ސްޕެނިޝް ލީގުގައި ބާސެލޯނާއިން ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ވަޔެކާނޯ ބަލިކޮށްފިއެވެ.
ރޭ ބާސާއިން ކުޅުނު ލީގު މެޗުން އެޓީމު މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗު ހާއްސަވީ އަލަށް ކްލަބަށް ގެންދިޔަ ސްޕެއިންގެ ތަރި ޑެނީ އޮލްމޯއަށެވެ. އޮލްމޯ، އުމުރުން 16 އަހަރުގައި ސްޕެއިން ދޫކޮށް ގޮސް، ކްރޮއޭޝިއާގެ ޑައިނަމޯ ޒަގްރަބާއި ޖަރުމަނުގެ އާރްބީ ލެއިޕްޒިގަށް ކުޅުމަށްފަހު ބާސާއާ ގުޅުނީ މީގެ ހަފުތާއެއްހާ ދުވަސް ކުރީންނެވެ. ކުރިން ބާސާ އެކަޑެމީގައި ދުވަސްތަކެއް ހޭދަކުރި އޮލްމޯ ބާސާއަށް ގެންދިޔަކަން އިއުލާނުކުރިފަހުންވެސް އޭނާއަށް ކުޅެވޭ ގޮތް ނުވީ، ސްޕެއިންގެ ފައިނޭންޝަލް އުސޫލުތަކާ ހެދި ބާސާއަށް އޭނާ ރަޖިސްޓްރީ ނުކުރެވިގެންނެވެ.
އޮލްމޯ ޓީމަށް ރަޖިސްޓްރީ ކުރުމަށް ބާސާއިން ވަނީ އިލްކާއީ ގުންޑޮގަން މެންޗެސްޓާ ސިޓީއަށް ފޮނުވާލައި، ކްލެމެން ލެންގްލެޓް އެތުލެޓިކޯ މެޑްރިޑަށްވެސް ފޮނުވާލައިފައެވެ. އެ ޓްރާންސްފާތަކަށްފަހު ބާސާ ކުޅުންތެރިއެއްގެ ގޮތުގައި އޮލްމޯ ރަޖިސްޓްރީ ކުރެވިފައި ވަނީ ރޭގެ މެޗުގެ ގަޑިއިރުތަކެއް ކުރިންނެވެ.
ރޭގެ މެޗުގެ ކުރީކޮޅުގައި ވަޔެކާނޯގެ އުނައި ލޮޕޭޒް ވަނީ ބާސާ ކޮޅަށް ގޯލު ޖަހައި ހާންސޭ ފްލިކްގެ ޓީމު ހާސްކޮށްލައިފައެވެ. ވަޔެކާނޯއިން ދެވަނަ ހާފުގެ މެދަކާ ޖެހެންދެން އެ ލީޑު ހިފެހެއްޓި ނަމަވެސް، 60 ވަނަ މިނެޓުގައި ބާސާގެ ޕެޑްރީ ވަނީ އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްފީފައެވެ.
އޭގެފަހުން ބާސާއިން މެޗު ޑޮމިނޭޓް ކުރަމުން ގޮސް، 82 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. ނިމިދިޔަ ޔޫރޯ 2024 ގެ ޗެމްޕިއަން ސްޕެއިނަށް މުބާރާތުގައި މުހިއްމު ކުޅުމެއް ދެއްކި ލެމީން ޔަމާލް ދިން ބޯޅައިން އެ ގޯލު ޖަހައިދިނީ، އެ ޓީމުގައި ހިމެނުނު އޮލްމޯއެވެ.
ރޭގެ މެޗުން މޮޅުވުމާއެކު ބާސާއަކީ މި ސީޒަނުގެ ސްޕެނިޝް ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން މޮޅުވެފައިވާ ހަމައެކަނި ޓީމެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