ސްޕެނިޝް ލަ ލީގާގައި ރޭ ބާސެލޯނާ އިން ކުޅުނު މެޗުގައި ރެއާލް ވަޔަޑޮލީޑް 7-0 އިން ބަލިކޮށްފިއެވެ.

ރޭ ބާސާ އިން އޮލިމްޕިކްސް ސްޓޭޑިއަމްގައި ކުޅުނު މެޗު ކާމިޔާބުކޮށް، އެ ޓީމުން ވަނީ މިހާތަނަށް މި ސީޒަނުގެ ލީގުގައި ކުޅުނު ހަތަރު މެޗުންވެސް މޮޅުވެފައެވެ. ބާސާ އިން ހަތަރު މެޗުން 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތްއިރު، ބާސާއަކީ ލީގުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައި އޮތް ހަމައެކަނި ޓީމެވެ.

ރޭ ބާސާ އިން ކުޅުނު މެޗުގެ 20 ވަނަ މިނެޓުގައި ގޯލު ޖެހީވެސް ރަފީނިއާއެވެ. އޭގެ ހަތަރު މިނެޓް ފަހުން ރޮބާޓް ލެވަންޑޯސްކީ އިތުރު ގޯލެއް ޖެހި އިރު، ބާސާ އިން ހާފު ނިންމާލީ ތިންވަނަ ގޯލެއްވެސް ޖަހައިގެންނެވެ. އެއީ ޖޫލް ކޫންޑޭ ޖެހި ގޯލެކެވެ.

ދެވަނަ ހާފުގައިވެސް ބާސާ ތަފާތު މޮޅުކޮށް ފެނިގެން ގޮސްފައިވާއިރު، ބްރެޒިލްގެ ރަފީނިއާ ވަނީ ދެވަނަ ހާފުގެ އަށް މިނެޓް ތެރޭގައި ދެ ގޯލު ޖަހައި ކެރިއަރުގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށްފައެވެ. ބާސާގެ އަނެއް ދެ ގޯލުގެ ތެރެއިން އެއް ގޯލު ޑެނީ އޮލްމޯ ޖެހި އިރު، އަނެއް ގޯލު ޖެހީ ފެރާން ޓޮރޭސްއެވެ.