ދެހާސް ސަތާރަ ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ) ގެ މަރުގެ މައްސަލައިގައި ހެކިންނަށް ބިރު ދައްކައި ނުފޫޒު ފޯރުވުމުގެ ސަބަބުން ގިނަ ސިއްރުހެކިން ހާޒިރު ކުރެވިފައިނުވާ ކަމަށް ދައުލަތުން ބުނެފިއެވެ.

ނަދީމުގެ މަރުގެ މައްސަލައިގައި ދައުލަތުން ކުރިމިނަލް ކޯޓުގައި ދައުވާކޮށްފައިވަނީ ގ. ޝާރާޒް މުހައްމަދު މަފާޒު ހުސެއިން ސަލީމާއި ރ. އިންނަމާދޫ/ ސަމަންތާ, ހުސެއިން ޝާމިން އާއި، ގއ. ގެމަނަފުށި/ ހަވާސް, މުހައްމަދު ކަރަމް ސުހައިލް އަދި ލ. ގަން/ ވިދާތަރި, އަލީ ނިފާޒުގެ މައްޗަށެވެ.

މި ހަތަރު މީހުންގެ މައްޗަށް ދައުވާ ކުރުމުން، ކުށް ސާބިތު ނުވާ ކަމަށް ނޮވެމްބަރު 14، 2022 ގައި ކުރިމިނަލް ކޯޓުން ކަނޑައެޅުމުން، އެ މީހުން މިނިވަންވިއެވެ.

ނަމަވެސް ކުރިމިނަލް ކޯޓުގެ ހުކުމާ މެދު ހިތްހަމަ ނުޖެހިގެން ދައުލަތުން އެ މައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

މިއަދު ހައިކޯޓުގައި އޮތް މި މައްސަލައިގެ އަޑުއެހުމުގައި، ޕަބްލިކް ޕްރިސިކިއުޓާ ފާތުމަރު ނިއުޝާ ވިދާޅުވީ، މި މައްސަލައިގައި ހިމެނޭ ހެކިންނަށް ބިރު ދައްކައި ނުފޫޒު ފޯރުވާ ކަމަށް ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުން ދައުލަތުގެ ވަކީލުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެކިންގެ މައުލޫމާތު ހޯދައި އެ ހެކިންނަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަމުން ގެންދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށް ނިއުޝާ ވިދާޅުވިއެވެ.

އެގޮތުން ހެކިންގެ އާއިލާތަކާއި އެ މީހުންނާ ގުޅުންހުރި ފަރާތްތަކަށް އެކިއެކި ނުފޫޒު ފޯރުވައި، ހަމަލަ ދިނުމަށް ރާވައި، ޕީޖީ އޮފީހަށް ސިޓީ ފޮނުވައިގެން ހެކިބަސް ބަދަލުކުރުމަށް ހެކިންގެ އާއިލާ މީހުންނަށް އެކި ގޮތްގޮތުން މަޖުބޫރު ކުރުވައިގެން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ހިއްސާކުރި އިންޓަލިޖެންސް ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން އެ މައްސަލައިގައި ހިމެނޭ ގިނަ ހެކިން އެއްބާރުލުން ދިނުމަށާއި ހެކިބަސް ދިނުމަށް އިއުތިރާޒް ކޮށްފައިވާ ކަމަށާއި އެމީހުންނަށް ދިމާވެފައި އޮތް ބިރެއްގެ ސަބަބުން މިނިވަންކަމާއެކު ހެކިބަސް ދެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށްވެސް ވިދާޅުވިއެވެ.