަ ޑިވިޝަންގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ވެސް ހޯދައިފައެވެ. ދީމާ މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަހްޔަރާ އެކު ކުޅެގެންނެވެ. އަންހެން ޑަބަލްސް ތަށި ދީމާ ހޯދި އިރު، އޭނާގެ ޕެއާގައި ދެން ހިމެނެނީ މިޝްކާ މުހައްމަދު އިބްރާހިމެވެ.

އަހްޔަރު މިއަދު ފުރަތަމަ ފަހަރަށް ގައުމީ ތަށި ހޯދީ އެންމެފަހުން ޓީޓީ އެސޯސިއޭޝަން ކަޕް ކާމިޔާބު ކުރި މޫސާ މުންސިފް އަހުމަދު 4-3 ސެޓުން ބަލިކޮށްގެންނެވެ. މެޗުގެ ފުރަތަމަ ތިން ސެޓު އަހްޔަރު، 12-10، 11-1 އަދި 11-8 އިން ގެންދިޔަ ނަމަވެސް ދެން ޖެހިގެން އައި ތިން ސެޓުވެސް ގެންދިޔައީ މުންސިފެވެ. އޭނާ ސެޓުތައް ގެންދިޔައީ 11-8، 11-6 އަދި 11-5 އިންނެވެ. އެހިސާބުން މެޗު ފޯރިގަދަވެ، ޓައި ބްރޭކް ސެޓަކަށް ދިޔައެވެ. އެ ސެޓުގައި އަހްޔަރު ވަނީ ޕްރެޝަރާ ކުރިމަތިލައި، 11-7 އިން ސެޓު ގެންގޮސް، ގައުމީ ތަށި ޔަގީންކޮށްފައެވެ.

އޭގެއިތުރުން އަހްޔަރު ވަނީ މިފަހަރުގެ ގައުމީ މުބާރާތުގެ 19 އަހަރުން ދަށުގެ ޗެމްޕިއަންކަމާއި ފުރަތަމަ ޑިވިޝަންގެ މިކްސް ޑަބަލްސް ރަނަރަޕްކަން ހޯދައިފައެވެ. އަހްޔަރުގެ މިކްސް ޑަބަލްސް ޕާޓްނަރަކީ ދީމާއެވެ. މިކްސް ޑަބަލްސް ޗެމްޕިއަންކަން މިފަހަރު ހޯދީ މުންސިފާއި ރަފާގެ ޕެއާއިންނެވެ.

މުބާރާތުގެ އިތުރު ޗެމްޕިއަނުންނަށް ބަލާ އިރު، 13 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ޗެމްޕިއަނުންނަކީ މުހައްމަދު ޒާއިމް އަހުމަދު އަދި އައިޝަތު އަލްސާ ނާފިޒެވެ. 15 އަހަރުން ދަށުގެ ޗެމްޕިއަނުންނަކީ އުމީރު މުހައްމަދު މުއިއްޒާއި އައިޝަތު އަލްސާ މާފިޒެވެ. 17 އަހަރުން ދަށުގެ ސިންގަލްސް ޗެމްޕިއަނުންނަކީ މިޝްކާ މުހައްމަދު އިބްރާހީމް އަދި ޒީކް ހަސަން ލަތީފެވެ.