ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ފުލެޓު ކައިރީގައި ޖުލައި މަހުގެ 31 ވަނަ ދުވަހު ހިނގި އެކްސިޑެންޓާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރިމިނަލް ކޯޓުން އަމުރު ކުރި އިބްރާހީމް އިކްރާމްގެ ބަންދު މަޖިލީހުގެ އިސްތިއުނާފީ އަޑުއެހުމުގައި ފުލުހުން ދޮގު މައުލޫމާތު ދިން މައްސަލަ ތަހުގީގު ކުރަންޖެހޭ ކަމަށް ހައި ކޯޓުން ބުނެފިއެވެ.
އެ އެކްސިޑެންޓާ ގުޅިގެން ފުލުހުން ވަނީ، ތިން މީހަކު ހައްޔަރުކޮށްފައެވެ. އެ ތިން މީހުން ހައްޔަރުކުރީ ޖުލައި 31 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެއީ ކ. މާލެ، ހ. ނޫރަންމާގެއާގެ، އިކްރާމްރަހުމާން، ކ. މާލެ، މ. ލޭންޑްއޮފްގާޑެން، އިބްރާހިމް އިކްރާމް އަދި ގއ. ކަނޑުހުޅުދޫ، އާޒާދުގެ، ޖިނާހު އިސްމާއިލެވެ.
ފުލުހުން ވަނީ އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަ އޮގަސްޓު މަހުގެ އެއްވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. ކޯޓުން ވަނީ ޖިނާހުގެ ބަންދަށް 15 ދުވަސް އަދި އިކްރާމްރަހުމާން އާއި އިބްރާހިމް އިކްރާމް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ކުރިމިނަލް ކޯޓުގެ އެ އަމުރު އިބްރާހިމް އިކްރާމްގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުފާނު ކުރިއެވެ. އެ އިސްތިއުނާފުގައި އިކްރާމްގެ ފަރާތުން ބުނެފައިވަނީ އޭނާ ވަކީލަކު އައްޔަންކޮށްފައި ވަނިކޮށް ފުލުހުން އޭނާ ކޯޓަށް ހާޒިރު ކުރީ ވަކީލަށް ކޯޓަށް ހާޒިރުވާނެ ފުރުސަތު ނުލިބޭ ގޮތަށް ކަމަށެވެ. އެއީ ގާނޫނު އަސާސީން ލިބިދީފައިވާ ވަކީލަކު އައްޔަން ކުރުމުގެ ހައްގަށް ހުރަސް އެޅުން ކަމަށް ބުނެ އިކްރާމް ފަރާތުން ވަނީ ކުރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށްދިނުމަށް އެދިފައެވެ.
ހައި ކޯޓުން މިއަދު ވަނީ އެ މައްސަލައިގައި ހުކުމްކޮށްފައެވެ. މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މުހައްމަދު ފައިސަލް އެ މައްސަލައިގެ ރައުޔުގައި ވިދާޅުވީ ބަންދު މަޖިލިސްތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކުން ވަކީލަކު އައްޔަންކޮށްފައިވޭތޯ ގާޒީ ސުވާލު ކުރަންވާނެ ކަމަށް ހައި ކޯޓުގެ ގަޒިއްޔާތަކުން ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުގެ މަތިން ގާޒީ ވަނީ ސުވާލުކޮށްފައި ކަމަށާއި އިކްރާމް ވަނީ ބަންދު މަޖިލިސްގައި ވަކީލެއްގެ ފުރުސަތު ހޯދަން އެދިފައިވާ ކަމަށް، ފުލުހުން ދަށު ކޯޓުގައި ބުނެފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އަދި އިކްރާމް ވަކީލަކު އައްޔަންކޮށްފައިވާކަން އެނގިފައިނުވާ ކަމަށް ވެސް ފުލުހުން ދަށު ކޯޓުގައި ބުނެފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ނަމަވެސް އިކްރާމް ވަނީ އެފަދަ އެއްވެސް ސުވާލުތަކެއް ދަށު ކޯޓުގެ ގާޒީ ނުކުރައްވާކަން ހައި ކޯޓުގައި ފާހަގަ ކޮށްފައި ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
"މައްސަލައިގައި ދެފަރާތުން ދައްކާފައިވާ ވާހަކަ ދިމާނުވާތީ، ކުރިމިނަލް ކޯޓުގެ މުއްދަތުގެ މަޖިލިސް ރިކޯޑިން މިކޯޓުން ހޯދައި މުއްދަތު މަޖިލީހުގައި ވަކީލުގެ ހައްގާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކާފައިވޭތޯ ބެލި އިރު އެފަދަ އެއްވެސް ކަމެއް އެ މަޖިލީހުގައި ފަނޑިޔާރުގެ ފަރާތުން ވެސް އަދި މަޖިލީހުގައި ބައިވެރިވި އެހެން ފަރާތަކުން ވެސް ފާހަގަކޮށްފައި ނުވޭއެވެ. ވީމާ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ދީފައިވާ މައުލޫމާތަކީ ހަގީގަތާ ހިލާފު މައުލޫމާތެއް ކަމުގައިވާތީ، މި ކަމަކީ ކަމާބެހޭ އިދާރާތަކުން ބަލައި، ތަހުގީގު ކުރަންޖެހޭ ކަމެއް ކަމުގައި ދެކެމެވެ،" ފަނޑިޔާރު ފައިސަލް ވިދާޅުވިއެވެ.
