ޖަރުމަނު ލީގުގައި ބަޔާން މިއުނިކުން ކުޅުނު ފުރަތަމަ މެޗުގައި ރޭ ވުލްވްސްބާގު ބަލިކޮށްފިއެވެ.

ބަޔާނުން ރޭގެ މެޗު ރަށުން ބޭރުގައި ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. ބަޔާން މޮޅުވި ގޯލު، ފަހުވަގުތު އެޓީމަށް ކާމިޔާބުކޮށްދިނީ ސާޖް ގްނަބްރީއެވެ. ބަޔާނުން މި ސީޒަނަށް ވިންސެންޓް ކޮމްޕެނީގެ ކޯޗުކަމުގައި ނުކުމެފައިވާ އިރު، އެޓީމަށް ބޮޑު ޗެލެންޖެއް އެބައޮތެވެ. މިދިޔަ ސީޒަނުގެ ލީގު ތަށްޓާއި ޖަރުމަނު ކަޕްގެ އިތުރުން ޗެމްޕިއަންސް ލީގުވެސް ގެއްލި، އެޓީމުން ނިންމާލީ ހުސް އަތާއެވެ. ކޮމްޕެނީއަށް އޮތީ އެކަން ބަދަލުކުރުމުގެ ބޮޑު ޒިންމާއެކެވެ.

ރޭގެ މެޗުގެ ކުރީކޮޅުގައި ބަޔާނުން ވަނީ ލީޑު ނަގައިފައެވެ. ސާޗާ ބޯއޭ ވުލްވްސްބާގު ޑިފެންސް ފޫއަޅުވާލައި، ކަނޑާލި ބޯޅަ ގޯލަށް ވައްދާލީ ޖަމާލް މުސިއާލާއެވެ. އޭގެ އިތުރުންވެސް ފުރަތަމަ ހާފުގައި ބަޔާނުން ވަނީ ނުރައްކާތެރި އިތުރު ހަމަލާތައް އުފައްދައިފައެވެ. ގްނަބްރީ ފުރަތަމަ ހާފުގައި އުފެއްދި ހަމަލާތައް މަތަކުރީ ވުލްވްސްބާގުގެ ގޯލްކީޕަރު ކަމީލް ގްރަބްރާއެވެ.

އޭގެ އިތުރުން ހެރީ ކޭން ބޮލުން ފޮނުވާލި ހަމަލާވެސް މަތަކުރީ ވުލްވްސްބާގަށް ފުރަތަމަ މެޗު ކުޅެމުންދިޔަ ގްރަބްރާއެވެ.

ދެވަނަ ހާފަށް ނުކުމެ ވުލްވްސްބާގުން ނަތީޖާ އެއްވަރުކުރީ ލޮވްރޯ މާޔޭ ޖެހި ޕެނަލްޓީގައެވެ. އަދި އޭގެ ފަހުން ބަޔާން ޑިފެންޑަރު ކިމް މިން-ޖާއޭގެ ގޯހަކުން މާޔޭ ދެވަނަ ގޯލެއްވެސް ޖެހިއެވެ.

ރޭގެ މެޗުގައި މުލާ، ރެކޯޑު 474 ވަނަ ފަހަރަށް ބަޔާން ޖާޒީގައި ދަނޑަށް ނުކުމެފައިވާ އިރު، އޭނާއަކީ މިހާރު ބަޔާން ޖާޒީގައި އެންމެ ގިނަ ލީގު މެޗު ކުޅުނު ކުޅުންތެރިޔާއެވެ. ކުރިން އެ ރެކޯޑު އޮތީ ލެޖެންޑަރީ ގޯލްކީޕަރު ސެޕް މާއިއޭ އަތުގައެވެ.

ރޭގެ މެޗުގައި ބަޔާނުން މެޗު އަނބުރައި އެއްވަރުކުރީ ޖަކޫބް ކަމިންސްކީ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. އެ ގޯލާއެކު ބަޔާނުން އުންމީދު އާކޮށް، 82 ވަނަ މިނެޓުގައި ގްނަބްރީ ވަނީ ބަޔާނަށް ތިން ޕޮއިންޓް ޔަގީން ކޮށްދީފައެވެ.