ރާއްޖެއިން 81،030 ޑޮލަރު (1.2 މިލިއަން ރުފިޔާ) ވަގަށް ބޭރުކުރަން އުޅުނު މީހާގެ ބަންދަށް 15 ދުވަސް އިތުރު ކޮށްފިއެވެ.
ޑޮލަރު ބޭރުކުރަން އުޅެނިކޮށް މިދިޔަ އާދިއްތަ ދުވަހު، އަތުލައިގެންފައިވާ މީހަކީ، ރާއްޖެއިން ބަންގްލަދޭޝްގެ ޑާކާއަށް ފުރަން އުޅުނު ބަންގްލަދޭޝް ރައްޔިތެކެވެ. އެ ޑޮލަރުތައް ބޭރުކުރަން އުޅުނީ ކޯންފްލެކްސް ފޮށްޓެއްގެ ތެރެއަށް އަޅައިގެން، ލަގެޖުގައި ފޮރުވައިގެންނެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޝަހްމިން އިސްލާމް ޝަގުރު، ކިޔާ 32، އަހަރުގެ މީހެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ވަނީ ތަހުގީގަށް ބަންދުގައި ބަހައްޓަން 15 ދުވަސް ދީފަ އެވެ.
އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން އާންމުކުރި ފޮޓޯ އާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ޑޮލަރުތައް ބަންދުކޮށްފައި ހުރި ޕެކެޓުން ނެގި އިރު އެ ޑޮލަރު ބޮނޑިތަކުގައި އެކި މީސްމީހުންގެ ނަން ވެސް ލިޔެފައިހުއްޓެވެ.
ރާއްޖޭގެ ގަވައިދުތައް ބުނާ ގޮތުން 20،000 ޑޮލަރަށް ވުރެ މަތީ އަދަދެއްގެ ފައިސާ ރާއްޖެ އެތެރެކޮށް ބޭރުކުރާ ނަމަ ކަސްޓަމްސްގައި ޑިކްލެއާ ކުރަން ޖެހޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު