ޔޫއެފާ ކޮންފަރެންސް ލީގު ޕްލޭ އޮފް ދެވަނަ މެޗުގައި ރޭ ސްވިޒަލޭންޑްގެ ސަވެޓް ކައިރިން ބަލިވި ނަމަވެސް، އެގްރިގޭޓް ނަތީޖާއިން މޮޅުވެ، ޗެލްސީން ކޮންފަރެންސް ލީގަށް ކޮލިފައިވެއްޖެއެވެ.

ޗެލްސީން ސަވެޓާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މޮޅުވެފައި އޮތީ 2-0 ގެ ނަތީޖާއަކުންނެވެ. ރޭ ސްވިޒަލޭންޑްގެ ޖެނީވާގައި ކުޅުނު ދެވަނަ ލެގުގެ މެޗުން ޗެލްސީ ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އެހެންކަމުން ޗެލްސީން ކޮންފަރެންސް ލީގަށް ކޮލިފައިވެފައިވަނީ އެގްރިގޭޓް 3-2 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގެ ކުރީކޮޅުގައި ޗެލްސީން ވަނީ ލީޑު ނަގައިފައެވެ. އެޓީމުން 14 ވަނަ މިނެޓުގައި ގޯލު ޖެހީ ޕެނަލްޓީއެއްގައެވެ. އޭރިއާ ތެރެއިން ޗެލްސީގެ މިހައިލޯ މުޑްރީކަށް، ސަވެޓްގެ ކެއިގޯ ޓްސުނެމޮޓޯ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ، ގޯލުގެ ސީދާ ކަނަށް އަމާޒުކޮށްލައިގެން ޗެލްސީއަށް ލީޑު ނަގައިދިނީ ކްރިސްޓޮފާ އެންކުންކޫއެވެ.

ރޭގެ މެޗަށް ޗެލްސީން ވަނީ ފުރަތަމަ 11 އަށް ބަދަލުތަކެއް ގެނެސްފައެވެ. ލީގު މެޗުގައި ކުޅުނު ގިނަ ކުޅުންތެރިންތަކަކަށް ކޯޗު އެންޒޯ މަރެސްކާ ރެސްޓް ދީފައިވާ އިރު، ސަވެޓުން ވަނީ ހާފު ނިމުމުގެ ކުރިން އެއްވަރުކޮށްފައެވެ. އެ ގޯލު ޖެހީ ޖެރެމީ ގުއިލެމެނޮޓެވެ.

ދެވަނަ ހާފުގައި ސަވެޓުން ލީޑުވެސް ނަގާފައިވާ އިރު، އެޓީމަށް ލީޑު ނަގައިދިނީ ބަދަލަކަށް ނުކުތް އެންޒޯ ކްރިވެލީއެވެ. އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީވެސް ބަދަލަކަށް ނުކުތް މިރްސްލާވް ސްޓެވަނޮވިޗެވެ.

އިތުރު ގޯލަކާއެކު ސަވެޓަށް މެޗު އިތުރު ވަގުތަށް ގެންދެވެން އޮތް ނަމަވެސް، ޗެލްސީން ވަނީ ފަހުކޮޅުގައި ސްކޯ ހިފަހައްޓާލައިފައެވެ.