"އެނބުރި އައިފަހުން ޓްރެއިނިން ހަދާތާ މިވީ އެއް އަހަރާއި ބައިވަރު. އެކަންކަމަށް ބަލާފަ ވަރަށް އުފާވޭ އަސްލު. މިއީ އިހުސާސްތައް ބަޔާންކޮށްދޭންވެސް ނޭނގޭ ކަހަލަ އުފާވެރިކަމެއް،"
ގައުމީ 50 ވަނަ ބެޑްމިންޓަން މުބާރާތުގެ ސިންގަލްސް ތަށްޓާއެކު، ވ. ކެޔޮދުއަށް އުފަން، އުމުރުން 22 އަހަރުގެ ހައިޝަމް އިބްރާހިމް އަލީ "ވަން ސްޕޯޓްސް"އަށް ބުންޏެވެ.
ހައިޝަމްގެ ކާމިޔާބީ ހާއްސަވާ ސަބަބުތައް އެބަހުއްޓެވެ. އޭނަ ގައުމީ ޗެމްޕިއަންކަމަށް ކުރި ދަތުރަކީ އެކަމުގައި ބޮޑު ޗެލެންޖަކާ ކުރިމަތިވި ދަތުރެކެވެ. ހައިޝަމް ވަނީ ބެޑްމިންޓަނާ ދުރަށްވެސް ޖެހިފައެވެ. އޭނާ ބުނީ ކެރިއަރުގައި ދިމާވި އުނދަގޫ ވަގުތުތަކަކަށްފަހު އަލުން އެނބުރި އާދެވުމަކީ ތަފާތު އިހުސާސެއް ގެނެސްދިން ކަމެއް ކަމަށެވެ. ބެޑްމިންޓަނާ ދުުރުގައި ހޭދަކުރި ދުވަސްތަކުގައި އެހެން ވަޒީފާއަކަށްވެސް ދިޔަ ކަމަށް ހައިޝަމް ބުނެފައިވާ އިރު، އެނބުރި އައިސް އަލުން ގައުމީ ސްކޮޑުން ޖާގަ ހޯދުމަކީ ކެރިއަރު އަލުން ޓްރެކަށް އެޅުމަށް ލިބުނު ފުރުސަތެއް ކަމަށް އޭނާ ބުންޏެވެ.
އިންޓަ ސްކޫލް މުބާރާތްތަކުން ފަށައިގެން ކުޅެމުން އައި ހައިޝަމަކީ 2022 ވަނަ އަހަރުވެސް ރާއްޖޭގައި ހުރި އެންމެ އުންމީދީ އެއް ތަރިއެވެ. ރިވައިވަލްގެ ސްކޯލާޝިޕްގައި އޭނާ ތައްޔާރުވީ އެންމެ ބޮޑު އެއް އިވެންޓް، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ގައި ރާއްޖެ ތަމްސީލުކުރުމަށެވެ. އެ އުންމީދުގައި މަސައްކަތް ކުރި ނަމަވެސް، ރަނގަޅު އިންސާފުވެރި ފުރުސަތެއް ނުލިބި، ހައިޝަމް ވަނީ ސްކޮޑުން ބާކީވެފައެވެ. އެ މާޔޫސްކަމުގައި ހައިޝަމް ބެޑްމިންޓަނުން ބްރޭކެއް ނެގީ، އެތައް ގުރުބާނީއެއްވުމަށްފަހު އެކަމަށް އެކަށޭނެ ޖާގައެއް ނުލިބުމުންނެވެ.
ހައިޝަމްގެ ހިތުގައި ބެޑްމިންޓަނަށް އޭރުވެސް އިންތިހާއަށް ލޯބި އޮތް ނަމަވެސް، އެތައް ޒިންމާތަކެއް ހުރުމުން އެނބުރި އުފަން ރަށަށް ދިރިއުޅުންވެސް ބަދަލުކުރިއެވެ. އެއަށްފަހު ޓޫރިޒަމް ދާއިރާގައި ވަޒީފާގައި އުޅުނު ނަމަވެސް، ރިވައިވަލްއާވެސް ދިޔައީ ގާތް ގުޅުމެއް ބާއްވަމުންނެވެ. ކޯޗުންނާވެސް އޮތް ގާތް ގުޅުމާއެކު ހައިޝަމް އަލުން ބެޑްމިންޓަނަށް އެނބުރި އައީ ގައުމީ ސްކޮޑުގެ ސިލެކްޝަނުގައި ވާދަކުރުމަށެވެ. އެ ސިލެކްޝަނުގައި ވާދަކޮށް، ހައިޝަމް ވަނީ ގައުމީ ސްކޮޑުން ޖާގަވެސް ހޯދައިފައެވެ.
"އެނބުރި އައީ ގައުމީ ޓީމުގެ ޗާންސެއް ހޯދަން. އެކަން ކުރެވި، ގައުމީ ތަށި ލިބުމަކީ ހާއްސަކަމެއް. އެހިސާބުން އަނެއްކާވެސް މިހުރީ ގަދަކޮށް ކުރިއަށްދާން. އެނބުރި އައުމަށް ބޮޑަށް ވިސްނީ ސްޓްރެންތު ރަނގަޅު ކުރުމަށް. ރަނގަޅަށް ގައިގައި ވަރުޖެއްސުމަށް. އެއީ ޖިމަށް ގޮސްގެންނާއި ގިނައިރު ދުވެ ކަންތައް ކޮށްގެން އެކަމަށް އެންމެ ބޮޑު މަސައްކަތެއް ކުރީ. ދެން ކޯޗުންގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރީ،" ހައިޝަމް ބުންޏެވެ.
ހައިޝަމް ބުނީ ރިވައިވަލްއާއެކު ލިބޭ އެންމެ ބޮޑު ފަސޭހައަކީ، ވަރަށް ވާދަވެރި ކުޅުންތެރިންތަކަކާ އަބަދުވެސް ކުޅެން ލިބުން ކަމަށާއި، ތަމްރީނުތަކުގެ އިތުރުން އެކިއެކި މުބާރާތްތަކުގައިވެސް ވާދަވެރި ކުޅުންތެރިންނާ ކުޅުމަކީ ކޮންފިޑެންސް ރަނގަޅުވާ ކަމެއް ކަމަށެވެ. ހައިޝަމް އިތުރަށް ބުނީ ޓާގެޓް މިހާރު ހުރީ އަންނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ އިތުރުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ކަމަށެވެ.
"މިހާރު އައިއޯއައިޖީއާއި ސައުތު އޭޝިއަން ގޭމްސް ހައިޝަމް ގޭމްސް ޓާގެޓަކީ. ދެން އިންޓަނޭޝަނަލް އިތުރު ކާމިޔާބީތަކަށްވެސް މަސައްކަތް ކުރަން ބޭނުންވޭ،" ހައިޝަމް ބުންޏެވެ.
މުޙައްމަދު ޝަމްޢޫން
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން
ކޮމެންޓް