ނިއުކާސަލްއަށް ކުޅެމުންދާ އިންގްލެންޑްގެ ޑިފެންޑަރު ކީރަން ޓްރިޕިއާ، އިންގްލެންޑް ގައުމީ ޓީމުން ރިޓަޔާކުރިކަން އިއުލާނުކޮށްފިއެވެ.
އުމުރުން 33 އަހަރުގެ ޓްރިޕިއާ އެކަން އިއްޔެ އިއުލާނުކުރީ އޭނާގެ ސޯޝަލް މީޑިއާގައެވެ. އެންމެ ފުރަތަމަ 2017 ވަނަ އަހަރު ގައުމީ ޓީމަށް ކުޅުނު ޓްރިޕިއާ ވަނީ 54 މެޗު އިންގްލެންޑަށް ކުޅެދީފައެވެ. އޭނާ ފުރަތަމަވެސް ގައުމީ ޓީމަށް ކުޅެފައި ވަނީ އެންމެފަހުން ޔޫރޯ 2024 ގައި އެގައުމުގެ ކޯޗުކަމާ ހަވާލުވެ ހުރި ކޯޗު ގެރެތު ސައުތުގޭޓްގެ ކޯޗުކަމުގެ ދަށުންނެވެ. އޭނާ ވަނީ އިންގްލެންޑް ގައުމީ ޓީމުގެ ކެޕްޓަން ކަންވެސް ތިން ފަހަރު ކޮށްފައެވެ.
ޓްރިޕިއާ ސޯޝަލް މީޑިއާގައި ބުނެފައި ވަނީ އިންގްލެންޑް ގައުމީ ޓީމަށް ކުޅުމަކީ، އެންމެ ޅަ ދުވަސްވަރު ހިތަށްވެސް އެރިކަމެއް ނޫން ކަމަށާއި، އެކަން ހާސިލްކުރެވި، 54 މެޗު ކުޅެވުމަކީ ކެރިއަރުގައި ލިބުނު އެންމެ ބޮޑު ޝަރަފު ކަމަށެވެ.
އޭގެ އިތުރުން ޓްރިޕިއާ ބުނީ ކޯޗު ގެރެތު ސައުތުގޭޓަށާއި، އޭނާއެކު ޓީމުގައި މަސައްކަތްކުރި ހުރިހާ މުއައްޒަފުންނަށާއި، އެކުގައި ކުޅުނު ކުޅުންތެރިންނަށް ވަރަށް ބޮޑަށް ޝުުކުރު އަދާކުރަން ބޭނުންވާ ކަމަށެވެ.
ޓްރިޕިއާ ވަނީ ސައުތުގޭޓްގެ އިރުޝާދުގެ ދަށުން ޔޫރޯ 2024 ގެ ފައިނަލް ފިޔަވާ އެހެން ހުރިހާ މެޗެއްގެ ފުރަތަމަ 11 ގައި ކުޅެފައެވެ. ފައިނަލްގައި އޭނާގެ ބަދަލުގައި ސައުތުގޭޓް ފުރުސަތު ދިނީ ލޫކް ޝޯއަށެވެ. އޭގެ ކުރިން ޔޫރޯ 2020 ގެ ފައިނަލުގައި އިޓަލީ ކައިރިން ބަލިވި މެޗުގައިވެސް ޓްރިޕިއާ ކުޅެފައިވެއެވެ. އަދި 2018 ވަނަ އަހަރު ވޯލްޑް ކަޕްގައިވެސް ޓްރިޕިއާ ވަނީ އިންގްލެންޑަށް މުހިއްމު ރޯލެއް ކުޅެދީފައެވެ.
އިންގްލެންޑް
އިންގްލެންޑް
އިންގްލެންޑް