ކުރިން އިންޑޮނޭޝިއާގެ އިތުރުން ބަންގްލަދޭޝްގައި ވެސް ކޯޗިން މަސައްކަތްތަކެއް ކޮށްފައިވާ މޮންޓެނޭގްރޯގެ ޑްރަގާން ޑުކަނޯވިޗް ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗުކަމާ ހަވާލުވެއްޖެއެވެ.
ޑުކަނޯވިޗް އެމަގާމާ ހަވާލުވީ މިއަދުއެވެ. ކުޅުންތެރިއެއްގެ ގޮތުގައި ކުރީގެ ޔޫގޯސްލާވިއާ އަށް ނިސްބަތްވާ ކްލަބުތަކަށް ކުޅުމަށްފަހު 2013 ވަނަ އަހަރު ކޯޗުކަމަށް ނުކުތް ޑުކަނޯވިޗް ވަނީ ސާބިއާގެ ކްލަބުތަކުގެ އިތުރުން ބަންގްލަދޭޝްގެ ޝެއިހް ރުސެލް އާއި އިންޑޮނޭޝިއާގެ ބޯނެއޯ ސަމަރިންޑާ އަދި ޕީއެސްއައިއެސް ސެމަރާންގްގައި ވެސް މަސައްކަތް ކޮށްފައެވެ. އޭގެ އިތުރުން އޭނާ ވަނީ ގްރީސްގެ ކަރައިސްކަސިސް އާއި އެގަލެއޯއަށްވެސް ކޯޗުކަން ކޮށްދީފައެވެ.
އުމުރުން 54 އަހަރުގެ ޑުކަނޯވިޗް މާޒިޔާއާ ހަވާލުވީ ކުރިއަށް އޮތް އޭއެފްސީ ޗެލެންޖް ލީގަށެވެ. ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު މިވަގުތު އޮތް ގޮތުން، ލީގު ފެށޭނެ ދުވަހެއް ނޭނގި އޮތް ނަމަވެސް، މާޒިޔާއިން ދަނީ އޭއެފްސީން އަލަށް ބާއްވަން ނިންމާފައިވާ އޭއެފްސީ ޗެލެންޖް ލީގުގައި ރާއްޖެ ތަމްސީލުކުރަން ތައްޔާރުވަމުންނެވެ. ބެލެވޭ ގޮތުގައި ވަރަށް އަވަހަށް އެޓީމުން ތަމްރީނުތައް ފަށާނެއެވެ.
ޗެލެންޖް ލީގުގައި މާޒިޔާ ހިމެނޭ ގްރޫޕްގައި ދެން ހިމެނެނީ ކިރިގިސްތާނުގެ ޗެމްޕިއަން އަބްދީޝް- އާޓާ ކާންޓާއި މިދިޔަ އަހަރު ކުވައިތު ލީގުގެ ރަނަރަޕް އަލް-އަރަބީގެ އިތުރުން ތުރުކެމެނިސްތާންގެ ޗެމްޕިއަން އަރްކަޑާގެވެ.
ޗެލެންޖް ލީގުގައި ޓީމުތައް ވާދަކުރާނީ ދެ ފަޅިއަކުންނެވެ. އެއީ ވެސްޓް ރީޖަން އާއި އީސްޓް ރީޖަންއިންނެވެ. ވެސްޓް ރީޖަންގައި މާޒިޔާ ހިމެނޭ އިރު، އެ ރީޖަންގައި ތިން ގްރޫޕެއް ހިމެނެއެވެ. އަދި އީސްޓް ރީޖަންގެ ދެ ގްރޫޕްގައި ޖުމުލަ ހަ ޓީމަކުން ވާދަކުރާނެއެވެ. އީސްޓް ރީޖަންގެ ދެ ގްރޫޕްގެ އެއްވަނަ އާއި ދެވަނައަށް ސީދާ ކުއާޓާ ފައިނަލް ޖާގަ ލިބޭ އިރު، ވެސްޓް ރީޖަންގެ ގްރޫޕް އެއްވަނަތަކަށް ސީދާ ކުއާޓާ ޖާގަ ލިބޭނެއެވެ. ދެން ބާކީ އޮތް ސްލޮޓަށް ވެސްޓް ރީޖަނުން ދާނީ އެންމެ ރަނގަޅު ނަތީޖާ ހޯދާ، ގްރޫޕްގެ ދެވަނަ ޓީމެކެވެ. ފަހު ސްލޮޓް ލިބޭ ޓީމު ބެލުމަށް ވެސްޓް ރީޖަންގެ ތިން ގްރޫޕްގައި ހިމެނޭ ދެވަނަ ޓީމުތަކުގެ ނަތީޖާއަށް ބަލާނެއެވެ.
ދެ ރީޖަންގެ މެޗުތައްވެސް ސެންޓްރަލައިޒްކޮށް ހޯސްޓް ކުރަން އޭއެފްސީން ނިންމާފައިވާ އިރު، މާޒިޔާ ހިމެނޭ ގްރޫޕްގެ ހޯސްޓް ޓީމަކީ ކުވައިތުގެ އަރަބީއެވެ. އެހެންކަމުން އެ ގްރޫޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅޭނީ ކުވައިތުގައެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ތާވަލުކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 26، 29 އަދި ނޮވެމްބަރު މަހުގެ އެކަކަށެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު