މާލީ ބަގާވަތެއް ކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅުދެއްކެވުމަކީ ލަދުވެތިކަމެއް ކަމަށާއި އެމްޑީޕީއަކީ ބަގާވާތްކުރާ ބައެއް ނޫން ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައްޔާޒް އެހެން ވިދާޅުވެފައިވަނީ، ރޭ ބޭއްވި ޕީއެންސީގެ ހަރުގެ ޖަލްސާގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވަމުންނެވެ. ރައީސް ވިދާޅުވެފައިވަނީ، ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ބީއެމްއެލް އިން ނިންމި ނިންމުމަކީ އެ ބޭންކުގެ ތެރެއިން ހިންގި ބަގާވާތެއް ކަމަށެވެ.
"ބީއެމްއެލްގެ ތެރެއިން ހިނގި ކަންތަކާއި އެ ވަގުތު ކުރީގެ ފިނޭންސް މިނިސްޓަރު ނޫސްކޮންފަރެންސް ދިނުމާއި އަދި ސޯޝަލް މީޑިއާގައި ހިންގި މަގުމައްޗަށް މީހުން ނެރެން ކުރި ކަންތައްތަކުގައި، ފުލުހުން ބަލާ މިންގަނޑުތަކުން ޣައިރުގާނޫނީ ގޮތެއްގައި ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރަކާ ދެކޮޅަށް ހިންގި އަމަލެއްގެ ގޮތުގައި ދޭހަވާ ހެކިތައް ހުރީމަ ފުލުހުން ވަނީ އެ މައްސަލަ ބަލަން ފަށާފައި،" ރައީސް ވިދާޅުވެފައިވެއެވެ.
ރައީސަށް ރައްދު ދެއްވަމުން ފައްޔާޒް ވިދާޅުވީ އިއްޔެއަކީ ރާއްޖޭގެ ދިގު ތާރީހުގައި ލަދުވެތި ދުވަހެއް ކަމަށާއި ރާއްޖޭގެ ވެރިޔަކު، ދިވެހި ސަރުކާރަކުން ނުކުމެ މާލީ ބަގާވާތެއް ގެންނަން އުޅެނީއޭ ކިޔައިގެން ދެއްކެވި ވާހަކައަކީ ދައްކަން ލަދުގަންނަވަރުގެ ވާހަކައެއް ކަމަށެވެ.
"ގައުމެއްގެ ވަލިއްޔުލްއަމުރު ނުކުންނަވައި ގޮތް ހުސްވެގެން، ހެދުނު ގޯސްތައް އެހެން ގޮތަކަށް ބަދަލުކޮށްލަންވެސް ދައްކާވަރުގެ ވާހަކައެއް ނޫން މިއީ. ސިޔާސީ ޕޯޑިއަމެއްގައި އެކަނި ދައްކާލިޔަސް އަޅުގަނޑުމެންނަށް މައްސަލައެއް ނެތް އެއީ ސިޔާސީ ވާހަކައެއް ގޮތަށް ހެދިދާނެ. ފުލުހުންގެ މައްޗަށް ނުފޫޒު ފޯރުވައިގެން ރައީސް އޮފީހުން ސްޓޭޓްމަންޓް ފޮނުވައިގެން އެމަނިކުފާނުވެސް ވާހަކަދައްކަވަނިކޮށް ގޮސް ކުއްލިއަކަށް އިއްތިފާގަކުން އެ ވަގުތުގައި ފުލުހުންގެ ސްޓޭޓްމަންޓެއް މި ނުކުންނަނީ،" އޭނާ ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ދެ ދުވަސްކުރިން އިއުލާންކޮށްގެން އޮތް ޕްރެސް ކޮންފަރެންސެއް ގަޑިއާއި ވާހަކަދައްކާނެ މީހުންނާއި މައުލޫމާތު އިސްތިހާރު ކޮށްގެން ކުރިއަށްދަނިކޮށް ބީއެމްއެލްގެ ބޯޑު މީޑިންއަކުން ނިންމި ނިންމުމާއެކު އެމްޑީޕީން ރާވައިގެން ކުރި ކަމެއް ކަމަށް ދައްކަވަން މަސައްކަތް ކުރެއްވި ކަމަށާއި ހަމަ އެގޮތަށް ފުލުހުންގެ ސްޓޭޓަމަންޓުގެ އިއްތިފާގަކީވެސް ކިހިނެއްވީ ކަމެއްތޯ ބަލަން އެބަޖެހޭ ކަމަށެވެ.
"ވަރަށް ލަދުވެތި ދުވަހެއް އިއްޔެއަކީ. އަޅުގަނޑުމެން ދިވެހިންގެ ހައިސިއްޔަތުން އެހާ ނާގާބިލު ވެރިޔަކު އަޅުގަނޑުމެންނަށް މިއަދު ލިބިފައި ހުރީމައި ލަދުގަންނަ ހިސާބަށް މިއަދު މި ދިޔައީ. ހަމައެކަނި ނާގާބިލުކަން އެކަންޏެއް ނޫން. ރޭގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކާއި އިއްޔެ އެކަންކަން ހިނގައިގެންދިޔަ ގޮތުން ސާފުވާ ކަމަކީ ދިވެހިން ވަރަށް ކަންބޮޑުވާން ޖެހިއްޖެކަން. އަޅުގަނޑުމެންނަށް މިހާރު އެބަ ސުވާލު އުފެދޭ ރައީސް މުއިއްޒުގެ ގާބިލުކަމާމެދު މިކަންކަން ކުރިއަށްގެންދިއުމަށް،" އޭނާ ވިދާޅުވިއެވެ.
މަގުމައްޗަށް ނުކުންނަން ޖެހޭނެ ހާލަތު އައިސްފި ކަމަށްވާ ނަމަ، އެމްޑީޕީން ނުކުންނާނީ ސަރުކާރު ޒިންމާދާރުކުރުވަން ކަންކަމުގެ ވާހަކަ ސަރުކާރަށް އިއްވައިގެން އެކަންކަން ބަދަލުކުރުވަން ކަމަށާއި އެހެންވީމާ ނާޒުކު ފައްތަރެއްގައި ތިބި ވަގުތެއްގައި އެމްޑީޕީން ވެސް މަސައްކަތް ކުރަނީ ލިބިފައި ހުރި ޕްލެޓްފޯމްތައް ބޭނުންކޮށްގެން ސަރުކާރަށް މެސެޖު ދިނުމަށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
"އިދިކޮޅު ޕާޓީއެއްގެ ޒިންމާއަކީ ސަރުކާރު ބަދަލުކުރުމެއް ނޫން. އިދިކޮޅު ޕާޓީއެއްގެ ޒިންމާއަކީ ރައްޔިތުންނާ ހިސާބަށް ކަންކަން ހިނގާ ގޮތް ތަފުސީލުކުރުން، ސަރުކާރު އެކައުންޓަބަލް ކުރުން އަދި ސަރުކާރު އަނިޔާވެރިވެ ގާނޫނުއަސާސީއާ ހިލާފުވާ ކަމަށްވަންޏާ ސަރުކާރު ބަދަލުކުރަން ގާނޫނީ އިމުގެ ތެރެއިން ކުރަންޖެހޭ ކަމެއް ކުރުން. އަޅުގަނޑުމެންނަކީ ބަގާވާތްކުރާ ބައެއް ނޫން. އަޅުގަނޑުމެން މަގުމައްޗަށް ނުކުންނަނީ ސަރުކާރު ވައްޓާލާކަށެއް ނޫން،" އޭނާ ވިދާޅުވިއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ ޕީއެންސީގެ އެތެރޭގައި ގޯސްތަކެއް އުޅޭކަން ފާހަގަވެފައިވާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އަމިއްލައަށް ބަގާވާތެއް ކުރާތަން ފެންނަ ކަމަށެވެ. އަދި އިއްޔެ ފެނިގެން އެ ދިޔައީ ރާއްޖޭގެ މާލީ ނިޒާމު އެއްކޮށް ފުނޑުފުނޑުކޮށްލާ ވަރުގެ ކަމެއް ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު