ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން (ބީއޭއެމް) ގެ ވާހަކަ އަނެއްކާވެސް ތަކުރާރުކުރަން ޖެހިއްޖެއެވެ. ފިޔަވަޅު އެޅި ނަމަވެސް، ހައްލުވާގޮތުގެ ކޮޅުމައްޗެއް އަދި ނުފެނެއެވެ. ކޮމިޝަނާ އޮފް ސްޕޯޓްސްގެ ފިޔަވަޅެއް އެ އެސޯސިއޭޝަނަކަށް ކަމަކުވެސް ނުދިޔައެވެ. އެ ފިޔަވަޅާ ދެކޮޅަށް ކޯޓަށްވެސް ދާން ހިނގައިގެންފިއެވެ. އަދި ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިޔުއެފް) ގެ ތެރެއިން، ރާއްޖެއަށް އިންޒާރެއްވެސް އައިސްފިއެވެ. އެއީ އާންމުކޮށް އެސޯސިއޭޝަންތަކުން ބޭނުންކުރާ ހަތިޔާރެއް ކަމަށްވެސް ބައެއް ކުޅިވަރު ތަޖުރިބާކާރުން ގަބޫލުކުރެއެވެ. މީގެ ކުރިންވެސް ކުޅިވަރުގައި އެ މަންޒަރު ފެނުނެވެ.
ދުނިޔޭގެ ފެޑަރޭޝަނުންތަކުން އަންގާ އެންގުމަކީ ގިނަ ފަހަރަށް ދޭ މައުލޫމާތުން އަންގާ އެންގުންތަކެވެ. އެކަމުގެ ހަގީގަތް ބަލައި ހިސާބަށް ގިނަ ފަހަރު ދަނީ ކައުންސިލްތަކުން ނިންމާ ނިންމުންތަކަށް ބިނާކޮށް، ހިންގާ ތަހުގީގުންނެވެ. ދުނިޔޭގެ ޖަމިއްޔާތަކަށްވެސް އެންމެ މުހިންމުވަނީ، އެ ޖަމިއްޔާގެ ދަށުން ހިންގަމުންދާ އެސޯސިއޭޝަންތައް، އެ އެސޯސިއޭޝަން ނިސްބަތްވާ ގައުމުގެ ކުޅިވަރު ގާނޫނުގެ ތެރެއިން ހިންގޭތޯ ބެލުމެވެ. އެހެންވެ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ފަދަ ޖަމިއްޔާތަކަށްވެސް އެންމެފަހުން ޖެހިފައި އޮތީ ރާއްޖޭގެ ގާނޫނީ އިމުގެ ތެރެއަށް ފެތޭށެވެ. ނޫންނަމަ، އެ އިދާރާތަކުގެ މައްސަލަވެސް ބަލާނެކަން ފެންނަމުން ދެއެވެ. ކޮރަޕްޝަނާއި، ގާނޫނީ އިމުން ބޭރުގެ އިހުމާލުތައް، އެސޯސިއޭޝަން ހިންގަނީ ރާއްޖޭގައި ނަމަ، ބެލެންވެސް ޖެހޭނެތާއެވެ.
ދާދި މިޒާތުގެ މައްސަލައެކެވެ. ބީއޭއެމްއަށްވެސް އޮތީ ކޮރަޕްޝަނުގެ ހިޔަންޏެވެ. އެ އިދާރާގެ ހިންގުމުގެ ދޯހަޅިކަން، އަސާސީ ގަވާއިދުގައި ކުރަން ޖެހޭ ކަންކަން އެކަށީގެންވާ ގޮތެއްގައި ނުކުރާކަން ސާފުކޮށް ފެންނަމުންވެސް ދެއެވެ. އޭސީސީންވެސް ބަލަމުންދަނީ އެ މައްސަލައެވެ. ތުހުމަތުތައްވެސް ކުރެވިފައި އޮތީ އަސާސީ ގަވާއިދުން ބޭރުގައި ކަންކަން އޮތުމުންނެވެ. ދައުރު ހަމަވިއިރު އިންތިހާބަކާ ހަމައަށް ނުދެވުނީ "ވެރިކަމަށް ކޮށާފައިވާ އެތިކްސްއިން ބޭރު" މަގުތަކެއްގެ ސަބަބުންނެވެ. އެކަންކަން އިސްލާހުކުރަން އެސޯސިއޭޝަނަށް އެންގީވެސް ހުދު ބެލެނިވެރި ފަރާތް، ކޮމިޝަނާ އޮފް ސްޕޯޓްސްއިންނެވެ. އެހެންކަމުން އިސްލާހު ކުރުމުގައި ފަހަތަށް ޖެހެންދެން ދައްކަން ޖެހޭ މާ ބޮޑު ހުއްޖަތެއް އޮތް ހެނެއް ހީއެއް ނުވެއެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ މައްސަލަތައް އިންތިހާއަށް ގިނައެވެ. ހަގީގަތުގައި އެސޯސިއޭޝަންގެ ރައީސަކަށް ކުރިން ހުންނެވި، މޫސާ ނާޝިދު (މޫސަ)ގެ މައްޗަށް ކުރާ ކޮރަޕްޝަނާއި ނުފޫޒުގެ ތުހުމަތުތައް އަލުން ކިޔަައިދޭކަށް ނުޖެހޭނެއެވެ. އެ މައްސަލައާ ގުޅިގެން އޭސީސީން ވަނީ އެސޯސިއޭޝަނަށްވެސް ވަދެފައެވެ. އެފަހަރު އޭސީސީން ބުނީ ކޯޓު އަމުރެއްގެ ދަށުން ބީއޭއެމްގެ ރައީސް މޫސައާ ގުޅުންހުރި ބައެއް ތަންތަން ބަލަމުން އަންނަ ކަމަށެވެ.
އެ ހާލަތަށް ކަންކަން ދިއުމުން އަވަސް އަރުވާލައިގެން އިއުލާނުކުރި އެސޯސިއޭޝަނުގެ އިންތިހާބު ފުރަތަމަ މަޑުޖެހުނީ މާޗު މަހުގެ ތެރޭގައެވެ. އެހެން ނަމަވެސް، އެ އިންތިހާބު ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލާއި އޭސީސީންވެސް ހުއްޓުވިއެވެ.
ދެން އޮތީ ލިޔެކިޔުމާއި ޕްރޮކިއުމަންޓްގެ މައްސަލައެވެ. ދާދިފަހުން ބީއޭއެމްގެ ހަރަދުތަކާ ގުޅޭގޮތުން މައުލޫމާތު ހޯދަން، އައިމަން ލަތީފް (ޕިކޯ) އިންފޮމޭޝަންސް ކޮމިޝަނަރު މެދުވެރިކޮށް، އެދުމުން އެކަން ކުރެވިފައެއް ނުވެއެވެ. އެކަމުގެ ފުރަތަމަ އަޑުއެހުމުގައި ބެޑްމިންޓަން އެސޯސިއޭޝަންގެ އިސް ފަރާތެއްގެ ގޮތުގައި ބައިވެރިވީ، އެންމެ ފަހުން އޮތް އެ އެސޯސިއޭޝަނުގެ ހިންގާ ކޮމެޓީގެ ނައިބު ރައީސް، އަހުމަދު ޝާކިރު މޫސާއެވެ.
އެ އަޑުއެހުމުގައި ޝާކިރު ފާހަގަކުރެއްވީ ބީބީއޭއެމްގެ ޕްރޮކިއުމެންޓް މައުލޫމާތާއި، އަހަރީ ހަރަދު ރިޕޯޓުތައް ސްޕޯޓްސް ކޮމިޝަނަރަށް ހުށަހަޅުއްވާ ނަމަވެސް، ފަސޭހައިން ދެވޭނެ ގޮތަކަށް މިވަގުތު ނެތް ކަމަށެވެ. އޭނާ ދެއްކެވި އެއް ސަބަބަކީ ސާވާއަށް ދިމާވި މައްސަލައެވެ. ދެން އައިމަން ކުރެން އެސޯސިއޭޝަނުން އެދުނީ ޕްރިންޓް ކުރަން ހަރަދު ދާތީވެ، އެ އިދާރާގެ އޮފީހަށް ގޮސް ފޮޓޯ ކޮޕީ ނަގައި، ފޮޓޯވެސް ނެގުމަށެވެ. ޑިޖިޓަލީ ފައިލް ދޭން ދެކޮޅު ހަދައި، އެސޯސިއޭޝަނުން ބުނީ ކުޑަކުޑަ އޮފީހެއްގައި ގިނަ އަހަރުތަކެއްގެ ފައިލްތައް ބަހައްޓާނެ ޖާގަ ނެތް ކަމަށެވެ.
