ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ސްމާޓް މީޓަރުތައް ހަރުކޮށް ނިންމާނެ ކަމަށް އެންވަޔަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ދ. ކުޑަހުވަދޫގެ ހުރިހާ ގޭބިސީތަކުގައި ފެނަކައިން ސްމާޓް މީޓަރު ހަރުކޮށް ރޭ އެ ޕްރޮޖެކްޓު އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ތޯރިގު ވިދާޅުވީ ސްމާޓް މީޓަރު ޕްރޮޖެކްޓަކީ ރާއްޖޭގެ އިގުތިސޯދު ކުރިއަރުވަން ބާރު ލިބިގެންދާނެ ޕްރޮޖެކްޓެއް ކަމަށެވެ.
ސްމާޓް މީޓަރު ޕްރޮޖެކްޓަކީ ކުރިއަރާފައިވާ ޓެކްނޮލޮޖީގެ އެހީގައި ފެނަކަ ކުންފުނީގެ ކަސްޓަމަރުންނަށް، އެ ކުންފުނީގެ ހިދުމަތް ލުއިފަސޭހަ ގޮތަކަށް ފޯރުކޮށްދިނުމަށް ކުރިއަށް ގެންދިއާ ޕްރޮޖެކްޓެކެވެ.
އެ ޕްރޮޖެކްޓުގެ ދަށުން ކޮންމެ ދުވަހެއްގައި ވެސް ކަރަންޓު ބޭނުންކޮށްފައިވާ މިންވަރު ފޯނުން ބެލޭނެ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ކޮންމެ ދުވަހަކު ވެސް ކަރަންޓު ހިނގާ މިންވަރު އެއް ގަޑިއިރުން ބަލައިލެވޭނެ ގޮތެއް ތައާރަފު ކުރުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އެގޮތުން ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ރާއްޖޭގެ ބޮޑެތި ސީޓީތަކުގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ސްމާޓް މީޓަރު ހަރުކުމުގެ ޕްރޮޖެކްޓުތައް ކުރިއަށްގެންދާނެ. މި އަހަރު ތެރޭގައި ސްޓެލްކޯއިންވެސް މި މީޓަރު އެބޭފުޅުންގެ ރަށްތަކުގައި ހަރުކުރުމުގެ މަސައްކަތް ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ. ފެނަކައިގަވެސް ރަށްރަށުގައި ދެންހުރި ކުރިހާ ރަށެއްގައި ކުރިއަށް އޮތް ދެ ތިން އަހަރެއް ތެރޭ މި ޑިޖިޓަލް ސްމާޓް މީޓަސް ހަރުކުރެވިގެންދާނެ،" ތޯރިގު ވިދާޅުވިއެވެ.
އެ ޕްރޮޖެކްޓަކީ ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާ ޕްރޮޖެކްޓެއް ކަމަށާއި ސްޓެލްކޯއާ އެކު އެކަމުގެ މަޝްވަރާތައް ވެސް ކުރަމުން އަންނަ ކަމަށް ތޯރިގު ވިދާޅުވިއެވެ.
"އެއީ ގޭބިސީތަކުގައި ވިޔަފާރިތަކުގައާއި ސަރުކާރުގެ ހުރިހާ މުއައްސަސާތަކުގައި ހަރުކުރެވުނީމަ، އެންމެ ގިނަވެގެންވެސް ތިން އަހަރު ތެރޭގައި ހަރުކުރެވުނީމަ ކަރަންޓު ހަރަދު ކުޑަކުރުމަށް އިތުރަށް ކަންކަން ކުރެވިގެންދާނެ. ރަނގަޅު ކުރަންހުރި ކަންތައްތަކެއްވެސް އެބަހުރި. އެކަމަށް ފެނަކަ ކޯޕްރޭޝަނުންވެސް ދަނީ ތައްޔާރުވަމު،" ތޯރިގު ވިދާޅުވިއެވެ.
ފެނަކައިގެ ބެލުމުގެ ދަށުގައި އޮންނަ 157 ރަށްތަކަށްވެސް އެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށްވެސް ތޯރިގު ވިދާޅުވިއެވެ.
އޭގެ އިތުރުން ތޯރިގު ވިދާޅުވީ އެ ސްމާޓް މީޓަރުތަކުގެ ސަބަބުން ކަރަންޓުގައި ލީކެއް ހުރި ނަމަ ނުވަތަ އެހެން ކަހަލަ އިތުރު އެއާކޯންތަކެއް ޖެހިފައި ހުރި އެކަހަލަ ކަންތައްވެސް އިނގިގެންދާނެ. އެއީ ކޮންކަހަލަކަމެއްވެގެންތޯ ބަލާ ވަގުތުން ވަގުތަށް ފިޔަވަޅުއެޅިގެންދާނެ" ތޯރިގު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު