ޓޭބަލް ޓެނިސް އެސޯސިއޭޝަން ކަޕްގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މޫސާ މުންސިފް ހޯދިއިރު، އަންހެން ޗެމްޕިއަންކަން ރާއްޖޭގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ދިފާއުކޮށްފިއެވެ.
މިދިޔަ އަހަރު ފައިނަލުގައި މުހައްމަދު ޝައްފާން އިސްމާއީލް އަތުން ބަލިވި މުންސިފު އިއްޔެ ތަށި ހޯދީ ހަވީރު ކުޅުނު ފޯރިގަދަ ފައިނަލްގައި ސްރީލަންކާގެ ރަސިކާ މަނޯޖް އަތުން 4-3 ސެޓުން މޮޅުވެގެންނެވެ. އިއްޔެގެ މެޗުގެ ފުރަތަމަ ސެޓު، މަނޯޖް ގެންދިޔައީ 11-9 އިންނެވެ.
އެ ސެޓު ގެންގޮސް މަނޯޖް ވަރުގަދަކޮށް ފެށި ނަމަވެސް، މުންސިފް ވަނީ ދެން ކުޅުނު ތިން ސެޓު، 08-11، 08-11 އދި 11-07 އިން ގެންގޮސްފައެވެ. ބެސްޓް އޮފް ސެވަން ސެޓަށް ކުޅުނު ފައިނަލް މެޗުގައި ދެން ކުޅުނު ދެ ސެޓު އަނެއްކާވެސް ގެންދިޔައީ މަނޯޖެވެ. އެއީ 11-06 އާއި 11-04 އިންނެވެ. އެއާއެކު ޓައި ބްރޭކާ ސެޓަކަށް ގޮސް، މުންސިފުން މެޗުން މޮޅުވީ 13-11 އިން ފަހު ސެޓު ގެންގޮސްގެންނެވެ.
މިދިޔަ އަހަރުގެ ޓީޓީ އެސޯސިއޭޝަން ކަޕްގައިވެސް ދީމާއާއި އައިޝަތު ރަފާ ނާޒިމް ވާދަކުރި އިރު، މިފަހަރު ދީމާ ފައިނަލް މެޗު ގެންދިޔައީ ސީދާ ހަތަރު ސެޓުންނެވެ. އެއީ 10-12، 10-7 އަދި 11-6 އިން ސެޓުތައް ގެންގޮސްގެންނެވެ.
ދީމާ ވަނީ އިތުރު ކާމިޔާބީތައްވެސް މުބާރާތުގައި ހޯދައިފައެވެ. އެގޮތުން އޭނާ ވަނީ 19 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަމާއި އަންހެން ޑަބަލްސް ޗެމްޕިއަންކަންވެސް ހޯދައިފައެވެ. އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ދީމާއާއި ރަފާގެ ޕެއާއިންނެވެ. މިފަހަރު މިކްސް ޑަބަލްސް ޗެމްޕިއަންކަން މުންސިފާއި ރަފާގެ ޕެއާއިން ހޯދި އިރު، ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ މުންސިފާއި އަލީ އާދަމް މަނިކުގެ ޕެއާއެވެ.
ނަވާރަ އަހަރުން ދަށުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ދީމާއާއި އަހްޔާރު އަހުމަދު ހާލިދުގެ ޕެއާއިން ހޯދި އިރު، 17 އަހަރުން ދަށުގެ ޗެމްޕިއަނުންނަކީ މަލާކް ބިންތު މުއިއްޒާއި ޒީކް ހަސަން ލަތީފެވެ. 19 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އަހްޔާރެވެ.
ފަނަރަ އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަން، އުމެއިރު ވަނީ އެ އުމުރުފުރާގެ ޑަބަލްސްގެ އިތުރުން، 17 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން، ޒީކް ހަސަން ލަތީފްއާ އެއް ޕެއާ އަކަށް ކުޅެެގެން ހޯދައިފަ އެވެ. އަދި 17 އަހަރުން ދަށުގެ މިކްސް ޑަބަލްސްގެ ރަނަރަޕްކަން ހޯދީ އުމެއިރު އާއި މިޝްކާ މުހައްމަދު އިބްރާހިމްގެ ޕެއާ އެވެ.
ތޭރަ އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި އައިޝަތު އަލްސާ ނާފިޒު ވަނީ 15 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ވެސް ހޯދައިފައެވެ. އަދި 15 އަހަރުން ދަށުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަލްސާއާއި މަލަކްގެ ޕެއާއެވެ.
ޓޭބަލް ޓެނިސް
ޓޭބަލް ޓެނިސް
ޓޭބަލް ޓެނިސް