ކުރިއަށް މިދާ 2025 ވަނަ އަހަރުގައި ރާއްޖޭގެ ޓީޓީ ކުޅުންތެރިން ބައިވަރިވާ ގިނަ ބައިނަލްއަގުވާމީ މުބާރާތްތަކަކާއެކު ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ އަހަރީ ކަލަންޑަރު އިއުލާނުކޮށްފިއެވެ.
ޓީޓީގެ ގިނަ ހަރަކާތްތަކެއް ތާވަލުކޮށް އެސޯސިއޭޝަނުން އިއުލާނުކޮށްފައިވާ ޓެންޓޭޓިވް ކަލަންޑަރުގައިވާ ގޮތުން މިއަހަރު ރާއްޖޭގެ ކުޅުންތެރިން ބައިނަލްއަގުވާމީ ހަތް މުބާރާތެއްގައި ވާދަކުރާނެއެވެ. އެއީ ޖޫނިއާ އަދި ސީނިއާ މުބާރާތްތަކުގައެވެ.
އެންމެ ފުރަތަމަ މޭ މަހު ސައުތު އޭޝިއާ ރީޖަނަލް ޔޫތު ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ކުޅުންތެރިން ވާދަކުރާ އިރު، ޖޫން މަހާއި ޖުލައި މަހު ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރާތްތައް ބާއްވާން ވަނީ ހިމަނައިފައެވެ.
ޖޫން ފަހުކޮޅުގައި ރާއްޖޭގައި ސައުތު އޭޝިއަން ކޮލިފިކޭޝަން ފޯ ލަންޑަން 2026 ވޯލްޑް ޗެމްޕިއަންޝިޕްގެ ޓީމް އިވެންޓް ހޯސްޓް ކުރަން ތާވަލުކޮށްފައިވާ އިރު، މުޅިން އަލަށް މިއަހަރު މޯލްޑިވްސް އޯޕަންގެ ނަމުގައި ބައިނަލްއަގުވާމީ ޓީޓީ މުބާރާތެއް ރާއްޖޭގައި ބާއްވަން ވަނީ ތާވަލުކޮށްފައެވެ. އެއީ ޖުލައި ފަހަކުން 12 އަށެވެ.
އޭގެފަހުން ސެޕްޓެމްބަރު މަސް ތެރޭގައި ބަހްރެއިންގައި އޮންނަ އޭޝިއަން ޔޫތު ގޭމްސްގައިވެސް ރާއްޖޭ ކުޅުންތެރިން ވާދަކުރާ އިރު، އޮކްޓޯބަރު މަހަށް ތާވަލު ކޮށްފައިވާ ސައުތު އޭޝިއަން ގޭމްސްވެސް ކަލަންޑަރުގައި ހިމަނާފައިވެއެވެ. އަދި އޮތް ގޮތުން މިއަހަރު އޮންނަ ސައުތު އޭޝިއަން ގޭމްސް އޮންނާނީ ޕާކިސްތާނުގައެވެ.
އެއާއެކު އޮކްޓޯބަރު ފަހު ހަފުތާގައި އިންޑިއާގައި ހޯސްޓް ކުރާ އޭޝިއަން ޗެމްޕިއަންޝިޕާއި ނޮވެމްބަރު މަހު ސައުދީ އަރަބިއާގައި އޮންނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައިވެސް ޓީޓީ ކުޅުންތެރިން ވާދަކުރާނެއެވެ.
ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކަކާއެކު ރޭންކިން އަދި ގައުމީ މުބާރާތްތައްވެސް އެސޯސިއޭޝަނުން ވަނީ ތާވަލުކޮށްފައެވެ. އޭގެ އިތުރުން އަމްޕަޔަރުން ތަމްރީނު ކުރުމާއި ކޯޗުންނާއި ކުޅުންތެރިން ތަމްރީނުކުރުން އަތޮޅު ތެރޭގައި ކުރިއަށް ގެންދަންވެސް ވަނީ ހިމަނައިފައެވެ.
އެގޮތުން އެސޯސިއޭޝަންގެ ހަރަކާތްތައް އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީގެ އިތުރުން އއ. އުކުޅަސް، ފުވައްމުލައް ސިޓީގެ އިތުރުން ރ. އުނގޫފާރާއި ޅ. ނައިފަރު އަދި ތ. ތިމަރަފުށީގައިވެސް ހިންގަން ވަނީ ތާވަލުކޮށްފައެވެ.
ޓޭބަލް ޓެނިސް
ޓޭބަލް ޓެނިސް
ޓޭބަލް ޓެނިސް