އިނގިރޭސި ޕްރިމިއާ ލީގުގެ މިދިޔަ ހަތަރު އަހަރުގެވެސް ޗެމްޕިއަން މެންޗެސްޓާ ސިޓީން ރޭ ކުޅުނު މެޗުގައި ވެސްޓް ހަމްވެސް ބަލިކޮށްފިއެވެ.
ސިޓީން ޖެހިޖެހިގެން ފަސްވަނަ ލީގު ތަށްޓައް މަސައްކަތް ކުރަމުންދާ އިރު، ރޭ ރަށުން ބޭރުގައި ވެސްޓް ހަމް ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ސިޓީން މިހާތަނަށް މި ސީޒަނުގެ ލީގުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ، ތާވަލުގެ އެއްވަނައިގައި އޮތީ ނުވަ ޕޮއިންޓާއެކުގައެވެ. މިދިޔަ ހަފުތާގައިވެސް ހެޓްރިކް ފުރިހަމަ ކުރި އާލިން ހާލަންޑަކީ ރޭގެ މެޗުގައިވެސް ސިޓީގެ ތަރިއެވެ. އިޕްސްވިޗް ކޮޅަށްވެސް ހެޓްރިކް ފުރިހަމަ ކުރި ހާލަންޑް ވަނީ ރޭ ވެސްޓް ހަމް ކޮޅަށްވެސް ތިން ގޯލު ޖަހައި ހެޓްރިކް ހަދައިފައެވެ.
ސިޓީން ވަރުގަދަކޮށް ފެނިގެން ދިޔަ މެޗުގެ 10 ވަނަ މިނެޓުގައި ހާލަންޑް ވަނީ އެޓީމަށް ލީޑު ނަގައިދީފައެވެ. ބަނާޑޯ ސިލްވާގެ ޕާހަކުން ހާލަންޑް ސިޓީއަށް ލީޑު ނަގައިދިން ނަމަވެސް، އޭގެ ނުވަ ވަރަކަށް މިނެޓް ފަހުން ވެސްޓް ހަމްއިން ނަތީޖާ ހަމަހަމަ ކުރިއެވެ. ވެސްޓް ހަމްގެ ގޯލަކީ ޖެރޮޑް ބޮވެންގެ ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ރުބެން ޑިއާޒް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ވެސްޓް ހަމްއިން ގޯލެއް ޖަހައި އެއްވަރުކުރި ނަމަވެސް، ސިޓީން ދިޔައީ މެޗު ޑޮމިނޭޓްކޮށް ކޮންޓްރޯލް ކުރަމުންނެވެ. ވެސްޓް ހަމް ޓީމު އެއްކޮށް ކަހަލަ ގޮތަކަށް ފަހަތަށް ޖެހި ޑިފެންސް ކުރަން މަސައްކަތް ކުރަމުން ދަނިކޮށް، ހާފު ނިމުމުގެ ކުރިން ހާލަންޑް ވަނީ އިތުރު ގޯލެއް ޖަހައި ސިޓީއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފައެވެ.
ވެސްޓް ހަމްއިން ކައުންޓާގައި ބައެއް ފުރުސަތުތައް މެޗުގައި ތަނަވަސްކުރަމުން ދިޔަ އިރު، މުހައްމަދު ކުޑޫސްގެ ހަމަލާއެއް ދަނޑިއަށްވެސް އަމާޒުވެފައިވެއެވެ. އެހެން ނަމަވެސް އޭގެފަހުން އަނެއްކާވެސް ސިޓީން މެޗު ޑޮމިނޭޓްކޮށް، އިތުރު ގޯލެއް ޖެހިއެވެ. އެ ގޯލު ހާލަންޑް ޖެހީ ވެސްޓް ހަމްގެ އޮފްސައިޑް ޓްރެޕުން ސަލާމަތްވެ، ކުރިއަށް ދެމިގަނެގެންނެވެ. ދެވަނަ ހާފުގައި ހާލަންޑްގެ ފަރާތުން މަދު ހަމަލާތަކެއް ފެނުނު ނަމަވެސް، އޭނާގެ ގޯލު ޖެހުމުގެ ރެކޯޑަށް އަނެއްކާވެސް ހެޓްރިކެއް އިތުރު ކުރިއެވެ.
ހާލަންޑް ވަނީ މިހާތަނަށް ސިޓީއަށް ކުޅުނު 69 މެޗުގައި 70 ގޯލު ޖަހައިފައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު