ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި މުހައްމަދު ސައީދު، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ އާ މެނޭޖިން ޑިރެކްޓަރަކަށް ރޭ އައްޔަންކޮށްފައިވާތީ، ވީއޭއެމްގެ އެސްޖީ ކަމުގައި އޭނާ ހުރުމާ މެދު ގޮތެއް ނިންމާނީ ހިންގާ ކޮމިޓީގެ ބައްދަލުވުމަކުން ކަމަށް ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް (ލަތީބެ) ވިދާޅުވެއްޖެއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޓް (ޕީސީބީ) އިން، ޕީއެސްއެމްގެ އެމްޑީއަކަށް ސައީދު ހަމަޖެއްސީ، އެތަނުގެ އެމްޑީ އަކަށް ހުންނެވި، ޒީނާ ޒާހިރު އިއްޔެ ހަވީރު އިސްތިއުފާ ދެއްވުމުވުންނެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނޫނެވެ.

ސައީދު ފެބްރުއަރީ މަހުން ފެށިގެން ވީއޭއެމްގެ ޖީއެސްގެ މަގާމު ފުރުއްވަމުންދާ އިރު، ވީއޭއެމްގެ ރައީސް ލަތީފް "ވަން ސްޕޯޓްސް"އަށް ވިދާޅުވީ އަދި އެމަގާމު ހުސް ނުވާ ކަމަށާއި ގޮތެއް ނިންމާނީ ހިންގާ ކޮމިޓީގެ ބައްދަލުވުމަކަށްފަހު، ސައީދާ ވެސް މަޝްވަރާކުރައްވާފައި ކަމަށެވެ.

"ވީއޭއެމްގެ ޖީއެސްގެ މަގާމު އަދި ހުހެއް ނުވޭ. ސައީދުގެ މަގާމާ މެދު ވީއޭއެމްއިން ގޮތެއް ނިންމާނީ ހިންގާ ކޮމިޓީގެ މަޝްވަރާއަކަށްފަހު، ސައީދާވެސް ވާހަކަ ދައްކާފައި. ސައީދަށް މިވަގުތު ކުޅިވަރު ޖަމިއްޔާއެއްގެ ޖީއެސްކަން ކުރައްވަން އަނެއްހެން ހުރަހެއް ނެތް ނަމަވެސް، ބައެއް ކަންކަމުގައި މަޝްވަރާ ކުރަން އެބަޖެހޭ. އެހެންވީމަ އެ މަޝްވަރާއަށްފަހު ގޮތެއް ނިންމާނީ،" ލަތީފް ވިދާޅުވިއެވެ.

ޕީއެސްއެމްގެ އާ އެމްޑީ ސައީދަކީ، އެޑިއުކޭޝަން މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ފަހުން ހުންނެވީ، އެ މިނިސްޓްރީގޭ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައެވެ.