އޭޝިއާ ވޮލީބޯޅައިގެ މައި އިދާރާ އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ)ގެ އެގްޒެކެޓިވް ނައިބު ރައީސަކަށް، ރާއްޖޭގެ ވޮލީބޯޅަ އިދާރާ ވީއޭއެމްގެ ރައީސް އަދި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ ރައީސް މުހައްމަދު ލަތީފް އިންތިހާބު ވެއްޖެއެވެ.

ލަތީފް އެމަގާމަށް އިންތިހާބުވީ، އޭވީސީން އިއްޔެ ބޭއްވި އާންމު ޖަލްސާގެ ތެރެއިންނެވެ. ބެންކޮކްގެ ގްރޭންޑް ފޯވިންގްސް ކޮންވެންޝަން ހޮޓެލްގައި ބޭއްވި އިންތިހާބުގައި އޭވީސީގެ ރައީސް ކަމަށް އިންތިހާބުވެފައި ވަނީ ރަމޯން ސުޒާރާއެވެ. އޭނާއަކީ ފިލިޕީންސްގެ ވޮލީބޯލް އެސޯސިއޭޝަންގެ ރައީސެވެ. ސުޒާރާ ވެފައިވަނީ އޭވީސީގެ ރައީސް ކަމަށް އިންތިހާބުވި ނުވަވަނަ ރައީސަށެވެ. އަދި އޭނާއަކީ އެމަގާމަށް އިންތިހާބުވި ފިލިޕީންސްގެ ދެވަނަ ރައީސެވެ. މީގެ ކުރިން ފިލިޕީންސްގެ ރައީސެއް އޭވީސީގައި ހަރަކާތްތެރިވީ 1979 އިން އަދި 1979 އަކަށެވެ. އެއީ ނެމެސިއޯ ޔަބޫތެވެ.

ސުޒާރާއާ އިންތިހާބުގައި ވާދަކުރީ ގަތަރުގެ އަލީ ގާނިމް އަލް-ކުވާރީއެވެ. އޭވީސީގެ 25 ވަނަ އާއްމު ބައްދަލުވުމުގައި ޖުމުލަ 63 ވޯޓު ރައީސް ކަމަށް ދީފައިވެއެވެ. އޭގެ ތެރެއިން 20 ވޯޓަކީ ޕްރޮކްސީތައް މެދުވެރިކޮށް އެޅި ވޯޓެވެ. ވޯޓުގައި ބައިވެރިވުނުވި ހަމައެކަނި ގައުމުތަކަކީ ބުރުނާއީ އާއި މޮންގޯލިއާއެވެ.

ސުޒާރާ ވަނީ 63 ވޯޓުގެ ތެރެއިން 48 ވޯޓު ހޯދައިފައެވެ. ގަތަރުގެ ކުވާރީއަށް ލިބުނީ 15 ވޯޓެވެ.

ސުޒާރާއާ އެކު އިއްޔެ ދެން އިންތިހާބުވި މަގާމުތަކަށް ބަލާ އިރު، ސީނިއާ އެގްޒެކެޓިވް ނައިބު ރައީސަކަށް އިންތިހާބުވީ އޮސްޓްރޭލިއާގެ ކްރެއިގް ކަރަޗާ އާއި އެގްޒެކެޓިވް ނައިބު ރައީސަކަށް ރާއްޖޭގެ މުހައްމަދު ލަތީފް، ކުކް އައިލެންޑްސްގެ އެސްޖީއަކަށް ހިއު ގްރަހަމް، ހޮންކޮންގެ ހަޒާންދާރު މަރީނާ ސޫ އަދި އިންޓާނަލް އޮޑިޓަރު ބަހްރެއިންގެ ހަސަން އަލްފްރަންސިނީ ފާހަގަކޮށްލެވެއެވެ.

ރާއްޖެއިން ނައިބު ރައީސަކަށް އިންތިހާބުވި ލަތީފް ވަނީ، 2016-2019 އަށް ވީއޭއެމްގެ ރައީސްގެ މަގާމު ފުރުއްވައިފައެވެ. ލަތީފް އަތުން ވޮލީ އެސޯސިއޭޝަންގެ ރައީސްގެ މަގާމު ގެއްލުނީ، މިދިޔަ ސަރުކާރުގެ ކޮމިޝަނާ އޮފް ސްޕޯޓްސް، ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ)، ވޮލީ އެސޯސިއޭޝަންގެ މައްސަލައެއް ބަަލައި، އޭރު އޮތް ލަތީފްގެ ހިންގާ ކޮމިޓީ އުވާލައި، އެސޯސިއޭޝަން އިންޓަރިމް ހާލަތަކަށް ގެންނަން ނިންމުމުންނެވެ.

އޭގެ ފަހުން، ވޮލީގެ އިދާރީ ހިންގުން މައްސަލަތަކެއްގެ ތެރޭގައި އޮތުމަށް ފަހު، ވޮލީ އެސޯސިއޭޝަން އިންތިހާބެއް ބާއްވައި، މުހައްމަދު ރަނޭޝް (ރަނޭ)، އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް އިންތިހާބުވީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ. ރަނޭގެ މަސްއޫލިއްޔަތުތައް އަދާކުރުމާ މެދު ސުވާލުތައް އުފެއްދުމާ އެކު، އޭނާ ވަނީ މިއަހަރު މާޗު މަހު އިސްތިއުފާ ދީފައެވެ. އެއާއެކު ބޭއްވި ބައި އިލެކްޝަން ކާމިޔާބުކޮށް، ލަތީފް ވަނީ އަލުން ރައީސް ކަމާ ހަވާލުވެފައެވެ.

ލަތީފްގެ މިހާރު އޮތް ވީއޭއެމް އެކްސްކޯގެ ދައުރު އަންނަ އަހަރުގެ އޭޕްރީލް މަހަށް ހަމަވާނެއެވެ. އޭވީސީގެ ދައުރު ހަމަވާނީ އަންނަ 2028 ވަނަ އަހަރަށެވެ.