ޑޮލަރުގެ ބްލެކްމާކެޓު ވިޔަފާރި ހުއްޓުވުމަށް ބޭންކުން ޑޮލަރު މާރުކުރަން މަޖުބޫރުވާގޮތަށް މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވާއިދު ބަދަލުކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށްއޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެމްއެމްއޭގެ ގަވާއިދުތަކަށް ބައެއް ބަދަލުތައް ގަވަރުނަރު ގެންނަވާނެ ކަމަށާއި ސަރުކާރުން އެކަމުގެ މަޝްވަރާތައް އަރުވާފައިވާނެ ކަމަށެވެ.
"އެމްއެމްއޭގެ ދެތިން ރެގިއުލޭޝަނެއް ބަދަލުކުރާނެ ކުރިއަށްއޮތް ދުވަސްތަކުގައި. އެއީ އެމްއެމްއޭގެ މަނިޓަރީ ރެގިއުލޭޝަނާއި އަދި މަނީޗޭންޖަސް ރެގިއުލޭޝަން. ރާއްޖޭގައި މި ހިންގާ ވަރަށް ގިނައިން ބޭރު ފައިސާއިން އާމްދަނީ ލިބޭ ވަރަށް ގިނަ ވިޔަފާރިތައް އެބަ ހިންގާ. މި ފައިސާ ބްލެކްމާކެޓުގައި މިހާރު މި މާރުކުރާ މާރުކުރުން ނިމުމަކަށް އައިސް، ބޭންކަށް މާރުކުރަން މަޖުބޫރުވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖެ އަންނަ އެކިކަހަލަ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓުގެ ނަފާ ރާއްޖޭގެ ބޭންކުތަކުގައި ހިފެހެއްޓުމަށް ހިތްވަރު ލިބޭގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އަދި ބިޒްނަސް ފްރޮފިޓް ޓެކްސްގެ އެމްއެމްއޭގައި އޮންނަ ގަވާއިދު ވެސް ބަދަލުކުރާނެ ކަމަށާއި އޭގެ ސަބަބުން ރާއްޖޭގައި ޑޮލަރު ހިފެހެއްޓުމަށް ހިތްވަރު ދެވި، ރާއްޖޭގައި ގިނަ ވަގުތު، ގިނަ ދުވަސްވަންދެން ހިފެހެއްޓިގެންދާނެ ކަމަށެވެ.
"އޭގެ ވެސް ފައިދާކުރާނީ ރާއްޖެއަށް. މި ހިނގާ މަނީ އެކްސްޗޭންޖްތައް ވެސް އޭރުން ބޭންކިން ނިޒާމާ ގުޅިފައި އޮންނާނީ. ބޭންކުތަކުން ދާނީ ގާތުން ބަލަމުން. އޭރުން މިހާރު މިދާ ހައި ރޭޓުތަކަށް އަރައިގެންނެއް ނުދާނެ. މިކަން ކުރުމުގެ މަސައްކަތް ފަށާނަން. ވަގުތު ނަގާނެ ބަދަލު ގެނަޔަސް. ގިނައިން ބޭރު މީހުން މަނީ އެކްސްޗޭންޖުތައް ހިންގަނީ ވެސް، މި ތަންތަނުން މި ދެންނެވި ބަދަލުތައް ގެނައީމާ ބޭންކުން އިއުލާންކުރާ ބޭންޑުތަކަށްވުރެ މަތިން ޑޮލަރު މާރުކުރަން އުޅޭ ނަމަ، ރައްޔިތުން އެތަންތަނަށް ނުދިޔައީމަ ނިމުނީ. އެއަށްވުރެ މާ ރަނގަޅަށް ރެގިއުލޭޓްވެގެން އޭރުން ޑޮލަރު ލިބޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހުރިހާ ރައްޔިތުންނާއި ވިޔަފާރިވެރިންގެ އެއްބާރުލުން ލިބޭ ނަމަ، ޑޮލަރުގެ ބްލެކްމާކެޓު ވަރަށް ބޮޑުތަނުން ހަމައަކަށް އެޅުވި، ޑޮލަރު ރޭޓު ހިފެހެއްޓި، ކުޑަކުރެވި، ބޭންކުގެ ތެރޭގައި ޑޮލަރު ރިޒާވް ގިނަކުރެވޭނެ ކަމަށާއި އޭގެ އިތުރުން ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން އިންކަމް ޓެކްސް ދައްކަން ޖެހޭ ގޮތަށް ވެސް ބަދަލުތަކެއް ގެންނާނެ ކަމަށެވެ.
"ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން މިހާރު ކޯޕަރޭޓް އިންކަމް ޓެކްސް ދެއްކުމުގައި ރުފިޔާ އިން ދައްކަން މި ޖެހެނީ، އެކަން ބަދަލުކުރަން އަޅުގަނޑުމެން އިއްޔެ ނިންމީ. އެ ފަރާތްތަކުން ދެން އެ ބަދަލު ގެނައީމާ ކޯޕަރޭޓް އިންކަމް ޓެކްސް ދައްކަން ޖެހޭނީ ޑޮލަރުން. ޑޮލަރުން ދެއްކީމަ ވެސް ބޭންކުގައި ޑޮލަރު ހުންނާނެ. ހަމަ މި ދެންނެވި ވިޔަފާރިތަކުން އިމްޕޯޓްކުރާ ތަކެތި ވެސް ރުފިޔާ އިން އިމްޕޯޓް ޑިއުޓީ ދެއްކުމުގެ ބަދަލުގައި އެކަމާ ގުޅޭ ގާނޫނާއި ގަވާއިދަށް ބަދަލު ގެނެސް، ޑޮލަރުން އިމްޕޯޓް ޑިއުޓީ ދައްކާގޮތަށް ބަދަލުކުރާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ޑޮލަރުން މުސާރަ ދޭ ތަންތަނުން ވެސް ޕެންޝަން ދެއްކުމުގައި މިހާރު ދައްކަން ޖެހެނީ ރުފިޔާއިން ކަމަށާއި އެތަންތަނުން ޑޮލަރުން މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާކުރަން ޖެހޭ ގޮތަށް ޕެންޝަން ގާނޫނަށް ބަދަލު ގެންނާނެ ކަމަށެވެ. އަދި އެއިން އެއްވެސް ކަމަކުން ރައްޔިތުންނަށް ދަތިނުވާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު