ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
ޕީޖީގެ މަގާމު ހުސްވެފައި ވަނީ، ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމު މަގާމުން ވަކިކުރަން ނިންމާފައި ވަނިކޮށް، މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭރުއޮތީ ރައްޔިތުންގެ މަޖިލީހުން އޭނާ ވަކިކުރަން ނިންމައިފައެވެ.
އެހެންކަމުން ޕީޖީގެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ވާގޮތުން އަންނަ މަހުގެ 11 އާ ހަމައަށް އެ މަގާމަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފަ އެވެ.
އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ، އުމުރުން 25 އަހަރު ވެފައިވާ ދިވެހި ރައްޔިތަކު ކަމުގައިވުމާއި، އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން، އަދި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމެވެ.
މީގެ އިތުރުން ގާނޫނީ ދާއިރާއިން ދަށްވެގެން ފުރަތަމަ ޑިގްރީއެއް ލިބިފައިވުމާއި ޝަރުއީ އަދި ގާނޫނީ ދާއިރާގައި ރާއްޖޭގައި މަސައްކަތްކުރާތާ މަދުވެގެން ހަތަރު އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުމާއި، ގާނޫނީ ދާއިރާއާ ގުޅުން ހުރި ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕެއް ނުވަތަ މި ނޫން ވެސް އެފަދަ ތަނެއްގެ ހިއްސާއެއް ނުވަތަ މަގާމެއް އޮތް މީހަކު ކަމުގައި ނުވުން ހިމެނެއެވެ. އަދި ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުންވެސް ހިމެނެއެވެ.
ޕީޖީގެ މަގާމަށް މީހަކު އައްޔަން ކުރާނީ، އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވުމުން، މަޖިލީހުން ފާސް ކުރާ ގޮތެއްގެ މަތިންނެވެ.
ކުރީން ޕީޖީގެ މަގާމުގައި ހުންނެވި ޝަމީމް ވަކިކުރީ ބޮޑެތި ތުހުމަތުތަކެއްކޮށް، ކުރީގެ ސަރުކާރުގެ ވެރިންނާ ގުޅޭ ބައެއް ބޮޑެތި މައްސަލަތައް އޭނާ އަނބުރާ ގެންގޮސްފައިވަނީ އުސޫލާ ހިލާފަށް ކަމަށް ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު