އިންގްލެންޑަށް ކުރިން ކޯޗުކަން ކޮށްދިން ސްވެން-ގޯރަން އެރިކްސަން ކެންސަރު ބަލީގައި މިއަދު މަރުވެއްޖެއެވެ.
ސްވިޑެންއަށް އުފަން އެރިކްސަން މަރުވެފައި ވަނީ އުމުރުން 76 އަހަރުގައެވެ. އޭނާއަކީ އިންގްލެންޑަށް ކޯޗު ކޮށްދިން އިނގިރޭސި ވިލާތުން ބޭރު ފުރަތަމަ ކޯޗެވެ. އެރިކްސަން އިންގްލެންޑަށް ކޯޗުކަން ކޮށްދިނީ 2001 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރަށެވެ. އެ މުއްދަތުގެ ތެރޭގައި ބޮޑު ތިން މުބާރާތެއްގެ ކުއާޓާ ފައިނަލާ ހަމައަށް އިންގްލެންޑް ގެންގޮސްދީފައިވެއެވެ.
އެރިކްސަން ކެންސަރަށް ފަރުވާ ކުރަމުންދާ ކަމަށް އިއުލާންކުރީ މިދިޔަ ޖެނުއަރީ މަހުއެވެ. އެކަން އިއުލާން ކުރަމުން އޭނާ ބުނީ ޑޮކްޓަރު އުންމީދު ކަނޑާލާފައިވާ ކަމަށާއި އެންމެ ގިނަ ވެގެންވެސް އޭނާ ދުނިޔޭގައި ހުންނާނެ ކަމަށް ޑޮކްޓަރު ލަފާކޮށްފައި ވަނީ އަހަރެއްހާ ދުވަހަށް ކަމަށެވެ.
ސާޅީސް ދެ އަހަރު ކޯޗުކަމުގައި ހޭދަކުރި އެރިކްސަންއަށް ކެންސަރު ޖެހުނުކަން އެނގުނުއިރުވެސް އޭނާ ހުރީ އެ މަސައްކަތުގެ ތެރޭގައެވެ. ސްވިޑެންގެ ކާލްސްޓަޑްގެ ކޯޗުކަމުގައި އޭރު ހުރުމަށްފަހު، އެ މަގާމުން ދުރަށް ޖެހިލީ ބަލި ހާލަތު ގޯސްވުމުންނެވެ.
އެރިކްސަން ކެންސަރަށް ފަރުވާކުރަމުންދާކަން އިއުލާންކުރަމުން އޭނާ ބުނެފައި ވަނީ އޭނާއަށް ރަނގަޅު ދިރިއުޅުމެއް އުޅެވިފައިވާ ކަމަށާއި އޭނާގެ ހާލަތާމެދު ދެރަވެ ހިތާމަކުރުމުގެ ބަދަލުގައި ހިނިތުން ވެލުމަށެވެ. އެރިކްސަން އެ ހާލަތު ބަޔާން ކުރުމާއެކު މި އަހަރު ވޭތުވެ މިދިޔަތަނުގައި އޭނާގެ ކުރީގެ ކްލަބުތަކުން ވަނީ ހާއްސަ ދައުވަތުތަކަށް އެރިކްސަން ސްޓޭޑިއަމްތަކަށް ގެންގޮސްފައެވެ.
ލިވަޕޫލްގެ ސަޕޯޓަރެއްގެ ގޮތުގައި މަޝްހޫރު އެރިކްސަން ވަނީ މިދިޔަ މާޗު މަހު ލިވަޕޫލްގެ ލެޖެންޑުން ޓީމަކަށް އިރުޝާދު ދޭން އެ ސްޓޭޑިއަމްއަށްވެސް ނުކުމެފައެވެ. އޭގެ އިތުރުން "ސްވެން"ގެ ނަމުގައި ހާއްސަ ޑޮކިއުމެންޓްރީއެއް ރިލީސްކޮށް، ލާޒިއޯގެ ސްޓޭޑިއަމަށްވެސް އޭނާ ޒިޔާރަތް ކޮށްފައިވެއެވެ.
ކުޅުންތެރިއެއްގެ ގޮތުގައި އުމުރުން 27 އަހަރު ރިޓަޔާކުރި އެރިކްސަން ވަނީ ރިޓަޔާމަންޓަށްފަހު 12 ކްލަބަށް ކޯޗުކަން ކޮށްދީފައެވެ. ކްލަބު ލެވެލްގައި 18 ތަށި ހޯދައި ދިން އެރިކްސަން ވަނީ މެންޗެސްޓާ ސިޓީއާއި ލެސްޓާ ސިޓީ، ރޯމާ، ޕޯޗުގަލްގެ ބެންފިކާ، އިޓަލީގެ ފިއޮރެންޓީނާގެ އިތުރުން ސަމްޕްޑޯރިއާ އަދި ލާޒިއޯއަށްވެސް ކޯޗުކަން ކޮށްދީފައެވެ. އޭގެ އިތުރުން އޭނާ ވަނީ މެކްސިކޯއާއި އައިވޮރީ ކޯސްޓް އަދި ފިލިޕީންސަށްވެސް ކޯޗުކަން ކޮށްދީފައެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު