ރާއްޖެއަށް އާންމުކޮށް އަންނަ އިންޑިއާގެ ރައްޔިތަކު މަނީ ލޯންޑަރިންގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.

މަނީ ލޯންޑަރިންގެ ތުހުމަތުކޮށް ހައްޔަރުކޮށްފައި ވަނީ އަބްދުލް ރަގޫބު ނިސްތާރު ހަލީމް ރަހްމާން (27އ) އެވެ. ކުރިމިނަލް ކޯޓުން އިއްޔެ ވަނީ އިންޑިއާގެ އެ މީހާގެ ބަންދަށް ފަސް ދުވަސް ޖަހައިފައެވެ.

އޭނާ ކޯޓަށް ހާޒިރުކޮށް ފުލުހުން ބުނީ އަބްދުލް ރަގޫބް ނިސްތާރު ހަލީމް ރަހްމާން ހައްޔަރުކޮށްފައިވަނީ އޭނާގެ އަތުން ގިނަ އަދަދަކަށް ޑޮލަރު ފެނުމުންނާއި އެ ފައިސާ ހޯދި ގޮތް އޭނާ ސާފުކޮށްދީފައިނުވާތީ ކަމަށެވެ. އަދި ރާއްޖެ އެތެރެވެ، ޖެހިގެން އަންނަ ދުވަހު އަބްދުލް ރަގޫބް ނިސްތާރު ހަލީމް ރަހްމާން ފުރައިގެން ދާތީ ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އޭނާ ހައްޔަރުކުރީ ކަމަށް ފުލުހުން ބުންޏެވެ.

އަބްދުލް ރަގޫބް ނިސްތާރު ހަލީމް ރަހްމާންގެ އަތުން ފެނުނު ޑޮލަރަކީ އެހެން މީހަކު އޭނާއަށް ހަވާލުކުރި ޑޮލަރު ކަމަށް ދޭހަވާ ލިޔުމެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ބަންދުގެ މުއްދަތުގެ މަޖިލިސްގައި އަބްދުލް ރަގޫބް ނިސްތާރު ހަލީމް ރަހްމާންގެ ފަރާތުން ވާހަކަދައްކަވަމުން އޭނާގެ ވަކީލު ވިދާޅުވީ ފުލުހުން އޭނާ ހައްޔަރު ކުރިތާ 24 ގަޑިއިރު ފަހުން ބަން މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަކީ އިޖުރާއަތްތަކާ ހިލާފަށް ކުރި ކަމެއް ކަމަށެވެ. ނަމަވެސް، ފުލުހުން ބުނީ، އަބްދުލް ރަގޫބް ނިސްތާރު ހަލީމް ރަހްމާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ވަގުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ކޯޓަށް ހާޒިރުކުރި ކަމަށެވެ.

ވަކީލު ވިދާޅުވީ އަބްދުލް ރަގޫބް ނިސްތާރު ހަލީމް ރަހްމާންގެ އަތުން ފެނިފައިވަނީ ސައްހަ ފައިސާތަކެއް ކަމަށެވެ. އަދި މަނީ ލޯންޑާކުރުމުގެ ތުހުމަތާ ގުޅޭ އެއްވެސް ހެއްކެއް ފުލުހުން ހުށަހަޅާފައި ނުވެއެވެ. ފުލުހުން މީގެ ކުރިން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު ވެސް ބަންދުނުކޮށް ހުރިކަން ފާހަގަކޮށް، ހަރުކަށި ޝަރުތުތަކެއް ކުރުމަށް ފަހު އޭނާ ބަންދުން ދޫކޮށްލަށް ދިނުމަށް ވަކީލު ވަނީ އެދިފައެވެ.

ދެ ފަރާތުގެ ވާހަކަތަކަށް އަޑުއެހުމަށްފަހު ގާޒީ ވިދާޅުވީ އެ މައްސަލައިގައި ކަސްޓަމްސްގެ ބެލުމުގައި ދަށުގައި އަބްދުލް ރަގޫބް ނިސްތާރު ހަލީމް ރަހްމާން ހިފެހެއްޓުމަށް ފަހު، އޭނާގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވުނު ހިސާބުން ފެށިގެން ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދިޔަކަން ލިޔެކިޔުންތައް އެނގޭ ކަމަށެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ވަގުތުން ފެށިގެން ކޯޓަށް ހާޒިރުކުރި ވަގުތާ ދެމެދުގައި 24 ގަޑިއިރު ފާއިތުނުވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ ޖިނާއީ ތުހުމަތަކަށްނުވާ ގޮތަކަށް މީހުން ހިފެހެއްޓުމުގެ ބާރު ކަސްޓަމަށާއި އިމިގްރޭޝަނަށް ލިބިގެންވާ ކަމަށެވެ. ގާޒީ ވިދާޅުވީ އަބްދުލް ރަގޫބް ނިސްތާރު ހަލީމް ރަހްމާންގެ މައްޗަށް ކުރެވެނީ ޖިނާއީ ބޮޑު މައްސަލައެއްގެ ތުހުމަތު ކަމަށާއި އޭނާއަށް އެހާ ގިނަ އަދަދެއްގެ ޑޮލަރު ލިބިފައިވާ ގޮތް ސާފުކޮށްދެވިފައިނުވާ ކަމަށެވެ. އަދި އޭނާގެ ޓްރެވަލް ހިސްޓްރީއަށް ބެލުމުން ޝައްކު އުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

އެހެންވެ ގާޒީ ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް ޖަހައިފައެވެ.