ސިނަމާލެ ބުރިޖުގެ ލޭނެއް މަދުކޮށްފައިނުވާނެ ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން، ސައިކަލަށް ހާއްސަ ލޭނެއް ބުރިޖުގައި ހަދަން އެންގެވީ ބުރިޖުގެ މަޝްރޫއު ނިމެން ކައިރިވެފައިވަނިކޮށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގައި ކުރިން ހުންނެވި އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން ވެރިކަންކުރާ މައި ޕާޓީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ބުދަ ދުވަހު "ސަންގު ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ 2018 ވަނަ އަހަރު ސިނަމާލެ ބުރިޖު ހުޅުވުމަށް މަސައްކަތް ކުރަމުން ދިޔަ އިރު, ބުރިޖުގެ އެއް ލޭން މަދު ކަމަށް ވިދާޅުވެ ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ކޯފާވެވަޑައިގެން ޔާމީން ވާހަކަފުޅުދެއްކެވި ކަމަށެވެ. އެގޮތުން ޕީޕީއެމްގެ އޮފީހުގައި ވަޒީރުންގެ ކުރިމަތީގައި ރައީސް މުއިއްޒު ކީރިތި ކުރައްވަންދެން އެމަނިކުފާނާ ދިމާލަށް ޔާމީން "ބަވާލި" ކަމަށެވެ.

"އެ ދުވަހު ޔާމީން ވިދާޅުވީ އެއް ލޭން މަދުކަން ތިމަންނައަށް މިއަދުއޭ މި އެނގުނީ ކިޔާފައި މުއިއްޒަށް ހެސްކިޔާފައި ބަވާލީ،" އަބްދުއްރަހީމް ވިދާޅުވެފައިވެއެވެ.

"ސަންގު ޓީވީ" އަށް ރައީސް މުއިއްޒު މިރޭ ދެއްވި އިންޓަވިއުއެއްގައި ވަނީ އެ ވާހަކަތައް ވަރަށް ބޮޑަށް ތަފުސީލު ކޮށްދެއްވައިފައެވެ. ރައީސް ވިދާޅުވީ ބުރިޖުގެ މަޝްރޫއުގެ ތެރެއަށް ހައުސިން މިނިސްޓްރީ ހިމަނާފައިވަނީ 2014 ވަނަ އަހަރުގެ އޮކްޓޫބަރު ނުވަތަ ޑިސެމްބަރުގައި ކަމަށެވެ. ރައީސް އޮފީހުން 2014 ސެޕްޓެމްބަރު 25 ގައި ފޮރިން މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި ވަނީ ބުރިޖުގެ އިމްޕްލިމެންޓޭޝަން އެޖެންސީއާއި އެކްޒެކިއުޝަން އެޖެންސީ ކޮބައިތޯ ސާފުކޮށްދިނުމަށް އެދިފައި ކަމަށެވެ.

ރައީސް ވިދާޅުވީ އެ ސިޓީއަށްފަހު ބުރިޖުގެ މަޝްރޫއުގެ ހިންގުމާއި އެ މަޝްރޫއުގެ ކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ވަނީ ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުކޮށްފައި ކަމަށެވެ. އޭގެ ކުރިން ބުރިޖު މަޝްރޫއުގައި އެއްވެސް ވަރަކަށް ބައިވެރިވެވަޑައިގެންފައިނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ދެންނެވި ތާރީހަށްފަހު އެ ޕްރޮޖެކްޓުގައި ހިނގި ހުރިހާ ކަމެއް އެނގޭނެ. މި ދެންނެވި ތާރީހުގެ ފަހުން ޕްރޮޖެކްޓުގައި މި ދެންނެވި އެއްވެސް ބަދަލެއް އައިސްފިއްޔާ އަޅުގަނޑަށް ވަރަށް ސާފުކޮށް އެނގޭނެ. އޭގެ ފަހުން މި ދެންނެވި ސެޕްޓެމްބަރު، އޮކްޓޫބަރު 2014 ގެ ފަހުން ޕްރިލިމިނަރީ ޑިޒައިން ސްޓޭޖުގައި، ޕްރީ ފީޒިބިލިޓީ ސްޓޭޖާއި، ފީޒިބިލިޓީ ސްޓޭޖާއި، ކޮންސެޕްޓް ޑިޒައިނިންއާއި، ޑީޓެއިލް ޑިޒައިންއާ މި ހުރިހާ މަރުހަލާއެއް ދިޔައީ އޭގެ ފަހުން އަޅުގަނޑުގެ ބެލުމުގެ ދަށުން. އެއްވެސް އިރެއްގައި ލޭނުގެ އަދަދު ބަދަލުވެފައެއް ނެތް. އެންމެ ފުރަތަމަ ވެސް އަޅުގަނޑާ ހަވާލުވި ހިސާބުން އޮތީ ހަމަ ކޮޅަކަށް ދެ ލޭން، ދެން ސައިޑުގައި ޕެޑިސްޓްރިއަން ނޫނިއްޔާ ބައިސްކަލް ދުއްވާ ގޮތަށް ކަނޑައެޅިފަ ބައި އޮތީ ހިމަނާފަ" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ހެވީ ވެހިކަލްތަކަށް ކަނޑައަޅާފައިވާ ލޭނު އިތުރަށް ފުޅާކުރުމުން ބުރިޖުގެ ފުޅާމިނަށް މީޓަރެއް އިތުރުވެފައިވާނެ ކަމަށެވެ. އެއީ ބުރިޖުގެ މަސައްކަތް ކުރަމުންދާ ޗައިނާ ކޮމިއުނިކޭޝަން ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އިން ބޭނުންވެގެން ކަމަށް ރައީސް ވިދާޅުވިއެވެ. ބުރިޖުގެ އަސްލު ފުޅާމިނަކީ 20 މީޓަރު ކަމަށާއި ނަމަވެސް ހެވީ ވެހިކަލް ލޭން ފުޅާކުރުމުން ބުރިޖުގެ ޖުމުލަ ފުޅާމިން 21 މީޓަރަށް ބަދަލުވީ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 2014 ގެ ސެޕްޓެމްބަރު، އޮކްޓޫބަރުގެ ކުރިން ބުރިޖާ ގުޅޭގޮތުން ހިނގައިދިޔަ އެއްވެސް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ހައުސިން މިނިސްޓްރީއާ މުއާމަލާތް ކުރުމުގެ ގޮތުން ފޮނުވި އެއްވެސް ސިޓީއެއްގައި އެއަށްވުރެ އިތުރަށް ލޭނު ހުރިކަމެއް ބަޔާންކޮށްފައިނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނަކީ ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް ޔޫތު ކައުންސިލް (އީވައިސީ)ގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށާއި އެފަދަ ހުރިހާ މަޝްވަރާއެއް ކުރާނީ އެ ކައުންސިލުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

