ރޭ ކުޅުނު ފީފާ ވޯލްޑް ކަޕް 2026 ގެ މެޗުގައި އާޖެންޓީނާއިން ޗިލީގެ މައްޗަށް ފަސޭހަ މޮޅެއް ހޯދައިފިއެވެ.
އާޖެންޓީނާއިން ރޭ އަމިއްލަ ގައުމުގައި ޗިލީ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އާޖެންޓީނާއަކީ މިވަގުތު ވެސް ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިން ލީގު ބުރުގެ އެއްވަނައިގައި އޮތް ޓީމެވެ. އެޓީމުން ހަތް މެޗު ކުޅެ، 18 ޕޮއިންޓް ހޯދާފައިވާ އިރު، ދެވަނައިގައި އެންމެ ގާތުން ވާދަކުރަމުން ދަނީ އުރުގުއާއީއެވެ. އެއީ ފަސް ޕޮއިންޓްގެ ފަހަތުންނެވެ.
ދެކުނު އެމެރިކާގެ ކޮލިފިކޭޝަން ލީގު ބުރު ނިމޭ އިރު، އެންމެ މަތީގައި އޮންނަ ހަ ޓީމަކަށް ވޯލްޑް ކަޕްގެ ސީދާ ޖާގަ ލިބިގެންދާނެއެވެ. އެހެންކަމުން ދުނިޔޭގެ ޗެމްޕިއަން، އާޖެންޓީނާއަށް ވަނީ ކޮލިފިކޭޝަން ޔަގީންކުރަން ފުރުސަތު ބޮޑުވެފައެވެ.
ރޭގެ މެޗަށް ވެސް އާޖެންޓީނާއިން ނުކުތީ އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ނުލައެވެ. އެއީ މިދިޔަ ޖުލައި މަހު އޮތް ކޮޕާ އެމެރިކާ ފައިނަލުގައި މެސީގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން އަދިވެސް އެނބުރި ކުޅުމަށް ނާންނާތީއެވެ. މެސީއަށް އާޖެންޓީނާއިން އަންގާރަ ދުވަހުގެ ރޭ ކޮލަމްބިއާއާ ދެކޮޅަށް ކުޅެން އޮތް މެޗު ވެސް ނުކުޅެވޭނެއެވެ.
ރޭގެ މެޗުގެ ކުރިން އެންހެލް ޑި މަރިއާގެ ރިޓަޔާމެންޓަށް ހާއްސަ ޝަރަފެއް އަރުވާފައިވާ އިރު، އާޖެންޓީނާއިން ވަނީ ދެވަނަ ހާފުގެ ތިންވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. އެ ގޯލަކީ ޖޫލިއަން އަލްވަރޭޒްގެ ހުރަހަކުން ލިވަޕޫލްގެ މިޑްފީލްޑަރު، އެލެކްސިސް މެކް އަލިސްޓާ ޖެހި ގޯލެކެވެ. އެ ގޯލަށް މާ ގިނައިރެއް ނުވަނީސް، އަލްވަރޭޒް ދުރުން ޖެހި ހިތްގައިމު ގޯލަކުން އާޖެންޓީނާއިން ލީޑު ފުޅާކުރިއެވެ.
އެޓީމުގެ ތިންވަނަ ގޯލު، މެޗުގައި ބަދަލަކަށް ނުކުތް ޕައުލޯ ޑީބާލާ ޖެހީ، މެންޗެސްޓާ ޔުނައިޓެޑްގެ ޒުވާން ތަރި އަލެހާންޑްރޯ ގާނާޗޯ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން