އިޓަލީގެ ނަޕޯލީ ތަރި ވިކްޓާ އޮސިމްހެން، ލޯނުގެ ދަށުން ތުރުކީގެ ގަލަތަސަރާއީއާ ގުޅިފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ލޯނު ޓްރާންސްފާގެ ކަންކަން ހަމަޖެއްސުމަށްޓަކައި ގަލަތަސަރާއީގެ ނައިބު ރައީސް އިބްރާހިމް ހަޓިޕޯލޫ އާއި ސްޕޯޓިން ޑިރެކްޓަރު ސެންކް އާގުން ވަނީ އޮސިމްހެންއާ ބައްދަލުކުރުމަށް އިޓަލީއަށް ދަތުރުކޮށްފައެވެ. އަދި މިހާރު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އުމުރުން 25 އަހަރުގެ ނައިޖީރިއާ ފޯވަޑް އޮސިމްހެން އާއި ނަޕޯލީއާ ދެމެދު ޖެހުނު މައްސަލަތަކަށްފަހު، މިސީޒަނުގައި ކޯޗު އެންޓޯނިއޯ ކޮންޓޭގެ ރޭވުންތަކުގައި ވެސް އޮސިމްހެން ނުހިމެނެއެވެ. އެއާއެކު އޭނާ ވެސް ހުރީ އެހެން ކްލަބަކަށް ބަދަލުވުމަށް ބޭނުންވެފައެވެ.

އޮސިމްހެން ގެންދިއުމަށް އެންމެ ބޮޑަށް މަސައްކަތްކުރި އެއް ކްލަބަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބު ޗެލްސީންނެވެ. ނަމަވެސް ޓްރާންސްފާ މުއްދަތު ހަމަވުމުގެ ކުރިން ޗެލްސީއަށް އޭނާ ހޯދިފައެއް ނުވެއެވެ. އޮސިމްހެންގެ އިތުރުން، ބްރެންޓްފޯޑުން ސައުދީ އަރަބިއާގެ އަލް އަހްލީއަށް އިނގިރޭސި ފޯވަޑް އިވާން ޓޯނީ ބަދަލުވުމުގެ ކުރިން އޭނާ ހޯދުމަށް ވެސް ޗެލްސީން މަސައްކަތްކުރިއެވެ.

ގަލަތަސަރާއީ އިން ލޯނުގެ ދަށުން އޮސިމްހެން ހޯދުމަށް މަސައްކަތް ފެށުމާއެކު އެ ޓްރާންސްފާ އެގޮތަށް ހަމަޖެހުމުގެ ފުރުސަތު ވެސް އޮތީ ބޮޑުކޮށެވެ. ތުރުކީ ފުޓުބޯޅައިގެ ޓްރާންސްފާ މުއްދަތު ނިމުމަކަށް އަންނާނީ މިމަހުގެ 18 ގައެވެ.

ގަލަތަސަރާއީ އިން އަންނަނީ މިސީޒަނަށް ސްކޮޑު ވަރުގަދަކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގަލަތަސަރާއީ އިން ވަނީ ޗެލްސީން ފެނިގެންދިޔަ ހަކީމް ޒިޔެޗް އަދި މިޝީ ބަޓްޝުއާއީގެ އިތުރުން މިޑްފީލްޑަރު ގެބްރިއެލް ސަރާ އާއި ޑިފެންޑަރު އެލިއެސް ޖެލާޓް ވެސް ގެންގޮސްފައެވެ.

މިދިޔަ ސީޒަނުގެ ތުރުކީ ލީގު ޗެމްޕިއަންކަމަކީ ގަލަތަސަރާއީ އިން ކާމިޔާބުކުރި 24 ވަނަ ލީގު ތައްޓެވެ. ލީގު ޗެމްޕިއަންކަން ހޯދި ނަމަވެސް، ޔޫއެފާ ޗެމްޕިއަންސް ލީގު ޕްލޭއޯފްގައި ޔަންގްބޯއީސް އަތުން ބަލިވުމުން މިސީޒަނުގެ ޗެމްޕިއަންސް ލީގުން ގަލަތަސަރާއީ ފެނިގެންނެއް ނުދާނެއެވެ.

ފްރާންސްގެ ލިލްއަށް ކުޅުމަށްފަހު 2020 ވަނަ އަހަރު ނަޕޯލީއާ ގުޅުނު އޮސިމްހެން ވަނީ އެ ކްލަބަށް ކުޅުނު 133 މެޗުން 76 ގޯލު ކާމިޔާބުކޮށްދީފައެވެ. ނަޕޯލީއަށް 33 އަހަރަށްފަހު 2023 ގައި އިޓާލިއަން ސެރީއާގެ ތާރީހީ ތަށި ހޯދައިދިނުމުގައި ވެސް އޮސިމްހެންގެ ދައުރު ފާހަގަކޮށްލެވެއެވެ. އެ ސީޒަނުގެ ލީގުގައި އޭނާ ވަނީ 32 މެޗުން 26 ގޯލު ކާމިޔާބުކޮށްފައެވެ.