އެސޯސިއޭޝަނުގެ ހިންގާ ގަވާއިދުގެ 32 ވަނަ މާއްދާގައިވާ ގޮތުން އަހަރީ އާއްމު ޖަލްސާގައި އަހަރީ ރިޕޯޓާއި ފައިސާގެ ހަރަދުބަރަދު އާއްމު މެމްބަރުންނާ ހިއްސާ ކުރަން ޖެހޭނެއެވެ. ކޮންމެ އަހަރަކު ތައްޔާރުކުރަމުންދާ ލިޔެކިޔުންތަކެއް އެސޯސިއޭޝަނުގައި ރައްކާކުރެވިފައި ނެތުމަކީ ގަބޫލުކުރެވޭނެ ހަމައެއް ނޫނެވެ. އެސޯސިއޭޝަންގެ ހިންގާ ގަވާއިދުގެ 25 ވަނަ މާއްދާގެ ނ ގައި ހަޒާންދާރުގެ މަސްއޫލިއްޔަތުގައި މަހުން މަހަށް އެސޯސިއޭޝަންގެ ހިސާބުތަކުގެ ރިޕޯޓު ތައްޔާރުކުރަން އޮވެއެވެ. އަދި އެ ރިޕޯޓުގައި ލިބުނު ފައިސާއާއި ހިނގި ހަރަދު އަދި ލިބެންހުރި ފައިސާއާއި ހަރަދު ކުރަން ކަނޑައަޅާފައިވާ ފައިސާގެ ހިސާބު ސާފުކޮށް އެނގެން އޮންނަންވާނެ ކަމަށް ބުނެފައިވެއެވެ. އެހެންކަމުން ފައިސާގެ ޑޮކިއުމެންޓްތައް ނުދެވުން އެއީ ބުއްދީގެ ހަމައަކުން ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ.
އެސޯސިއޭޝަނުގެ ދައުރު ހަމަވެ، ފަސް މަސް އިތުރުވެގެން ދިޔަ އިރު، އެސޯސިއޭޝަނުގެ އެކްސްކޯ މަގާމުތަކުގައި ތިބި މީހުން ގާނޫނީ އިމުން ބޭރުވެ، އެސޯސިއޭޝަނުގެ ފައިސާގެ ގިނަ މައްސަލަތަކެއްވެސް ފެންމަތިވެފައިވެއެވެ. އެގޮތުން ކުޅުންތެރިންނާ ގުޅުންހުރި އެތައް މައްސަލައެއް ޥޭށޤ ފެންމަތިވެފައިވެއެވެ. ހާއްސަކޮށް ރާއްޖޭގެ އެންމެ އެލީޓް ކުޅުންތެރިންނަށް އެސޯސިއޭޝަނުގެ ގޯހުން އަސަރު ކޮށްފައިވެއެވެ. އެއީ އެސޯސިއޭޝަނެއްގެ ހިންގުން ބޮއްސުންލައިގެން ގޮސް، ދިމާވާނެ އެންމެ ބޮޑު ހިތްދަތިކަމެވެ.
- ނިބާލްގެ އޮލިމްޕިކްސް ސްކޮލާޝިޕަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތު
ގައުމީ ބެޑްމިންޓަން ޓީމުގެ ނިބާލް އަހުމަދަށް ޕެރިސް އޮލިމްޕިކްސް ސްކޮލަޝިޕުން ލިބުނު ފައިސާގެ ބޭނުން ނަހަމަ ގޮތުގައި ބީއޭއެމްއިން ހިންގިކަމަށް ބުނާ މައްސަލައެއް ދާދިފަހުން ފެންމަތިވެފައިވާ އިރު، އެ ހަރަދުތައް ކޮށްފައިވާ ގޮތުގެ ތަފްސީލު "ވަން ސްޕޯޓްސް"އަށްވެސް ވަނީ ލިބިފައެވެ. ލިޔެކިޔުންތަކުގައިވާ ގޮތުން ނިބާލްގެ ސްކޮލާޝިޕަށް ލިބުނު ފައިސާއިން އެސޯސިއޭޝަނުގެ ބޭނުންތައް ފުއްދާފައިވެއެވެ. އަދި އެ ހާލަތަށް ގޮސް، ނިބާލަށް ދޭން ޖެހޭ ފައިސާ ނުދެވި ލަސްވުމުގެ އިތުރުން، ދޭން ޖެހޭ ވަރަށް ނުދެވި ވާކަންވެސް "ވަން ސްޕޯޓްސް"އަށް ނިބާލްގެ ފަރާތުން ވަނީ ޔަގީންކޮށްދީފައެވެ.
ނިބާލްގެ ސްކޮލާޝިޕުގެ އެއްބަސްވުމުގައިވާ ގޮތުން އޮލިމްޕިކް ކޮމިޓީން ސްކޮލަޝިޕްގެ ފައިސާ ކޮންމެ މަހަކަށް 1500 ޑޮލަރުގެ މަގުން ކޮންމެ ހަތަރު މަހަކުން 6000 ޑޮލަރު ބެޑްމިންޓަން އެސޯސިއޭޝަނަށް ޖަމާކުރަމުންދިޔައެވެ. އެހެން ނަމަވެސް، އެންމެ ފަހުން ޖަމާކޮށްދިން 6000 ޑޮލަރުގެ ތެރެއިން އެސޯސިއޭޝަނުން ނިބާލަށް ދީފައިވަނީ 1700 ޑޮލަރެވެ. ބާކީ 4300 ޑޮލަރު ރިއެމްބާސް ކޮށްފައިވަނީ ނިބާލަށް ކުރި ހަރަދުގެ ގޮތުގައި ބެޑްމިންޓަން އެސޯސިއޭޝަންގެ ބަޖެޓަށެވެ.
މެލޭޝިއާގައި މިވަގުތު ތަމްރީނު ފުރިހަމަކުރަމުންދާ ނިބާލަކީ އަރުތައާއި އޮލިމްޕިކް ސްކޮލާޝިޕްގެ އިތުރުން ބީޑަބްލިޔުއެފްގެ ސްކޮލާޝިޕެއްގައި ހުރި އެތުލީޓަކެވެ. ހަރަދުތައް ކުރަމުންދަނީ އެސޯސިއޭޝަން މެދުވެރިވެގެންނެވެ. އޮލިމްޕިކް ސްކޮލާޝިޕްގައި ނިބާލަށް ލިބެން ޖެހޭ ފައިސާ އޮލިމްޕިކްސް ކޮމިޓީން ޖަމާކުރަމުން ދިޔަ ނަމަވެސް، އެސޯސިއޭޝަނުން ނިބާލް އަތުން އެ ހަރަދުތައް ކުރުވަން މަސައްކަތް ކޮށްފައިވެއެވެ. އަދި އެސޯސިއޭޝަނުން އެ ފަންޑު "މިސް ޔޫސް" ކުރުމުގެ ސަބަބުން ބައެއް ފަހަރު، އޭނާއަށް މުބާރާތްތަކަށް ދާން އުނދަގޫތައްވެސް ދިމާވިއެވެ.
"ވަން ސްޕޯޓްސް"އަށް ލިބިފައިވާ ޑޮކިއުމެންޓްތަކަށް ބަލާ އިރު، ނިބާލްގެ ސްކޮލާޝިޕް ފައިސާއިން މޮރިޝަސްގައި ބޭއްވުނު މުބާރާތެއްގައި ގައުމީ ޓީމުގެ އެކޮމަޑޭޝަން، އެންޓްރީ ފީ، ކެއުމަށް ހަރަދުކޮށްފައިވެއެވެ. އަދި ޔޫތު މިނިސްޓްރީން މުސާރަ ދޭ ގޮތަށް ގެނެސްފައި ހުރި ކޯޗެއް ކަމަށްވާ، ގައުމީ ބެޑްމިންޓަން ޓީމުގެ ކޯޗުކަމާ ހަވާލުވެ ހުރި، ކީ ޔޫންއަށް މިނިސްޓްރީން މުސާރަދެމުން ދަނިކޮށް، 10 މަހުގެ މުސާރައަށްވާ ނުވަ ލައްކައަށްވުރެ ގިނަ ރުފިޔާ ނިބާލްގެ ސްކޮލާޝިޕުން ދީފައިވެއެވެ.
