އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމްއިން ކުޅުނު މެޗުގައި އެވަޓަން ކައިރިން ފަސޭހަ މޮޅެއް ހޯދި އިރު، އާސެނަލުން ރަށުން ބޭރުގައި އެސްޓަން ވިލާ ބަލިކޮށްފިއެވެ.
ޓޮޓެންހަމްއިން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ރޭ އެވަޓަން ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ. އެވަޓަންއަށް މި ސީޒަނުގެ ފެށުން ގޯހުން ގޯހަށް ގޮސްފައިވާ އިރު، އެޓީމުން ފުރަތަމަ މެޗުގައި ބްރައިޓަން އަތުން ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. އެހެންކަމުން އެވަޓަންއަށް މޮޅެއް ނުލިބި، ދެމެޗުން ކޮޅަށް ހަތް ގޯލު ވަދެފައިވެއެވެ.
ރޭގެ މެޗަށް ޓޮޓެންހަމްގެ ޔެވެސް ބިސޫމާ އެނބުރި ފުރަތަމަ 11 އަށް ނުކުމެފައިވެއެވެ. ޓޮޓެންހަމްއިން ސީޒަނުގައި ކުޅުނު ފުރަތަމަ މެޗަށް އެ ކްލަބަށް އޭނާ ސަސްޕެންޑް ކުރީ "ލާފިން ގޭސް" ނުވަތަ އެންއޯއެސް މަޖަލަކަށް ބޭނުންކޮށް، އެ ބޭނުންކޮށްގެން މަޖާ ނެގި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އަމިއްލަ ސޯޝަލް މީޑިއާއަށް ޕޯސްޓުކުރި މައްސަލައެއްގައެވެ. "ލާފިން ގޭސް" އާންމުންގެ ބޭނުންތަކަށް، މަޖާކުރުމަށް ބޭނުންކުރުމަކީ އިނގިރޭސިވިލާތުގައި 2023 އަހަރުން ފެށިގެން މަނާ ކަމެކެވެ. އެކަމުގެ އަދަބެއްގެ ގޮތުގައި ދެ އަހަރަށް ޖަލަށްލުންވެސް ހިމެނެއެވެ.
ބިސޫމާ ޓީމަށް އެނބުރި އައިސް އޭނާގެ ތަފާތުވެސް ދެއްކިއެވެ. 14 ވަނަ މިނެޓުގައި ގޯލު ޖަހައި، ޓޮޓެންހަމްއިން މެޗު ރަނގަޅަށް ފެށިއެވެ. އަދި އޭގެ 10 ވަރަކަށް މިނެޓްފަހުން ކޮރެއާގެ ތަރި ހިއުން-މިން ސޮން އެޓީމަށް އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްދިނެވެ. ދެވަނަ ހާފުގައިވެސް ޓޮޓެންހަމްއިން މެޗުގެ ކޮންޓްރޯލް ގެއްލުވާ ނުލާ ހިފަހައްޓާލިއެވެ.
ޖޭމްސް މެޑިސަންގެ ގޯލަކުން ސޮން އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކުރި އިރު، ހަތަރުވަނަ ގޯލު ޖެހީ ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯއެވެ.
އާސެނަލުން މިދިޔަ ސީޒަނުގެ ދެވަނައިގައި ނިންމާލި އިރު، ސީޒަންގެ ފަހުކޮޅަށް ގޮސް އެޓީމަށް ޕޮއިންޓް ގެއްލުނު އެންމެ މުހިއްމު އެއް މެޗަކީ އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗެވެ. އެ ހަނދާން ނައްތާލަން ރޭ އެޓީމުން ނުކުމެ، ރަށުން ބޭރުގައި ވިލާ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
މިހާތަނަށް މި ސީޒަނުގެ ލީގުގައި ދެމެޗުން ދެ މޮޅު އާސެނަލުން ހޯދާފައިވާ އިރު، މިރޭ މެޗުގައިވެސް އެޓީމު ކޮޅަށް ގޯލު ޖަހަން ވިލާއިން ގިނަ ފުރުސަތުތަކެއް ހޯދިއެވެ. ފުރަތަމަ ހާފުގައި މެދުތެރެއިން މޯގަން ރޯޖާސް ހޯދި ބޯޅައިގައި އޮލޭ ވޮޓްކިންސްއަށް ހުސް ފުރުސަތެއް ލިބި ބޭކާރުވި އިރު، ދެވަނަ ހާފަށް ނުކުމެވެސް ބޮޑަށް ނުރައްކާ ކުރީ ވިލާއިންނެވެ.
އަމަޑޫ އޮނާނާ ފޮނުވާލި ބޯޅައެއް ދަނޑީގައި ޖެހި ރީބައުންސްގައި ވޮޓްކިންސްއަށް މުޅިން ހުސްކޮށް ލިބުނު ނަމަވެސް އެ ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ ހުޝިޔާރުކަމާއެކު އާސެނަލް ކީޕަރު ޑޭވިޑް ރާޔާ މަތަކުރިއެވެ. އެ ބޯޅަ މަތަކުރަން ރާޔާ ތެދުވީ، އޮނާނާ ފޮނުވާލި ބޯޅައަށް ޑައިވްވެސް ކުރުމަށްފަހުއެވެ.
މެޗުގެ އޮއެވަރު ބަދަލުވީ އާސެނަލުން ލެއާންޑްރޯ ޓްރޮސާޑް ކުޅެން ނެރުނު ފަހުންނެވެ. އޭނާ ކުޅެން ނުކުތްތާ ދެތިން މިނެޓް ތެރޭގައި އާސެނަލަށް ލީޑު ނަގައިދިނީ ފައިގައި ޖެހުނު ފުރަތަމަ ބޯޅައިންނެވެ. އަދި އޭގެ އިރުކޮޅެއްފަހުން ބުކަޔޯ ސަކާ ދިން ބޯޅައަކުން އޭރިއާ ބޭރުން ތޯމަސް ޕާޓޭ ފޮނުވާލި ބޯޅަވެސް ގޯލަށް ވައްދާލައި، އާސެނަލުން މޮޅު ޔަގީންކުރިއެވެ.
އާސެނަލްގެ ދެވަނަ ބޯޅަ ގޯލަށް ވަނީ ވިލާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް އަތުގައި ޖެހިފައެވެ. އޭނާއަށް ފަސޭހަކޮށް ދިޔަ ބޯޅައެއް ނަމަވެސް، އަތުގައި ޖެހިފައި ވަނީ ގޯލު ތެރެއަށެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު