އަންހެން ބެޑްމިންޓަންގެ ރާއްޖޭ މުބާރާތްތައް މިހާރަށްވުރެ ބޮޑަށް ވާދަވެރިކޮށް ކުޅެވުން އެއީ ލިބޭނެ ކުރިއެރުމެއް ކަމަށް މިހާރު ކުރިއަށްދާ 50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ އަންހެން ސިންގަލްސް ތަށި ހޯދި، ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު އެއް އަންހެން ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަބްދުއްރައްޒާގު (ނަބާ) ބުނެފިއެވެ.
މިއީ ނަބާހާ ގައުމީ މުބާރާތް ކާމިޔާބުކުރި ފަސްވަނަ ފަހަރެވެ. ގައުމީ މުބާރާތް އެންމެފަހުން 2023 ވަނަ އަހަރު ބޭއްވި އިރު، އެފަހަރު ފައިނަލުގައި ނަބާހާ ވަނީ އެއްމާބަނޑު ކޮއްކޮ އައިމިނަތު ނަބީހާއާ ވާދަކޮށް ބަލިވެފައެވެ. އެހެން ނަމަވެސް ނަބާހާ މިފަހަރު ހޯދި ކާމިޔާބީއާއެކު އޭނާ ވަނީ 2018، 2019، 2021ގެ އިތުރުން 2022 ވަނަ އަހަރުވެސް ގައުމީ ޗެމްޕިއަންކަން ހޯދައިފައެވެ.
"ބްރޭކަކަށްފަހު ރާއްޖޭގެ 50 ވަނަ ގައުމީ މުބާރާތް ކާމިޔާބުކުރެވުމަކީ ލިބުނު އުފަލެއް. ނަބާ އަސްލު ބުނާނީ ފައިނަލުން އަސްލު ޓަފް ކޮމްޕެޓިޝަންއެއް މި ލިބުނީ. އެއީ ނަބީއާއެކު ކުޅެލައިގެން. ދެން އެ ކުޅުނު މެޗުތައް އަސްލު އެހާ ވާދަވެރިއެއް ނޫން. ނަބާ އުންމީދުކުރަން ދެން އަރަން ތިބި ކުޅުންތެރިންވެސް މިހާރަށްވުރެ ރަނގަޅަށް ކުރިއެރުން ހޯދައި، ނަބާ މެންނާވެސް ވާދަކޮށް، ތަށިވެސް ހޯދާނެ ކަމަށް. އޭރުން އަސްލު ކުރިއެރުން އަންނާނީ ބޮޑަށް،" ނަބާހާ "ވަން ސްޕޯޓްސް"އަށް ބުންޏެވެ.
މިފަހަރު މުބާރާތުގެ ޓީމް އިވެންޓަށްފަހު ދެން ނަބާހާއާއި ނަބީހާވެސް މިސްރާބު ޖަހާނީ ޖަޕާނަށެވެ. އެއީ އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރުމުގައެވެ. އެ ދެ ކުޅުންތެރިންގެ އިތުރުން ދެން ރާއްޖޭގެ ބެޑްމިންޓަން ޓީމުގައި ހިމެނެނީ ޒަޔާން ޒަކީއާއި ނިބާލް އަހުމަދެވެ.
ނަބާހާ ބުނީ އޭޝިއަން ގޭމްސްގައި ރަނގަޅު ވާދައެއް ކުރެވޭ ވަރަށް މިހާރު ތައްޔާރުވެވިފައިވާ ކަމަށެވެ.
"އޭޝިއަން ގޭމްސްއަކީ އެންމެ ޓަފް އެއް މުބާރާތް. ގޭމްސްއަށް ތައްޔާރުވާން ޓްރައިން ކުރަމުން މިދަނީ. ދެން މުބާރާތް ނެގުމަކީ އަދި ދުރުގައި އޮތް ކަމެއް ނަމަވެސް، ރަނގަޅަށް ވާދަކުރަން މި މަސައްކަތް ކުރަނީ. ހިތްހަމަ ޖެހޭ ވަރަށް ޕާފޯމް ކުރެވޭނެ ކަމަށް އުންމީދުކުރަނީ. އަސްލު ރާއްޖޭގެ ބެޑްމިންޓަންގައި މިއުޅޭ ޒުވާން ކުދިންވެސް މިހާރު ބައިނަލްއަގުވާމީ މެޗުތަކުގައި ދަނީ ރަނގަޅަށް ވާދަކުރަމުން. އެހެންވީމަ ދެން ކުރިއަށް އޮތްތަނުގައި ރަނގަޅުވާނެ،" ނަބާހާ އިތުރަށް ބުންޏެވެ.
މުޙައްމަދު ޝަމްޢޫން
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން
ކޮމެންޓް