ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި ޒުވާނަކު މަރުވި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ސެންޓްރަލް ޕާކް ކައިރިން ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލަކުން ޖެހުނު ކަމުގެ ރިޕޯޓް ލިބުނީ ރޭ ދަންވަރު 2:48 ހާއިރު ކަމަށެވެ.

މި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވަން އިން މީހާ ހައްޔަރު ކޮށްފައިވާ އިރު، އޭނާގެ ވަނަވަރުވެސް ވަނީ ފުލުހުން އާންމުކޮށްފައެވެ. އެގޮތުން ހައްޔަރުކޮށްފައިވަނީ ވައިލެޓްފެހި، ސ. ހިތަދޫ، މުހައްމަދު ވިސާމު ސިދުގީ، 26އ. އެވެ. އޭނާ އަތުގައި ލައިސަންސް ނެތްކަން ވެސް އެނގިފައިވެއެވެ.

އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާ ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭނާއަކީ ލ. އިސްދުއަށް ނިސްބަތްވާ، ހަސަން ސަމާހްއެވެ. އޭނާ އަކީ ކަރެކްޝަންސްގެ އޮފިސަރެއްކަން އެނގިފައިވެއެވެ.

އެ އެކްސިޑެންޓުގައި ސައިކަލުގެ ފަހަތުގައި އިން މީހާއަށްވެސް ވަނީ ބޮޑެތި އަނިޔާތަކެއްވެފައެވެ. އެގޮތުން އޭނާގެ މޫނު މަށަވައިގެން ގޮސް ބޮލަށްވެސް ވަނީ އަނިޔާ ލިބިފައެވެ.