ބާރަށް އެއްގަމުގައި އުޅަނދުފަހަރު ދުއްވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށްޓަކައި ގާނޫނާއި ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެކަންކަން ތަންފީޒުކުރުމަށް އެކަމާ ގުޅުންހުރި އިދާރާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.

ރައީސް މިގޮތަށް ވިދާޅުވީ ހުޅުމާލެ ސެންޓްރަލް ޕާކް ކައިރިން ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލަކުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކަރެކްޝަންސްގެ ޒުވާން އޮފިސަރަކު މަރުވުމާ ގުޅިގެންނެވެ.

ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަރުވި ކަރެކްޝަންސްގެ އޮފިސަރު 23 އަހަރުގެ ޒުވާން ހަސަން ސަމާހުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުމަށާއި، އާއިލާއަށް ކެތްތެރިކަން މިންވަރުކުރެއްވުން އެދިވަޑައިގެން ދުއާ ކުރެއްވައިފައެވެ.

ރައީސް ވިދާޅުވީ ‏މިފަދަ ހިތާމަވެރި ހާދިސާތައް ހިނގުން ހުއްޓުވުމަކީ ހުރިހާ ފަރާތްތަކެއްގެ ވެސް އެއްބާރުލުން ބޭނުންވާ ކަމެއް ކަމަށެވެ. އަދި ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި އުޅަނދުތައް ދުއްވުންތައް ހުއްޓުވައި، މާލެ އާއި ރާއްޖޭގެ އެހެނިހެން ރަށްރަށުގެ މަގުތަކަކީ އެންމެންނަށް ވެސް އަމާންކަމާ އެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކައި ސަރުކާރުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރާނެކަމުގެ ޔަގީންކަން ހުރިހާ ރައްޔިތުންނަށް އަރުވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"‏މިގޮތުން ރާއްޖޭގެ އެއްވެސް ރަށެއްގައި، އެއްވެސް ވަގުތަކު ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެކަންކަން ތަންފީޒުކުރަން ފަށަން ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކަށް މިހާރު ވާނީ އަންގާފައެވެ،" ރައީސް ވިދާޅުވިއެވެ.

އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާ ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައެވެ. އޭނާއަކީ ލ. އިސްދުއަށް ނިސްބަތްވާ، ހަސަން ސަމާހްއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކް ކައިރިން ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލަކުން ޖެހުނު ކަމުގެ ރިޕޯޓް ފުލުހަށް ލިބުނީ ރޭ ދަންވަރު 2:48 ހާއިރެވެ.

މި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވަން އިން މީހާ ހައްޔަރު ކޮށްފައިވާ އިރު، އޭނާގެ ވަނަވަރުވެސް ވަނީ ފުލުހުން އާންމުކޮށްފައެވެ. އެގޮތުން ހައްޔަރުކޮށްފައިވަނީ ވައިލެޓްފެހި، ސ. ހިތަދޫ، މުހައްމަދު ވިސާމު ސިދުގީ، 26އ. އެވެ. އޭނާ އަތުގައި ލައިސަންސް ނެތްކަން ވެސް އެނގިފައިވެއެވެ.

އެ އެކްސިޑެންޓުގައި ސައިކަލުގެ ފަހަތުގައި އިން މީހާއަށްވެސް ވަނީ ބޮޑެތި އަނިޔާތަކެއްވެފައެވެ. އެގޮތުން އޭނާގެ މޫނު މަށަވައިގެން ގޮސް ބޮލަށްވެސް ވަނީ އަނިޔާ ލިބިފައެވެ.