- ނަބާގެ އޮލިމްޕިކްސް ތައްޔާރީތަކަށް އަސަރު
އެސޯސިއޭޝަނުގެ ކަންކަން ބޮއްސުންލައިގެން ގޮސް، އޮލިމްޕިކްސްއަށް ދިޔަ ބެޑްމިންޓަން ތަރި ފާތިމަތު ނަބާހާ (ނަބާ)، އޮލިމްޕިކްސްގެ ކުރިއަށް ތަމްރީނުތަކަކަށް ދެކުނު ކޮރެއާއަށް ދާން މަސައްކަތްކުރި ކުރުންވެސް ވަނީ ފެއިލްވެފައެވެ. ނަބާހާ މިފަހަރު އޮލިމްޕިކްސްގެ ކުރީން ރަނގަޅު ފެންވަރުގެ ތަމްރީނުތަކެއް ހެދުމަށް ދެކުނު ކޮރެއާއިން ފުރުސަތު ހޯދީ ގައުމީ ބެޑްމިންޓަން ޓީމުގައި ހުރި ދެކުނު ކޮރެއާގެ ކޯޗާ މަޝްވަރާ ކުރުމަށްފަހުއެވެ.
ނަބާހާއަށް ކޯޗު ފުރުސަތު ހޯދައިދިނީވެސް ކޮރެއާގެ އެންމެ ވަރުގަދަ ބެޑްމިންޓަން ޔުނިވާސިޓީތަކުންނެވެ. އެގޮތުން ތިން ޔުނިވާސިޓީއަކުން ހޯދައިދިން ފުރުސަތާއެކު ނަބާހާ ވަނީ ކޮރެއާއަށް ތަމްރީނުތަކަށް ދިއުމަށް ހަރަދު ހަމަޖެއްސުމަށް ސްޕޯޓްސް މިނިސްޓްރީއާއި މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީއާއެކު މަސައްކަތްކޮށް، އެކަން ކާމިޔާބުވެސް ކޮށްފައެވެ. އެހެންނަމަވެސް ބީބީއޭއެމްއިން ނަބާއަށް ވިސާ ހަމަނުޖައްސައި އޮތްކަން އެނގުނީ ފުރަން އޮތް ރޭގައެވެ.
އޭގެ އިތުރުން ރާއްޖޭގައި މިއަހަރު ބާއްވަން އޮތް މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް ވެސް އެސޯސިއޭޝަނުން އެދިގެން މިހާރު ވަނީ ކެންސަލްކޮށްފައެވެ. އެއީ އެތައް ކުޅުންތެރިންނަކަށް ލިބުނު ފުރުސަތެއް ގެއްލުމެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ މައްސަލަ ބޮޑުވެ، ބީޑަބްލިޔުއެފްއާއި އޮލިމްޕިކްސް ކޮމިޓީގެ އިތުރުން ކޮމިޝަނާ އޮފް ސްޕޯޓްސްވެސް ވަނީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. ބީޑަބްލިޔުއެފްއިންވެސް ގަބޫލުކުރާ ކުރުންތަކަކީ އެސޯސިއޭޝަނުގެ ކަންތައްތަކެއް ރަނގަޅުވާން ޖެހޭ ކަމަށް ގަބޫލުކުރާ ގަބޫލުކުރުންތަކެކެވެ. އެ މައްސަލައިގައި މަޝްވަރާތައްވެސް ކުރުމަށްފަހު ކޮމިޝަނަރު އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެސޯސިއޭޝަންގެ ހިންގުން އެ އިދާރާގެ މުއައްސިސް، ސްޕޯޓްސް ކައުންސިލާ ހަވާލުކުރައްވަން ނިންމަވާފައިވާ ކަމަށެވެ.
"ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގުން ވަގުތީގޮތުން އެ އެސޯސިއޭޝަންގެ މުއައްސިސް (ކުޅިވަރާބެހޭ ގައުމީ މަޖިލިސް) އާ ހަވާލުކުރުމަށް ނިންމައި، އެކަން އެ އެސޯސިއޭޝަނަށް ވާނީ އަންގާފައި. އަދި އެސޯސިއޭޝަންގެ އާ ހިންގާ ކޮމިޓީ އިންތިހާބުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ މަޝްވަރާއާއެކު ވަނީ ފެށިފައި،" ތޮލާލް ވިދާޅުވިއެވެ.
އެ ނިންމެވުން ބީއޭއެމްއަކަށް ރަނގަޅެއް ނުވިއެވެ. އެކްސްކޯގެ ދައުރު ހަމަވެފައި ތިއްބެވި މެމްބަރުންގެ ފަރާތުން މައްސަލަ މިހާރު ވަނީ ސިވިލް ކޯޓަށް ވައްދައިފައެވެ. އެދިފައިވަނީ ސިޓީއަކީ ގާނޫނުން ބޭރުން ފޮނުވާފައިވާ ސިޓީއެއް ކަމަށް ކަނޑައަޅައިދިނުމަށާއި އެ ނިންމުމަށް އަމަލުކުރަން ފަސްކުރުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދޭ ކަމަށެވެ. އަދި ބީޑަބްލިޔުއެފްގެ ސިޓީއަކާ ހަވާލާދީ، އެ އިދާރާގެ ގާނޫނީ ވަކީލު އަލީ ސައީދު "ވަން ސްޕޯޓްސް"އަށް ވިދާޅުވީ ބީޑަބްލިޔުއެފްއިން ރާއްޖެއަށް ފިޔަވަޅު އަޅާނެކަން އަންގާފައިވާ ކަމަށެވެ.
ބީއޭއެމްއިން މިދިޔަ މަހު 18 ވަނަ ދުވަހު ފޮނުވި ސިޓީއަކަށް ހަވާލާދީ ބީޑަބްލިޔުއެފްއިން ބުނެފައިވަނީ ބީއޭއެމްއާއި އެމްއޯސީ އަދި ބީޑަބްލިޔުއެފްއިން މަޝްވަރާ ކުރަމުން ދަނިކޮށް ނިންމި ނިންމުމުން، މައްސަލަތައް ހައްލުވުމާ ދުރަށް ދިޔަ ކަމަށެވެ. އަދި ބީޑަބްލިޔުއެފްއިން ބޭނުންވީ އެ ތިން ފަރާތުން ހިމެނޭ އެޑްހޮކް ކޮމިޓީއަކުން މައްސަލަތައް ހައްލުކުރަން ކަމަށްވެސް ބަޔާން ކޮށްފައިވެއެވެ.
އޭގެ އިތުރުން ބީޑަބްލިޔުއެފްއިން ބުނީ ކޮމިޝަނަރުގެ އެ ނިންމުމަކީ ސަރުކާރުން ނުފޫޒު ފޯރުވަން ކުރި ކަމެއް ކަމަށް ބެލެވިދާނެ ކަމަށާއި، ބީއޭއެމްގެ އަސާސީ ގަވާއިދު އިސްލާހުކުރަން ޖެހޭ ކަމަށް ގަބޫލުކުރާ ހާލު، އެމްއޯސީގެ ކިބައިން އެދެނީ ބީޑަބްލިޔުއެފްއިން އެދުނު ގޮތަށް ކަންކަން ކުރުމަށް ކަމަށެވެ. އެ ނޫން ގޮތަކަށް ކަންތައް ކުރާނަމަ، ބީޑަބްލިޔުއެފްގެ ކައުންސިލަށް ހުށަހަޅައިގެން މައްސަލަ ބަލާނެ ކަމަށް ބުނެފައިވެއެވެ.
އެ ސިޓީ ބީޑަބްލިޔުއެފްއިން ފޮނުވީ ބީއޭއެމްގެ ސިޓީއެއްގެ މައުލޫމާތަށް ރިއާޔަތްކޮށްފައި ނަމަވެސް، ބީއޭއެމްއިން ފޮނުވި ސިޓީ، އެ އެސޯސިއޭޝަނުން ވަނީ ސިއްރުކޮށްފައެވެ. އެ ސިޓީގައި ވަނީ ސަސްޕެންޝަނަކަށް ދިއުމަށްވުރެ ބޮޑަށް ކައުންސިލުން މައްސަލަ ބަލާނެކަން ކަމަށް ފާހަގަވެއެވެ.
ބީއޭއެމްގެ މައްސަލައިގައި އޭސީސީން މިދިޔަ ދެ ދުވަހުވެސް އެތަނުގެ އިދާރާއަށް ވަންނަން ކުރި މަސައްކަތް ކާމިޔާބުނުވާ ކަމަށް އެސޯސިއޭޝަނުން ބުނެފައިވެއެވެ. އެއީ އޭސީސީން ގެންދާ ބަލާ ފާސްކުރުމުގެ އަމުރުގައި ކަންތައްތައް ފުރިހަމަ ނުކުރެވި އޮންނާތީ ކަމަށް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
"އޭސީސީއަކީ ފުލުހުންނެކޭ އެއްފަދައިން މައްސަލަ ބަލާތަނެއް ނަމަވެސް، ފުލުހުންނަށް ލިބިދޭ ބާރުތަކެއް ލިބިފައިވާ ބައެއް ނޫން. އޭސީސީން ގާނޫނާއި ގަވާއިދާ އެއްގޮތަށް ވަކި ހައްދެއްގެ ތެރޭގައި ކަންކަން ބަލަން ޖެހޭނީ. ގެންނަވާ އަމުރުގައި ނޯވޭ އެތަނަށް ވަނުމުގެ އެއްވެސް މާއްދާއެއް ބަޔާންކޮށްފައެއް. އަދި އަމުރު އެޑްރެކްސް ކޮށްފައި އޮތީވެސް ބީއޭއެމްގެ ރައީސް އައިޝަތު ސަމާހާއަށް. އެއީ އެސޯސިއޭޝަނާ ގުޅޭ ފަރާތެއް ނޫން. މިވަގުތު އެސޯސިއޭޝަން ހިންގަވަން މި ހުންނެވީ ނައިބު ރައީސް ޝާކިރު. އެހެންވީމަ އެކަންކަން ފުރިހަމަ ކުރަން އެދިފައިވާނެ،" ވަކީލު ސައީދު ވިދާޅުވިއެވެ.
"މިހާރު އަޅުގަނޑުމެން އެ ތަހުގީގަށް އެއްބާރުލުން ދެއްވުމަށް ބޭނުންވާ ލިޔެކިޔުމެއް އަންގާލަ ދިނުމުން ފޯރުކޮށްދޭން ވާނީ އެދިފައި. ބޮޑަށް ސިފަވަނީ ކޯޓަށް މައްސަލަ ހުށަހެޅީމަ ހިނގަމުންދާ ކަންތައްތަކެއްގެ ގޮތުގައި،" ސައީދު އިތުރަށް ފާހަގަކުރެއްވިއެވެ.
ސައީދު ފާހަގަކުރެއްވި ސަމާހާއަކީ ނޭޝަނަލް ސްޕޯޓްސް ކައުންސިލްގައި ހިމެނޭ މެމްބަރެކެވެ. އަދި އޭނާއަކީ މީގެ ކުރިން ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުވެސް ފުރުއްވި ފަރާތެކެވެ.
ބީއޭއެމްގެ މައްސަލައިގައި އޭސީސީން ކުރަމުންދާ ތަހުގީގުގައި އެސޯސިއޭޝަނުން މައުލޫމާތު ހޯދުމުގެ ބަދަލުގައި މިވަގުތަށް، އެސޯސިއޭޝަނުން ވެފައިވާ އިހުމާލު ހޯދަން ބެލެނިވެރި ފަރާތްތަކުން މައުލޫމާތު ހޯދުން އެއީ މުހިއްމު ކަމެއް ކަމަށް ފެނެއެވެ. އެމްއޯސީގެ ސްކޮލާޝިޕަކަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތުގައި އެ އިދާރާގެ ކިބައިން މައުލޫމާތު ހޯދުން މުހިއްމު ކަމަށް ފެނެއެވެ. އަދި އެހެން މައްސަލަތަކުގައިވެސް އެސޯސިއޭޝަނަށްވުރެ ބޮޑަށް، އެސޯސިއޭޝަންގެ ބެލެނިވެރި ފަރާތްތަކުން މައުލޫމާތު ހޯދޭނެ ކަމަށް ބޮޑަށް ބެލެވެއެވެ.
މިވަގުތު ހާލަތު އޮތް ގޮތުން، ބީޑަބްލިޔުއެފްގެ ސިޓީއަކަށް މަޑުޖެހެވޭނެ ޖާގައެއް ހަގީގަތުގައި ނެތެވެ. އެއީ އެންމެ އެކަށޭނެ އުސޫލުކަމަށް ބީޑަބްލިޔުއެފަށް ފެނުނީ، އެގޮތަށް އެކަން ސިފަކޮށްދިނީމަ ކަމަށް ބެލެވެއެވެ. ހަގީގަތުގައި މައްސަލަ ހައްލުކުރަން ވިސްނާ ވިސްނުމެއްގައި، މައްސަލަ އުފެއްދި ފަރާތްތައް އެސޯސިއޭޝަނުގައި ތިބުން އެއީ އެންމެ ރަނގަޅު ގޮތް ކަމަކަށް ނުފެނެއެވެ. ދައުރު ހަމަވެ، އެކަމަށް ހައްލު ހޯދަންވެސް މިވަގުތު އޭރު ތިބި ހިންގާ ކޮމިޓީން އެސޯސިއޭޝަން ހަމައަކަށް އަޅުވަން ކަމަށްބުނެ ކުރާ މަސައްކަތްތަކުގައި އިހުލާސްތެރިކަމެއް ނެތޭ ބުނެވިދާނެއެވެ.
ހައްލަކީ ފިޔަވަޅު އަޅާ ހާލަތަށް ދިޔަސް، އެސޯސިއޭޝަނުގެ ކަންކަން ބެލުމެވެ. މީގެ ކުރިންވެސް އެހާލަތަށް ޖެހިލުންވެ، ދެމުންދިޔަ ދޫތަކުގެ ސަބަބުން، އެތައް ކަމެއް އެހެން އެސޯސިއޭޝަންތަކުގައިވެސް ގޯހުން ގޯހަށް ގޮސްފައިވެއެވެ. އެސޯސިއޭޝަނުގެ މަސްލަހަތަކީ ބެޑްމިންޓަން ހިމާޔަތް ކުރުމެވެ. ބެޑްމިންޓަން ދުނިޔޭ ފެޑަރޭޝަނުގެ އެންގުމުގައި އޮތީ ކައިންސިލުން މައްސަލަ ބަލާނެ ކަމަށެވެ. މައްސަލަ ބެލުމަށް ރާއްޖޭގެ އިދާރާތަކަށް އެދޭ އެދުމުން އެ ޖަމިއްޔާއަށް ކަންކަން ސާފުވާ ހިސާބުން މައްސަލަ ހައްލުކުރުމަށް ގޮތެއް ހޯދޭނެ ކަމަށް ފެނެއެވެ. ސިޓީގައި ވާ ވާހަކައިން ދޭހަވާ ގޮތުގައި ބީޑަބްލިޔުއެފްއިންވެސް އެސޯސިއޭޝަނުގެ ހިންގާ ގަވާއިދަށް ބަދަލު ގެނެސް، ހަރުދަނާ ކުރަން ބޭނުންވެއެވެ. ސްޕޯޓްސް ކޮމިޝަނަރަށް ލިބިދޭ ބާރުގެ ދަށުން ކުޅިވަރު އިދާރާތަކަށް ބާރު ހިންގެން ހަގީގާތުގައި ޖެހެއެވެ. އެންމެ ފުރަތަމަ ރާއްޖޭގެ ގާނޫނީ އިމުން ބެލެން ޖެހޭ މައްސަލަތައް ބެލެން ޖެހެއެވެ. އަނެއްކާވެސް ނިވާފަތްގަނޑަކަށް ދުނިޔޭގެ ޖަމިއްޔާ ހަދައި، މަޑުކުރުމުގެ މާނައެއް ނެތެވެ.
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް