އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް، އުރީދޫ މަސްރޭސްގެ ގދ. ތިނަދޫގެ ޗެމްޕިއަންކަން ބްލެކް އޭންޓް ފިޝިން ހޯދައިފިއެވެ.
އުރީދޫ މަސްރޭހުގެ ތިނަދޫ މުބާރާތުގައި އަށް ޓީމަކުން ވާދަކުރި އިރު، މުބާރާތް ފަށާފައިވަނީ އިއްޔެއެވެ. ޓީމުތަކުގެ މެދުގައި ވާދަވެރިކަން ފެނިގެންދިޔަ އެ މުބާރާތުގެ ޗެމްޕިއަންކަން ބްލެކް އޭންޓް ފިޝިން ހޯދީ 1665.81 ޕޮއިންޓާ އެކުއެވެ.
އެ ޓީމަށް އުރީދޫ މޯލްޑިވްސް އިން ވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.
މުބާރާތުގެ ދެވަނަ ހޯދީ ޓީމް އެމްއައިބީއެވެ. އެ ޓީމަށް ހޯދުނީ 523.25 ޕޮއިންޓެވެ. ތިންވަނަ ޓީމަކީ ހޯނޑެއްދޫ މަސްވެރިންނެވެ. އެ ޓީމުން ވަނީ 478.85 ޕޮއިންޓް ހޯދައިފައެވެ.
މުބާރާތުގެ އެންމެ ބަރު މަސް ބޭނީ ބްލެކް އޭންޓް ފިޝިންގެ އަބްދުﷲ ދީދީއެވެ. އޭނާ ބޭނި ހަނދީގެ ބަރުދަނުގައި 7.15 ކިލޯ ހުއްޓެވެ. މުބާރާތުގެ އެންމެ ގިނަ މަސް ބާނައިގެން އެންމެ މޮޅު ކެޔޮޅުގެ މަގާމު ހޯދީ ހޯނޑެއްދޫ މަސްވެރިންގެ ދައުސް ހަސަންއެވެ. އޭނާ ވަނީ 12 މަސް ބާނައިފައެވެ.
މުބާރާތުގައި އެންމެ މޮޅު އަންހެން ކެޔޮޅުވެސް ހޮވާފައިވެއެވެ. އެ މަގާމު ލިބުނީ ހަތަރު މަސް ބޭނި އެމްއައިބީގެ އާތިކާ މުހައްމަދާއި އައިޝަތު ނޫފާ އަލީއެވެ.
އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ ކ. ހިންމަފުށި، ޅ. ނައިފަރު އަދި ގދ. ތިނަދޫގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު