ރެއާލް މެޑްރިޑަށް ގެންދިޔަ ޒުވާން ބްރެޒިލް ތަރި އެންޑްރިކްގެ ގޯލާއެކު ލީގުގައި މިރޭ ކުޅުނު މެޗުގައި ރެއާލް ވަލަޑޮލައިޑް ބަލިކޮށްފިއެވެ.

ރެއާލުން މިދިޔަ ސީޒަނުގެ ލީގާއި ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފައިވާ އިރު، އެޓީމުން މިދިޔަ ސީޒަނު ލީގުގައި އެއްވަނައިގައި ނިންމާލީ ދެވަނައިގައި އޮތް ބާސެލޯނާއަށްވުރެ 10 ޕޮއިންޓް ކުރީގައި އޮވެގެންނެވެ. މި ސީޒަނުގައި ރެއާލުން ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި މަލާކޯއާ އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. އެހެންނަމަވެސް، މިރޭގެ މެޗުގައި ނަތީޖާ ރަނގަޅުކޮށް، ރެއާލުން ވަނީ އަމިއްލަ ދަނޑުގައި 3-0 އިން ވަލަޑޮލައިޑް ބަލިކޮށްފައެވެ.

ކިލިއަން އެމްބާޕޭގެ ހޯމް ފުރަތަމަ މެޗުގެ ބޮޑު ބައެއްގައި ރެއާލަށް އުނދަގޫތަކާ ކުރިމަތިވިއެވެ. ހާއްސަކޮށް ފުރަތަމަ ހާފުގައި އެޓީމުގެ އަސްލު ފެންވަރުގައި އެޓޭކް ކުރެވުނުތަން ފެނިގެން ގޮސްފައެއް ނުވެއެވެ.

މެޗުގައި ރެއާލަށް އަސްލު އެޓޭކިން ފެންވަރު ދެއްކިފައި ވަނީ ފަހުކޮޅުގައެވެ. އެއީ ދެވަނަ ހާފު ފެށިގެން، މެޗުގެ 50 ވަނަ މިނެޓުގައި ފެޑެރީކޯ ވަލްވާޑޭ ގޯލު ހުޅުވާލުމުންނެވެ. މެޗުގައި މޮޅަށް ކުޅުނު ވަލްވާޑޭ އެ ގޯލު ކާމިޔާބުކުރީ ހިލޭ ޖެހުމަކުންނެވެ.

އެ ގޯލާއެކު ރެއާލް ފޯމަކަށް އެޅި، 88 ވަނަ މިނެޓުގައި ދެވަނަ ގޯލެއްވެސް ޖެހިއެވެ. އެ ގޯލު ޖެހީ ބަދަލަކަށް ނުކުތް ބްރަހީމް ޑިއާޒެވެ. އެޑާ މިލިޓާއޯ ވައްޓާލި ބޯޅަ ކޮންޓްރޯލް ކޮށްލައި، ބްރަހީމް ޑިއާޒް ނިންމާލީ ކީޕަރު ބޯމަތިން ޗިޕެއް ޖަހައިގެންނެވެ.

ރެއާލަށް މިރޭގެ މެޗު އެންމެ ހާއްސަވީ އުމުރުން 18 އަހަރުގެ އެންޑްރިކް ކުޅުނު ފުރަތަމަ މެޗުގައި ގޯލު ޖެހުމުންނެވެ. އެންޑްރިކްގެ އުމުރުން 16 އަހަރުގައި އޭނާ ގަނެ، 18 އަހަރު ވަންދެން އިންތިޒާރުކޮށް ރެއާލުން މި ސީޒަނަށް އޭނާ ކްލަބުގެ ފުރަތަމަ ޓީމަށް ގެންގޮސްފައިވާ އިރު، މިރޭގެ މެޗުގައި ރެއާލްގެ ތިންވަނަ ގޯލު ޖަހައި އޭނާ ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.