ޕީއެސްޖީއަށް ކުޅެމުންދާ އުރުގުއާއީގެ މިޑްފީލްޑަރު މެނުއެލް އުގާޓޭ ގެންދިޔުމަށް މެންޗެސްޓާ ޔުނައިޓެޑުން ހުރިހާ ކަމެއް ފައިނަލް ކޮށްފައިވާ އިރު، ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރީޒާބަލާގައި، އިތުރު ލޯނެއްގައި ބޯންމައުތަށް ދާން ނިންމައިފިއެވެ.

ޔުނައިޓެޑުން އުގާޓޭ ގެންދަން ނިންމާފައި ވަނީ 42.29 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއަކަށެވެ. އޭގެ އިތުރުން އިތުރު ބޯނަސް ފައިސާގެ ގޮތުގައި އެޓީމުން 8.46 މިލިއަން ޕައުންޑްގެ އަގެއް ޕީއެސްޖީއަށް ދައްކަންވެސް ވަނީ އެއްބަސްވެފައެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ޔުނައިޓެޑްގެ މެޑިކަލް ފުރިހަމަ ކުރުމަށް މިރޭގެ ވަގުތެއްގައި އުގާޓޭ ޔުނައިޓެޑަށް ދާނެއެވެ.

އުގާޓޭ ގެންދަން ޔުނައިޓެޑުން ނިންމާފައި ވަނީ އެޓީމުގެ މެދުތެރެއަށް ކުޅޭ، ސްކޮޓް މެކްޓޮމިނޭ ނަޕޯލީއަށް ފޮނުވާލަން ނިންމުމަށްފަހުއެވެ. މެކްޓޮމިނޭ ނަޕޯލީއަށް ވިއްކާލަން ޔުނައިޓެޑުން ނިންމާފައި ވަނީ 25.37 ގެ އަގަށެވެ.

ޕީއެސްޖީއަށް 37 މެޗު ކުޅެދީފައިވާ އުމުރުން 23 އަހަރުގެ އުގާޓޭ އެ ކްލަބު ދޫކޮށްލަން ނިންމާފައި ވަނީ ސްޕޯޓިން ލިސްބަން ދޫކޮށްލިތާ އަހަރެއް ތެރޭގައެވެ. އުގާޓޭ ގެންދަން ޕީއެސްޖީން ވަނީ 60 މިލިއަން ޔޫރޯ ހަރަދު ކޮށްފައެވެ. މިދިޔަ ސީޒަނުގެ ލީގު ޕީއެސްޖީން ކާމިޔާބުކުރި އިރު، އުގާޓޭ ވަނީ 25 މެޗު ލީގުގައި ކުޅެފައެވެ.

އުގާޓޭއަކީ ޔުނައިޓެޑަށް މި ޓްރާންސްފާ ސީޒަނުގައި ގެންދިޔަ ފަސްވަނަ ކުޅުންތެރިޔާއެވެ. މި ޓްރާންސްފާ ސީޒަނުގައި ޔުނައިޓެޑުން ވަނީ ޖުމުލަ 190 މިލިއަން ޕައުންޑް ހަރަދު ކޮށްފައެވެ. އެރިކް ޓެން ހާގު ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވިފަހުން އެޓީމުން ވަނީ ޖުމުލަ 600 މިލިއަން ޕައުންޑް ޓްރާންސްފާއަށް ހޭދަކޮށްފައެވެ.

ޗެލްސީން ކެޕާ ލޯނެއްގައި ބޯންމައުތަށް ފޮނުވާލަން ނިންމާފައި ވަނީ ސީޒަނުގެ ނިޔަލަށެވެ. ކެޕާ ގެންދިޔުމާއެކު ބޯންމައުތުން އިތުރު ކީޕަރުން ހޯދަން ކުރި މަސައްކަތް ވަނީ ހުއްޓިފައެވެ. އެގޮތުން އެޓީމުން ކުރިން ބަލަމުން ދިޔަ އާރޮން ރަމްސްޑޭލްގެ ޑީލް މިހާރު ވަނީ ކުރިއަށް ނުގެންދަން ނިންމައިފައެވެ. އޭގެ އިތުރުން ކެޕާ އެ ކްލަބަށް ދިޔުމާއެކު ބޯންމައުތުގައި ހުރި މާކް ޓްރެވާސް އެ ކްލަބު ދޫކޮށްލާނެ ކަމަށްވެސް ބެލެވެއެވެ.

ކެޕާ، 29، ދާދިފަހުން ޗެލްސީއާއެކު ހަދާފައިވާ އެއްބަސްވުން 2026 ވަނަ އަހަރު ސީޒަނުގެ ނިޔަލަށް އާކޮށްފައިވީ ނަމަވެސް، އޭނާ މިދިޔަ ސީޒނުގައިވެސް ހޭދަކުރީ ރެއާލް މެޑްރިޑްގެ ލޯނެއްގައެވެ. ތީބޯ ކޯޓުއާއަށް އަނިޔާވުމުން ރެއާލުން ގެންދިޔަ ކެޕާ ވަނީ 20 މެޗު އެޓީމަށް ކުޅެފައެވެ. އެ ކްލަބާއެކު ކެޕާ ވަނީ މިދިޔަ ސީޒަނުގެ ލަލީގާއާއި ޗެމްޕިއަންސް ލީގުވެސް ހޯދައިފައެވެ.

ރެއާލަށް ކެޕާ ގެންދަން ކޯޗު ކާލޯ އެންޗެލޮޓީ ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، އޭނާ ބޮޑަށް ބަރޯސާވާނީ އަންދްރީ ލުނިން ކްލަބުގައި މަޑުކުރުވަން ކަމަށް އޭނާ ވަނީ ދާދިފަހުން ބުނެފައެވެ. އެހެންކަމުން ކެޕާ ބޯންމައުތަށް ދާން ނިންމީ ރެއާލްގެ ޖަވާބަށް އިންތިޒާކުރުމަށްފަހުގައި ކަމަށް ބެލެވެއެވެ.

ކެޕާއަކީ އަދިވެސް ދުނިޔޭގެ އެންމެ އަގުބޮޑު ގޯލްކީޕަރެވެ. ޗެލްސީން 2018 ވަނަ އަހަރު އެތުލެޓިކް ބިލްބާއޯއިން އޭނާ ގެންދިޔައީ 71 މިލިއަން ޕައުންޑަށެވެ. ކެޕާ ހޯދަން ސައުދީގެ އަލް-އިިއްތިހާދުން މަސައްކަތް ކުރި ނަމަވެސް، އޭނާ ޔޫރަޕް ފުޓުބޯޅައިގައި މަޑުކުރަން ނިންމީ ކެރިއަރަށް ވިސްނައިފައެވެ.

ކެޕާ މިވަގުތު ތަމްރީނުކުރަމުންދަނީ ޗެލްސީގެ ފުރަތަމަ ޓީމުގެ ސްކޮޑާ ވަކިންނެވެ. ކެޕާއާއެކު ޖުމުލަ 14 ކުޅުންތެރިޔަކު ޗެލްސީގެ ސްކޮޑާ ވަކިން ދަނީ ތަމްރީނުކުރަމުންނެވެ. އެ ހުރިހާ ކުޅުންތެރިންވެސް ދަނީ ޓްރާންސްފާތަކަށް މަސައްކަތް ކުރަމުންނެވެ.