ރޭ ސްޕެނިޝް ލަލީގާގައި ކުޅުނު މެޗުގައި ބާސެލޯނާއިން އެތުލެޓިކް ބިލްބާއޯ ބަލިކޮށްފިއެވެ.

ބިލްބާއޯގެ އޮލިމްޕިކްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ބާސާއިން އެޓީމުން ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެއީ އެޓީމަށް މުހިއްމު މޮޅެކެވެ. މިހާތަނަށް ލީގުގައި ކުޅުނު ދެ މެޗުން ވެސް ބާސާ މޮޅުވެފައިވާ އިރު، އެޓީމުގެ އިތުރުން ދެން މިހާތަނަށް ކުޅުނު ދެމެޗުން މޮޅުވެފައި އޮތީ ސެލްޓާ ވީގޯއެވެ.

ރޭގެ މެޗުގެ 24 ވަނަ މިނެޓުގައި ބާސާއިން ލީޑު ނެގީ އެޓީމުގެ 17 އަހަރުގެ ވިންގް، ލެމީން ޔަމާލް ޖެހި ހިތްގައިމު ގޯލުންނެވެ. އޭރިއާ ބޭރުން ޔަމާލް ޖެހި ބޯޅަ ގޯލަށް ވަނީ ބިލްބާއޯގެ ޑިފެންޑަރު އިނީގޯ ލެކުއޭ ބޮލުގައި ޖެހި ކުޑަކޮށް މިސްރާބު ބަދަލުވެގެންނެވެ.

އެ ގޯލާއެކު ބާސާ ލީޑު ނެގި ނަމަވެސް، އެތުލެޓިކޯއިން ވަނީ ހާފު ނިމުމުގެ ކުރިން އެއްވަރު ކޮށްފައެވެ، އެއީ އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. ބާސާގެ ޒުވާން ޑިފެންޑަރު ޕައު ކުބާސީ، އެލެކްސް ބެރެންގުއާއަށް އޭރިއާ ތެރެއިން ކުރި ފައުލަށް ލިބުނު ޕެނަލްޓީ ފަސޭހަކަމާ އެކު ގޯލަށް ވައްދާލީ އޮއިހާން ސަންސެޓެވެ.

ބާސާއިން ދެވަނަ ހާފުގައި ނުކުމެ، މެޗުން މޮޅުވާން ކުރި މަސައްކަތުގައި އެޓީމު މޮޅުވި ގޯލު ކާމިޔާބު ކޮށްދިނީ ފުރަތަމަ މެޗުގައިވެސް އެޓީމަށް ދެ ގޯލު ޖަހައިދިނީ ރޮބާޓް ލެވަންޑޯސްކީއެވެ. ޕެޑްރީ ތިރިތިރީން ނަގައިދިން ހުރަސް އޭރިއާ ތެރެއިން ބިލްބާއޯގެ ގޯލްކީޕަރު އެލެކް ޕަޑީލާ އަތުގައި ޖެހިގައި ނުކުތުމުން ލެވަންޑޯސްކީ ވަނީ ހަމަޖެހިލައިފައި ގޯލު ތެރެއަށް ބޯޅަ ވައްދާލައިފައެވެ.

ރޭގެ މެޗުގައިވެސް ބާސާއަށް އަލަށް ގެންދިޔަ މިޑްފީލްޑަރު ޑެނީ އޮލްމޯއަށް ކުޅެވޭ ގޮތެއް ނުވިއެވެ. އެއީ އޭނާ ރަޖިސްޓްރީ ނުކުރެވި އޮތުމުންނެވެ. އޮލްމޯ ރަޖިސްޓްރީ ކުރުމަށް ފައިނޭންޝަލް ޖާގަ ހޯދަން ބާސާއިން ވަނީ އިލްކާއީ ގުންޑޮގަން އަނބުރާ ސިޓީއަށް ފޮނުވާލައިފައެވެ. އެއީ ގުންޑޮގަންއަކީ ބާސާގެ އެންމެ މުސާރަ ބޮޑު އެއް ކުޅުންތެރިޔާއަށް ވާތީއެވެ.