ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި މެލޭޝިޔާގެ ދެ މީހުން ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ ކޯ ހުއާން ބޫން އާއި އެން ޖީ ތަމް ލިޕް ނަމަކަށް ކިޔާ ދެ މީހުންނެވެ.

އެ ދެ މީހުން ހައްޔަރުކޮށް، މުއްދަތު ޖެހުމަށް ފުލުހުން ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އެމީހުން ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފެންނާތީ އެއިން ކޮންމެ މީހަކު ފަސް ދުވަހުގެ މުއްދަތަކަށް ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.

ނަމަވެސް މީގެ ތެރެއިން ކޯ ހުއާން ބޫން އަށް ވަކީލަކު އައްޔަން ވެފައިވީ ނަމަވެސް އެ ފަރާތާ ބައްދަލު ނުވާ ކަމަށް ފާހަގަކޮށްފައިވާތީ މި ފަސް ދުވަހުގެ މުއްދަތުގެ ތެރޭގައި، ވަކީލާ ބައްދަލު ކުރުމުގެ އިންތިޒާމު އޭނާއަށް ހަމަޖައްދައިދިނުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އަދި އެން ޖީ ތަމް ލިޕް އަށް ދައުލަތުން ވަކީލަކު ހަމަޖައްސާފައިވީ ނަމަވެސް ވަކީލާ ބައްދަލުވެ ވާހަކަ ދެކެވިފައިނުވާތީ އާއި މެލޭޝިޔާ އެންބަސީގެ ބޭފުޅަކާ ވާހަކަ ދައްކަން ބޭނުންވާތީ އެކަންކަން ހަމަޖެއްސުމަށ ފަސް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.