ގާނޫނީ ވަކީލު ބޭނުންވެއްޖެ ހިނދެއްގައި ގާނޫނީ ވަކީލެއްގެ އެހީ ހޯދުމަކީ ކޮންމެ މީހަކަށް ގާނޫނު އަސާސީން ލިބިދީފައިވާ ހައްގެއް ކަމަށެވެ. ހައްޔަރުކުރެވޭ މީހުންނަށާއި ބަންދު ކުރެވޭ މީހުންނަށް، އެ ހައްގު ލިބިގެންވާކަން އަންގަންވާނެ ކަމަށާއި އަދި މައްސަލަ ނިމެންދެން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު ލިބިގެންވާކަން އަންގަންވާނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
"ފުލުހުން އަމުރަށް އެދި ކުރިމިނަލް ކޯޓަށް ފޯމު ހުށަހެޅީ 6:44 ގައި. ވަކީލު އައްޔަންވުމަށް ފޯމު ހުށަހަޅާފައިވަނީ 7:23 ގައި. އިކްރާމްގެ ފަރާތުން ވަކީލަށް ރުހުން ދީފައިވަނީ 8:28 ގައި އަދި ފުލުހުންގެ ފަރާތުން ވަކީލު އައްޔަން ކޮށްފައިވަނީ 9:52 އަދި ވަކީލު އައްޔަންކުރެވިފައިވާކަން ވަކީލަށް އަންގާފައިވަނީ 10:06 ގައި. އިކްރާމް، ކޯޓަށް ހާޒިރުކުރީ 10:00 ޖެހިއިރު. އަދި ބަންދު މަޖިލިސް ފަށައިފައިވަނީ 10:04 ގައި." ފަނޑިޔާރު ވިދާޅުވިއެވެ.
އެ ގަނޑިތަކަށް ބެލުމުން ބަންދުގެ މަޖިލިސް ފެށުމުގެ ކުރިން ވަކީލު އައްޔަންކޮށްފައިވާ ކަމާއި އަދި ވަކީލަށް އެކަން އެނގިފައިވަނީ ބަންދުގެ މަޖިލިސް ފެށުނު ފަހުންކަން އެނގޭ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އަދި އެ ގަނޑިތަކަށް ބެލުމުން އިކްރާމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހާޒިރު ކުރަނީ ކޮން ކޯޓަކަށްކަން ބެލުމަށް އެކަށީގެންވާ ފުރުސަތު ވަކީލަށް ލިބިފައިނުވާކަން އެނގޭ ކަމަށެވެ. އިކްރާމްގެ ފަރާތުން ވަކީލަކު އައްޔަންކޮށްފައިވާކަން ފުލުހުންގެ ފަރާތުން ކޯޓުގެ ސަމާލު ކަމަށް ގެނެސްފައި ނުވަނީ އެކަން އެނގިފައިނުވާތީ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ފަނޑިޔާރު ވިދާޅުވީ، ދަށު ކޯޓުން، އިކްރާމް ޝަރީއަތް ނިމެންދެން ބަންދު ކުރީ އޭނާ ވަކީލަކު އައްޔަންކޮށްފައިވީ ނަމަވެސް ފުލުހުންގެ ފަރާތުން އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަނުކުރުމުގެ ސަބަބުން ދަށު ކޯޓަށް އެ މައުލޫމާތު ލިބިފައިނުވާތީ ކަމަށެވެ.
ވަކީލު ބަލައިގެންކަން ފުލުހުންގެ އިދާރާގެ ފަރާތުން އެންގުމުގެ ކުރިޔަށް، ތުހުމަތުގައި ނުވަތަ ބަންދުގައި ހުރި މީހާގެ އެއްވެސް މައުލޫމާތެއް އައްޔަން ކުރެވޭ ވަކީލަކަށް ނުދޭނެ ކަމަށް ފުލުހުންގެ ފަރާތުން ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
"އެހެންކަމުން، ވަކީލުގެ ފަރުދީ ޒިންމާގެ ތެރެއިން މިމައްސަލައިގައި މުއްދަތު ޖަހާނެ ގަޑި އާއި މުއްދަތު ޖަހަން ގެންދާނެ ކޯޓެއް ވަކީލަށް ކަށަވަރު ކުރެވޭނެ ގޮތެއް އޮތް ކަމަކަށް އަހުރެންނަކަށް ގަބޫލެއް ނުކުރެވެއެވެ،" ފަނޑިޔާރު ވިދާޅުވިއެވެ.
އެކަންކަން ފާހަގަކުރައްވައި ފަނޑިޔާރު ފައިސަލް ރައުޔުގައި ވިދާޅުވީ އިސްތިއުނާފު ކުރާ ފަރާތަށް ލިބިފައިވާ ހައްގެއް ތަންފީޒުކުރުމަށް އެދިފައިވަނިކޮށް އެ ފުރުސަތު ލިބިދިނުމެއް ނެތި ދަށު ކޯޓުން ނެރެފައިވާ އަމަލު ބާތިލުކުރަން ފެންނަ ކަމަށެވެ. އެ ރައުޔަށް ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިން ވަނީ ތާއީދުކުރައްވައިފައެވެ.
އެހެންވެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ފަނޑިޔާރު ފައިސަލް ވިދާޅުވީ ކުރިމިނަލް ކޯޓުގެ އެ އަމުރަކީ ބާތިލު އަމުރެއް ކަމަށް ކަނޑައަޅައި އެގޮތަށް ހުކުމްކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު