މި ވަގުތު ރާއްޖޭގެ ފުޓްބޯޅަ ހާލަތު އޮތްގޮތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް، އޭޝިއަން ޗެލެންޖް ލީގުގައި ވާދަކުރަން އޮތީ އުނދަގޫ ހާލަތެއްގައި ކަމަށާއި އެހެން ނަމަވެސް ރަނގަޅު ނަތީޖާއެއް ނެރުން އެއީ މުހިންމު ކަމެއް ކަމަށް އެ ޓީމަށް އަލަށް ހަވާލުވި ކޯޗު، ޑްރަގާން ޑުކަނޯވިޗް ބުނެފިއެވެ.

ކުރީގެ ޔޫގޯސްލާވިއާ އަށް ނިސްބަތްވާ ކްލަބުތަކަށް ކުޅުމަށްފަހު 2013 ވަނަ އަހަރު ކޯޗުކަމަށް ނުކުތް ޑުކަނޯވިޗް ވަނީ ސާބިއާގެ ކްލަބުތަކުގެ އިތުރުން ބަންގްލަދޭޝްގެ ޝެއިހް ރުސެލް އާއި އިންޑޮނޭޝިއާގެ ބޯނެއޯ ސަމަރިންޑާ އަދި ޕީއެސްއައިއެސް ސެމަރާންގްގައިވެސް މަސައްކަތްކޮށްފައެވެ. އޭގެ އިތުރުން އޭނާ ވަނީ ގްރީސްގެ ކަރައިސްކަސިސް އާއި އެގަލެއޯއަށްވެސް ކޯޗުކަން ކޮށްދީފައެވެ.

އުމުރުން 54 އަހަރުގެ ޑުކަނޯވިޗް މާޒިޔާއާ ހަވާލުވީ ކުރިއަށް އޮތް އޭއެފްސީ ޗެލެންޖް ލީގަށެވެ. ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު މި ވަގުތު އޮތް ގޮތުން، ލީގު ފެށޭނެ ދުވަހެއް ނޭނގި އޮތް ނަމަވެސް، މާޒިޔާ އިން ދަނީ އޭއެފްސީން އަލަށް ބާއްވަން ނިންމާފައިވާ އޭއެފްސީ ޗެލެންޖް ލީގުގައި ރާއްޖެ ތަމުސީލުކުރަން ތައްޔާރުވަމުންނެވެ.

ރާއްޖޭގެ ލީގު ހުއްޓިފައި އޮންނަތާ މިހާރު ގާތްގަނޑަކަށް އަހަރެއްވެފައިވާ އިރު، މާޒިޔާ އިން ޗެލެންޖު ލީގުގައި ވާދަކުރަން ޖެހޭނީ ވަރުގަދަ ޓީމުތަކަކާ ދެކޮޅަށެވެ. ޗެލެންޖު ލީގުގައި މާޒިޔާ ހިމެނޭ ގްރޫޕްގައި ދެން ހިމެނެނީ ކިރިގިސްތާނުގެ ޗެމްޕިއަން އަބްދީޝް- އާޓާ ކާންޓާއި މިދިޔަ އަހަރު ކުވައިތު ލީގުގެ ރަނަރަޕް އަލް-އަރަބީގެ އިތުރުން ތުރުކެމެނިސްތާންގެ ޗެމްޕިއަން އަރްކަޑާގެވެ.

ޗެލެންޖު ލީގުގައި ޓީމުތައް ވާދަކުރާނީ ދެ ފަޅިއަކުންނެވެ. އެއީ ވެސްޓް ރީޖަންއާއި އީސްޓް ރީޖަންއިންނެވެ. ދެ ރީޖަންގެ މެޗުތައްވެސް ސެންޓްރަލައިޒްކޮށް ހޯސްޓް ކުރަން އޭއެފްސީން ނިންމާފައިވާ އިރު، މާޒިޔާ ހިމެނޭ ގްރޫޕްގެ ހޯސްޓް ޓީމަކީ ކުވައިތުގެ އަރަބީއެވެ. އެހެންކަމުން އެ ގްރޫޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅޭނީ ކުވައިތުގައެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ތާވަލުކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 26، 29 އަދި ނޮވެމްބަރު މަހުގެ އެކަކަށެވެ.

"މާޒިޔާ ހުށަހެޅުމާއެކު ފުރަތަމަވެސް އަހަރެން ވިސްނި ކަންތައްތަކަކީ ރާއްޖޭގެ ފުޓްބޯޅަ މި ވަގުތު އޮތް ހާލަތާ ގުޅޭ ކަންތައްތައް. ލީގު ކުރިއަށް ނުދާކަންވެސް އެނގޭ. އަދި އޭޝިއާ މުބާރާތަށް ދާން ޖެހެނީ މެޗެއް ނުކުޅެ ތިބެފައިކަންވެސް އެނގޭ. އަހަންނަށް މިއީ ޗެލެންޖެއް. އަދި އަހަންނަށް އެނގޭ މާޒިޔާއަށް އަދި އޭޝިއާ މުބާރާތުގެ ނޮކްއައުޓް ބުރަށް ނުދާކަންވެސް. އަހަރެންގެ އެބަ ހުރި އޭޝިއާ މުބާރާތްތަކުގެ ތަޖުރިބާ. މި ހާލަތުގައިވެސް އަހަރެން ބޭނުންވަނީ މާޒިޔާއަށް ތާރީހީ ކާމިޔާބީއެއް ހޯދައިދޭން،" ޑުކަނޯވިޗް ބުންޏެވެ.

އޭނާ ބުނީ ވާދަވެރި މެޗެއް ނުކުޅެ މުބާރާތަކަށް ދާންޖެހޭ ހާލަތެއްގައި އޮތް އޮތުމަކީ އޭނާގެ ކެރިއަރުގައިވެސް ކުރިމަތިލާން ޖެހޭނެ އެންމެ އުނދަގޫ ޗެލެންޖް ކަމަށެވެ.

"މިއީ އަހަރެންގެ ހަޔާތުގައިވެސް އަލަށް ކުރިމަތިލާ ޗެލެންޖެއް. މިގޮތަށް ޗެލެންޖެއް ނަގައިގެން މީގެ ކުރިއަކުން މަސައްކަތެއް ނުކުރަން. އަހަރެންގެ ތަޖުރިބާ ބޮޑު އޭޝިއާގައިވެސް. އެހެން ނަމަވެސް މިއީ އާ ކަމެއް ކުރަން މި މަސައްކަތް ކުރަނީ. އެއީ އަހަރެން ގަބޫލުކުރާ ގޮތުގައި ބުރަ މަސައްކަތުން ހޯދާ ކާމިޔާބީގައި އުފާވެރިކަން ބޮޑުވާނެ. އެގޮތަށް ހަޔާތުގައިވެސް އާ ޗެލެންޖެއް ނަގައިގެން މާޒިޔާ އާއެކު ކުރިއަށް ދާން މި ވިސްނަނީ،" އިންޑިނޭޝިއާއާއި ބަންގްލަދޭޝްގައި ޖުމުލަ ފަސް ވަރަކަށް އަހަރު މަސައްކަތް ކުރި ޑުކަނޯވިޗް އިތުރަށް ބުންޏެވެ.

ޑުކަނޯވިޗް ބުނީ މާޒިޔާގެ ކޯޗުކަން ގަބޫލުކުރުމުގެ ކުރިންވެސް ރާއްޖޭގެ ހާލަތު އެނގޭ ކަމަށާއި އުންމީދަކީ މިހާރު އޮތް ހާލަތުގައިވެސް މާޒިޔާއަށް ސަރުކާރާއި އެފްއޭއެމް އިންވެސް އެހީތެރިވެދޭނެ ކަމަށެވެ. އަދި ހާއްސަކޮށް މާޒިޔާ އިން އޭޝިއަން ޗެލެންޖު ލީގުގައި ނެރޭ ނަތީޖާއަކީ މި ވަގުތު ރާއްޖެއަށް މުހިންމުވާނެ ނަތީޖާއެއް ކަމަށްވެސް ބުންޏެވެ.

އޭނާ އިތުރަށް ފާހަގަކުރީ މާޒިޔާއަކީ ރާއްޖޭގައި މި ވަގުތު އޮތް އެންމެ ބޮޑު ކްލަބު ކަމަށާއި ރާއްޖޭގައި ހުނަރުހުރިކަން ސާބިތުކޮށްދޭންވެސް ބޭނުންވާ ކަމަށެވެ.

ކުރިން ގްރީސްގެ ކްލަބުތަކުގައިވެސް މަސައްކަތް ކުރި ޑުކަނޯވިޗް ބުނީ ފުޓުބޯޅައިން މުސްތަގުބަލެއް ބިނާކުރަންޖެހޭ ނަމަ، ރަނގަޅު ލީގެއް ބިނާކުރަން ރާއްޖެއަށްވެސް ޖެހޭ ކަމަށާއި އެކަން ކުރުމަށް ކްލަބުތަކުން އޭޝިއާގައި ރަނގަޅު ނަތީޖާތަކެއް ނެރެންވެސް މުހިންމު ކަމަށެވެ. އަދި ހާއްސަކޮށް ރާއްޖޭގައި ފުޓުބޯޅަ ކެރިއަރަކަށް ހަދަން ބޭނުންވާ ކުދިންނަށް އުންމީދެއް ހޯދައިދޭންވެސް މާޒިޔާގެ ނަތީޖާ މުހިންމު ކަމަށް އޭނާ ބުންޏެވެ.