މިހާރު ކުރިއަށްދާ 50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލުން މޮޅުވެ ފާތިމަތު ނަބާހާ އަބްދުއްރައްޒާގު (ނަބާ) ފަސް ވަނަ ފަަހަރަށް ގައުމީ ތަށި ހޯދި އިރު، ފިރިހެން ސިންގަލްސް ތަށި ވ. ކެޔޮދުއަށް އުފަން ހައިޝަމް އިބްރާހިމް އަލީ ހޯދައިފިއެވެ.

މިފަހަރު ބެޑްމިންޓަން ގައުމީ މުބާރާތް ބާއްވަމުން މިދަނީ މެދުކެނޑުމަކަށްފަހުއެވެ. ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ އިދާރީ މައްސަލަގަނޑެއްގެ ތެރެއިން އެ އިދާރާ ސަސްޕެންޝަނަކަށްވެސް ގޮސްފައިވާ އިރު، އޭގެފަހުން އާ އެކްސްކޯއާއެކު މުބާރާތްތައް ފެށީ މިއަހަރުއެވެ. މިއަހަރު އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ނަބާ ހޯދި އިރު، އެ ފައިނަލުގައިވެސް އޭނާ ވާދަކުރީ އެއްމާބަނޑު ކޮއްކޮ އައިމިނަތު ނަބީހާއާ ދެކޮޅަށެވެ.

ގައުމީ މުބާރާތް އެންމެފަހުން 2023 ވަނަ އަހަރު ބޭއްވި އިރު، އެފަހަރު ފައިނަލުގައި ނަބާހާ ވަނީ ނަބީހާ ކައިރިން ބަލިވެފައެވެ. އެހެން ނަމަވެސް ނަބާހާ މިފަހަރު ހޯދި ކާމިޔާބީއާއެކު އޭނާ ވަނީ 2018، 2019، 2021ގެ އިތުރުން 2022 ވަނަ އަހަރުވެސް ގައުމީ ޗެމްޕިއަންކަން ހޯދައިފައެވެ.

މިއަދު ކުޅިވަރު އެކުވެނީގައި ކުރިއަށްދިޔަ ސިންގަލްސް ފައިނަލުގައި ނަބީހާ ތަށި ހޯދީ 15-6 އަދި 15-12 އިން ސެޓުތައް ގެންގޮސްގެންނެވެ.

ފިރިހެން ސިންގަލްސް ފައިނަލުގައި ހައިޝަމް ވާދަކުރީ ނިބާލް އަހުމަދާ ދެކޮޅަށެވެ. ހައިޝަމް އަލުން ކުޅެން ފަށާފައި ވަނީ މެދުކެނޑުމަކަށްފަހުއެވެ. އޭނާ 2023 ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ފޯކަސްކޮށްގެން މަސައްކަތް ކުރަމުންދިޔަ ނަމަވެސް، އެފަހަރު ރަނގަޅު އިންސާފުވެރި ސިލެކްޝަންއެއް ނުބާއްވުމުން ގައުމީ ސްކޮޑުން ފުރުސަތު ގެއްލުމާއެކު، އެހިސާބުން ވަނީ ދުވަސްގަނޑަކަށް ބެޑްމިންޓަނާ ދުރަށް ޖެހިލައިފައެވެ.

އެއަށްފަހު މިއަހަރު އަލުން އެނބުރި އައިސް ގައުމީ ސްކޮޑުން ފުރުސަތުވެސް ހޯދައި، ރޭންކިން ރަނގަޅުވެސް ކޮށްފައިވާ އިރު، މިފަހަރު ފައިނަލް ކާމިޔާބުކުރީ ވާދަވެރިކޮށެވެ. ސެމީ ފައިނަލުގައި 2023 ވަނަ އަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން ހުސައިން ޒަޔާން ޝަހީދު ޒަކީވެސް ބަލިކުރި ހައިޝަމްއާއި ނިބާލް ވާދަކުރި ފައިނަލް ހައިޝަމް ކާމިޔާބުކުރީ 2-1 ސެޓުންނެވެ.

ފުރަތަމަ ސެޓު ހައިޝަމް 17-15 އިން ގެންދިޔަ ނަމަވެސް ނިބާލް ވަނީ ދެވަނަ ސެޓު، 8-15 އިން ގެންގޮސްފައެވެ. ހައިޝަމް ފަހު ސެޓު ގެންދިޔައީ 15-12 އިންނެވެ.

ގައުމީ މުބާރާތުގެ ދެވަނަ ޑިވިޝަން އަދި އެއްވަނަ ޑިވިޝަންގެ އިންޑިވިޖުއަލް ފައިނަލްތައް މިއަދު ކުޅެފައިވާ އިރު، އަންހެން ޑަބަލްސް ޗެމްޕިއަނުންނަކީ ނަބާހާއާއި ނަބީހާއެވެ. އައިޝަތު އަފްނާން ރަޝީދާއި މައިސާ ފަތުހުﷲ އިސްމާއީލްގެ ޕެއާއާ ވާދަކޮށް ނަބާހާއާއި ނަބީހާ ސެޓުތައް ގެންދިޔައީ 15-4 އަދި 15-8 އިންނެވެ.

ފިރިހެން ޑަބަލްސް ފައިނަލުގައި ޒަޔާނާއި ނިބާލްގެ ޕެއާ، ހައިޝަމްއާއި މުހައްމަދު ހަލަފް އިމްރާންގެ ޕެއާއާ ވާދަކޮށް، ޒަޔާނާއި ނިބާލް ސެޓުތައް ކާމިޔާބުކުރީ 15-7، 15-7 އިންނެވެ. މިކްސް ޑަބަލްސް ޗެމްޕިއަންކަން ނަބާހާއާއި ޒަޔާންގެ ޕެއާއިން ނެގި އިރު، ވާދަކުރީ ނިބާލްއާއި ނަބީހާގެ ޕެއާއާއެވެ. ފުރަތަމަ ސެޓު ނިބާލްއާއި ނަބީހާގެ ޕެއާ، 11-15 އިން ގެންދިޔަ ނަމަވެސް އަނެއް ދެ ސެޓު، ޒަޔާންއާއި ނަބާހާ ގެންދިޔައީ 15-13 އަދި 17-15 އިންނެވެ.

އަންހެން ދެވަނަ ޑިވިޝަނުގެ ސިންގަލްސް ތަށި ހަދީޖާ ޒާރާ ހަމީދު ނެގި އިރު، ދެވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަނަކީ ހުސައިން މުހައްމަދެވެ. ދެވަނަ ޑިވިޝަނުގެ ޑަބަލްސް ނެގީ އައިމިނަތު ނަސީމާއާއި ޝިފާނާ ހުސައިންގެ ޕެއާގެ އިތުރުން ހުސައިން މުހައްމަދު އަަދި މުހައްމަދު އިކްރާމްގެ ޕެއާއެވެ. އަންހެން މިކްސް ޑަބަލްސް ތަށި ނެގީ އަލީ މުއާޒާއި ފާތިމަތު ޝަންނަގެ ޕެއާއެވެ.