ކ. ތިލަފުށި ތަރައްގީކުރުމަށް ހިއްކަންޖެހޭ ސަރަހައްދުތައް ހިއްކުމަށްފަހު ސްލޯޕިން މަސައްކަތް ކުރަމުންދާތީ އެ ސަރަހައްދުގެ ފަޅުގައި އަޅާފައިވާ އުޅަނދުތައް ނަގަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ނަގަންޖެހޭނީ "އޭރިއާ އީ" ގައި އަޅާފައިވާ އުޅަނދުތައް ކަމަށެވެ. އެ އުޅަނދުތައް މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ނަގަންވެސް ވަނީ އަންގައިފައެވެ.

އެޗްޑީސީން ބުނީ، ހަތް ދުވަހުގެ ތެރޭގައި އެ ސަރަހައްދުން އުޅަނދުތައް ނުނަގައިފިނަމަ ތިލަފުއްޓާއި ގުޅިފަޅުގެ ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަކެއްޗާ މެދު އަމަލުކުރުމުގެ އުސޫލުގެ ދަށުން އެ އުޅަނދުތަކާ މެދު އަމަލުކުރާނެ ކަމަށެވެ.

އަދި ތިލަފުށި ހިއްކައި ތަރައްގީކުރުމަކީ ވިޔަފާރިވެރިންނަށް ފުރުސަތު ފަހިކޮށްދިނުމަށް މި ކޯޕަރޭޝަނުން ކުރިއަށްގެންދާ މަޝްރޫއެއްކަމުން އެކަމަށް ހުރިހާ ފަރާތްތަކުންވެސް އެއްބާރުލުން ދިނުމަށްވެސް އެ ކުންފުނިން އެދިފައިވެއެވެ.