"މަޝްރޫއު ނިމެން ގާތްގަނޑަކަށް މަހަކަށް ކައިރިވެފައި އޮއްވައި ރައީސް ޔާމީން، އެއިރު އޮންނާނެ ބުރިޖު ކޮމިޓީއެއް ހައްދަވާފަ އެ މަނިކުފާނު. އަޅުގަނޑުމެން ކޮމިޓީއަށް ގެންދަވާފަ ވިދާޅުވީ މިއީ ސައިކަލު ދުއްވަން، ސައިކަލެއް ވަކި ލޭނެއް، ފިޒިކަލީ ވަކިކޮށް ލޭނެއް އޮންނަން ޖެހޭނެ ކަމެއް. ދެން އަޅުގަނޑުމެންނަށް ވަރަށް އުނދަގޫ ކަމަކަށްވި ވަކި ލޭނެއް އެގޮތަށް ކަނޑައަޅަން،" ރައީސް ވިދާޅުވިއެވެ.

ބުރިޖުގެ މަސައްކަތް ނިމެން ކައިރިވެފައިވަނިކޮށް އާ ލޭނެއް ކަނޑައެޅުމަކީ އެހާ ފަސޭހަ ކަމަކަށް ވެގެންނުދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންވެ ޔާމީން އެދިވަޑައިގެންނެވީ ޕެޑިސްޓްރިއަން ނުވަތަ ބައިސްކަލް ލޭން، ސައިކަލް ދުއްވާ ލޭނަށް ބަދަލުކޮށްދެއްވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ޔާމީން އެގޮތަށް އެދިވަޑައިގަތުމުން އެ ލޭނަށް ސައިކަލެއް އަރުވައިގެން ދުއްވޭތޯ ބެލި ކަމަށާއި އަދި ރައީސް އޮފީހުގައި ހުންނަ ވަރަށް ހަނި ކޮރިޑޯއެއްގެ ތެރޭގައި ވެސް ސައިކަލް ދުއްވޭތޭ ބަލައިފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ސައިކަލް ދުއްވޭހާ ފުޅާމިން ލިބެން ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. އެކަން ޔާމީނަށް އަންގާފައިވާނެ ކަމަށާއި އެއިރު ވަނީ ބުރިޖު ހުޅުވާ ދުވަސް ކަނޑައަޅައިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ބުރިޖު ހުޅުވަން ހަފުތާއަކަށް ވެފައިވަނިކޮށް ސައިކަލު ލޭނު ނެތްކަމަށް ވިދާޅުވެ ޔާމީން ވަނީ ބުރިޖު ހުޅުވުން ކެންސަލް ކުރަން އަންގާފައި ކަމަށް ރައީސް ވިދާޅުވިއެވެ. ޔާމީން އެގޮތަށް އެންގީ ބުރިޖު މަތީގައި އެކްސިޑެންޓުތައް ހިނގާ މިންވަރު އިތުރުވެދާނެތީ ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް ފަހުން ފޯނު ގުޅުއްވައިގެން ސައިކަލު ލޭނެއް ކަނޑަނޭޅުނު ސަބަބު ކިޔައިދެއްވުމުން ވަނީ ބުރިޖު ހުޅުވުމުގެ ކަންކަން ރާވާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް އަންގަވާފައި ކަމަށް ރައީސް ވިދާޅުވިއެވެ.