ޗެލްސީން ރަށުން ބޭރުގައި މިރޭ ކުޅުނު އިނގިރޭސި ޕްރިމިއާ ލީގު މެޗުގައި ބޮޑު ތަފާތަކުން ވުލްވްސް ބަލިކޮށްފިއެވެ.
އެންޒޯ މަރެސްކާގެ ކޯޗުކަމުގައި ޗެލްސީން ހޯދި ފުރަތަމަ ލީގު މޮޅު އެ ޓީމުން ހޯދީ 6-2 އިން މޮޅުވެގެންނެވެ. މިރޭގެ މެޗުގައި ޗެލްސީގެ ޒުވާން އިނގިރޭސި ވިންގް، ނޮނީ މަޑުއޭކޭ ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ. މަޑުއޭކޭ މެޗުގައި ޖެހި ތިން ގޯލުވެސް ފެނިގެން ދިޔައީ ދެވަނަ ހާފުގައެވެ.
މިރޭގެ މެޗު ފެށުމުގެ ކުރިން މަޑުއޭކޭ އިންސްޓާގްރާމްގައި ވުލްވްސް ނިސްބަތްވާ ސިޓީއަށް ޖޯކު ޖަހައި ސްޓޯރީއެއް ލާފައިވުމާއެކު، އެ ޓީމުގެ ސަޕޯޓަރުން ދިޔައީ މަޑުއޭކޭ ފައިގައި ބޯޅަ ޖެހުނު ކޮންމެ ފަހަރަކު "ބޫ" ކުރަމުންނެވެ.
އެ ނުތަނަވަސްކަމުގައި މެޗު ފެށިގެން މާގިނައިރެއް ނުވެ، ޗެލްސީން ލީޑު ނެގީ ކޯލް ޕާމާގެ ކޯނަރެއްގައެވެ. ޕާމާގެ ކޯނަރު އޭރިއާ ތެރެއިން ބޮލުން ގޯލަށް ވައްދާލައި ޗެލްސީއަށް ލީޑު ނަގައި ދިނީ ނިކޮލަސް ޖެކްސަންއެވެ. އެ ގޯލާއެކު އުފާފާޅުކުރުމުގެ ތެރޭގައިވެސް ސަޕޯޓަރުންގެ މެދުގައި ނުތަވަސްކަން އުފެދުނެވެ.
އޭގެފަހުން ވުލްވްސް އިން މަތެއަސް ކޫނިއާގެ ގޯލުން ނަތީޖާ ހަމަހަމަކޮށް، އޭނާ އަނެއްކާވެސް ޖެކްސަންއަށް ބަހުން ޖެހުމުން އެކަމާވެސް ދެ ޓީމުގެ ކުޅުންތެރިންގެ ތެރޭގައި ބަހުގެ ހަމަލާތައް ބަދަލުކޮށްފައިވެއެވެ. ފޯރިގަދަކޮށް ދިޔަ ފުރަތަމަ ހާފުގައި ޗެލްސީން ދެވަނަ ފަހަރަށްވެސް ލީޑު ނެގިއެވެ. ޖެކްސަންގެ ޕާހަކުން، ހިތްގައިމުކޮށް މަތިމަތިން ބޯޅަ ގޯލަށް ވައްދާލައި ގޯލު ޖެހީ ޕަމާއެވެ.
ޗެލްސީއަށް އެ ލީޑު ހާފު ނިމެންދެން ހިފަހައްޓާ ނުލެވި، ފުރަތަމަ ހާފު ނިމުނީ އެއްވަރު ވެގެންނެވެ. ވުލްވްސްގެ ދެވަނަ ގޯލު ޖެހީ ޖޯގެން ސްޓްރޭންޑް ލާސަންއެވެ.
ދެވަނަ ހާފު ފެށިގެން ވުލްވްސްއަށް ނޭވައެއްވެސް ލާން ވަގުތު ނުދީ މަޑުއޭކޭ ފުލުފުލުގައި ތިން ގޯލު ޖެހިއެވެ. 14 މިނެޓް ތެރޭގައި މަޑުއޭކޭ ހެޓްރިކް ފުރިހަމަކުރީ ޕާމާގެ ތިން އެސިސްޓާއެކުގައެވެ.
ޗެލްސީން ފަހުކޮޅުގައި އެޓޭކް ވަރުގަދަ ކުރީ އަލުން އަނބުރާ ކްލަބަށް އައި ޖާއޯ ފެލިކްސްއާއި ކުރިން ވުލްވްސްއަށް ކުޅެ، މި ސީޒަނަށް ޗެލްސީއަށް ބަދަލުވި ޕެޑްރޯ ނެޓޯއާއި ކްރިސްޓޮފާ އެންކުންކޫ ކުޅުމަށް ނެރެގެންނެވެ. ނެޓޯގެ ޕާހަކުން ޗެލްސީގެ ހަވަނަ ގޯލުވެސް ޖެހީ ފެލިކްސްއެވެ. އޭނާގެ އެނބުރި އައުން އިއުލާން ކުރީ ހިތްގައިމު ގޯލަކުންނެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު