"ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން 2026" ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެންބަރު މަހުގެ 13 އިން 19 އަށް މާލޭގެ އެކުވެނި ބެޑްމިންޓަން ކޯޓުގައެވެ. ދިރާގުން ބުނި ގޮތުގައި، މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 25 ގައެވެ.
މި އަހަރުގެ މުބާރާތް ކުރިއަށްދާނީ 9، 11، 13، 15، 17 އަދި 19 އަހަރުން ދަށުގެ އުމުރުފުރާތަކަށް ބަހާލައިގެންނެވެ. މީގެ އިތުރުން، ފާއިތުވި އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ މުބާރާތުގައިވެސް ޕެރާ ނުވަތަ ސްޕެޝަލް އޮލިމްޕިކްސް ކެޓަގަރީ ހިމެނޭނެއެވެ. ބެޑްމިންޓަން ކްލަބާ ގުޅިގެން ދިރާގުން އިންތިޒާމުކުރާ މި މުބާރާތް ކުރިއަށްގެންދަނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ އެންޑޯޒްމަންޓާއެކުގައެވެ.
މި މުބާރާތުގެ މައިގަނޑު އަމާޒަކީ ވާދަވެރި މާހައުލެއްގައި ދިވެހި އަދި ބައިނަލްއަގުވާމީ ޒުވާން އެތުލީޓުންގެ ހުނަރު ކުރިއެރުވުމަށް ފުރުސަތުތަކެއް ފޯރުކޮށްދިނުމެވެ. މިއީ ޒުވާނުން ބާރުވެރިކުރުވައި ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ތަރައްގީކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ބާއްވާ މުބާރާތެކެވެ. ދިރާގަކީ ރާއްޖޭގައި ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށާއި، ދިވެހި މުޖުތަމައުއަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
މިދިޔަ އަހަރު ބޭއްވި މުބާރާތުގައި 8 ގައުމަކުން ޖުމްލަ 347 ކުޅުންތެރިން ބައިވެރިވެފައިވާ އިރު، އޭގެ ތެރޭގައި ބައިނަލްއަގުވާމީ 30 އެތުލީޓުން ހިމެނެއެވެ. އަދި އެ މުބާރާތުގައި ޖުމްލަ 733 މެޗު ކުޅެފައިވެއެވެ. މިއީ ޖޫނިއާ ފެންވަރުގައި ބެޑްމިންޓަން ކުޅިވަރަށް އޮތް މަގުބޫލުކަން އިތުރުވަމުން އަންނަކަން ހާމަކޮށްދޭ އަދަދުތަކެއް ކަމަށް ދިރާގުން ބުނެއެވެ.
ދިރާގު
ދިރާގު
ދިރާގު
ކޮމެންޓް