ސްޕެނިޝް ލަލީގާގެ އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ރޭ ކުޅުނު ލީގު މެޗުގައި ލަސް ޕަލްމާސްއާ އެއްވަރުވެއްޖެއެވެ.

ރޭ ރަށުން ބޭރުގައި ރެއާލުން ލަސް ޕަލްމާސްއާ އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް މި ސީޒަނުގެ ލީގުގައި ރެއާލުން ކުޅުނު ތިން މެޗުގެ ތެރެއިން އެޓީމުން ވަނީ ދެ މެޗުން އެއްވަރުވެފައެވެ. އެޓީމުން ފުރަތަމަ ކުޅުނު މެޗުގައި މޯޔާކާއާ އެއްވަރުވެފައިވާ އިރު، ދެން ކުޅުނު މެޗުގައި ރެއާލް ވަލޮޑޮލައިޑް ބަލިކުރިއެވެ. އަދި ރޭ އެއްވަރުވެ، އެޓީމަށް ތިން މެޗުން ލިބިފައިވަނީ ފަސް ޕޮއިންޓެވެ.

އެންމެފަހުން ރެއާލުން ލީގުގައި ކުޅުނު 35 މެޗުން ބަލިވެފައި ނުވާ އިރު، ރޭ ކެނަރީ އައިލެންޑްގެ ލަސް ޕަލްމާސްއިން ވަނީ މެޗުގެ ކުރީކޮޅުގައި ލީޑު ނަގައިފައެވެ. އޮލީ މެކްބާނީގެ ހުރަހަކުން އެ ގޯލު ކާމިޔާބުކޮށްދިނީ ޒުވާން ކުޅުންތެރިޔާ އަލްބާޓޯ މޮލެއިރޯއެވެ.

އެ ގޯލާއެކު ލަސް ޕަލްމާސްއިން މެޗުން މޮޅުވާން ދަނިކޮށް، ދެވަނަ ހާފުގައި ރެއާލުން އެއްވަރުކުރީ ޕެނަލްޓީއެއްގައެވެ. އެލެކްސް ސުއަރޭޒް އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީގައި ރެއާލަށް އެއްވަރުކޮށްދިނީ ވިނީޝިއަސް ޖޫނިއާއެވެ.

ފަހު ހާފުގައި ރެއާލުން މޮޅުވާން ކުރި މަސައްކަތުގައި ކިލިއަން އެމްބާޕޭއާއި އެންޑްރިކްގެ ހަމަލާތައް ފެނުނެވެ. ލީގުގައި ކުރިން ކުޅުނު އެއްވެސް މެޗަކުން އެމްބާޕޭގެ ފަރާތުން ގޯލެއް ފެނިގެން ގޮސްފައި ނުވާ އިރު، ރޭވެސް އޭނާއަށް ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ.