ޔުވެންޓަސްއަށް ކުޅެމުން އަންނަ އިޓަލީގެ ވިންގް، ފެޑެރީކޯ ކިއޭސާ ގެންދަން ލިވަޕޫލުން މަޝްވަރާ ކުރަން ފަށައިފިއެވެ.
އުމުރުން 26 އަހަރުގެ ކިއޭސާ މިވަގުތު ހުރީ ޔުވެންޓަސްގެ ޕްލޭނުން ބޭރުގައެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ޔުވެންޓަސްއާ މި ސީޒަނަށް ހަވާލުވި ކޯޗު، ތިއާގޯ މޮޓާ ވަނީ ކިއޭސާ އޭނާގެ ޕްލޭނަށް ބޭނުން ނުވާ ކަމަށް އަންގައިފައެވެ. މިހާތަނަށް ޔުވެންޓަސްއިން މި ސީޒަނުގެ ލީގުގައި ކޮމޯއާއި ހެލާސް ވެރޯނާއާ ދެކޮޅަށް ކުޅުނު މެޗުތަކުގެ ސްކޮޑުގައިވެސް ކިއޭސާ ހިމަނާފައެއް ނުވެއެވެ.
ނިމިދިޔަ ޔޫރޯ 2024 ގައި އިޓަލީ ޓީމުން ފެނިގެން ދިޔަ ކިއޭސާ، ޔުވެންޓަސްއާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އަހަރެއް އޮތް ނަމަވެސް، އޭނާ ދަނީ ކްލަބު ދޫކޮށްލާނެ ގޮތެއް ހޯދަމުންނެވެ. އެގޮތުން ޕްރިމިއާ ލީގުގެ ޓީމަކަށް ބަދަލުވުމަކީ ކިއޭސާ އެންމެ ބޭނުންވާ ގޮތް ކަމަށްވެސް ބައެއް ނޫސްތަކުން ބުނެފައިވެއެވެ.
ލިވަޕޫލުން އަދި މިހާތަނަށް މި ޓްރާންސްފާ ސީޒަނުގައި ކުޅުންތެރިއެއް ރަސްމީކޮށް އިއުލާނު ކޮށްފައެވެ. އެޓީމުން ރެއާލް ސޮސިއެދާދުގެ މިޑްފީލްޑަރު މާޓިން ޒުބިމެންޑީ ގެންދަން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ އިރު، އެންމެ އަވަހަށް އިއުލާނު ކުރާނެ ކަމަށް ބެލެވެނީ ވެލެންސިއާގެ ޖޯޖިއާ ގޯލްކީޕަރު ޖިއޯޖީ މަމަޑެޝްވިލީއެވެ.
ލިވަޕޫލްގެ ޑިރެކްޓަރު ރިޗާޑް ހިއުސް ދާދިފަހުން ބުނެފައި ވަނީ ކުޅުންތެރިންގެ ސޮއި ހޯދޭނެ ރަނގަޅު މަގެއް އޮތް ނަމަ އެކަން ކުރާނެ ކަމަށާއި، އެކަން ކުރާނީ ލިވަޕޫލްގެ ޓްރާންސްފާ ވިސްނުމާ އެއްގޮތަށް ޑީލް ފައިނަލް ވެއްޖެ ނަމަ އެކަނި ކަމަށެވެ.
ހަބަރުތައް ބުނެފައި ވަނީ ލިވަޕޫލުން ކިއޭސާ ހޯދަން މަޝްވަރާ ކުރަމުންދާ ނަމަވެސް، އެކަމުގައި އިތުރަށް އަދި އެއްވެސް ކަމެއް ހާސިލްވެފައި ނުވާ ކަމަށެވެ. އެހެންނަމަވެސް، ކިއޭސާގެ ހާލަތުން ލިވަޕޫލުން ބޭނުންވާ ކަހަލަ ޑީލްއަކަށް އާދެވިދާނެ ކަމުގެ ކޮންމެވެސް ވަރެއްގެ އުންމީދެއް އެބައޮތް ކަމަށްވެސް ތަޖުރިބާކާރުން ބުނެއެވެ.
ކިއޭސާ، 2020 ވަނަ އަހަރު ޔުވެންޓަސްއާ ގުޅުނީ 54 މިލިއަން ޕައުންޑްގެ އެއްބަސްވުމެއްގައެވެ. އޭނާ ވަނީ އެ ކްލަބަށް 131 މެޗު ކުޅެދީފައެވެ. ކިއޭސާއަކީ ޔޫރޯ 2020 އިޓަލީން ކާމިޔާބުުރި ސްކޮޑުގައި މުހިއްމު ރޯލެއް އަދާކުރި ކުޅުންތެރިއެކެވެ. އޭނާއަށް މިދިޔަ ދެ ސީޒަނެއްގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ އަނިޔާގެ މައްސަލައެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް