ޔޫއެފާ ކޮންފަރެންސް ލީގުގެ ޕްލޭ އޮފް ފުރަތަމަ ލެގުގައި ޗެލްސީ ކުޅުނު މެޗުގައި ރޭ ސްވިޒަލޭންޑްގެ ސަވެޓް ކައިރިން މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު ފުރަތަމަ ލެގުގެ މެޗު ޗެލްސީން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ކޮންފަރެންސް ލީގުގެ ޖާގައެއް ޔަގީންކުރުމަށް ޗެލްސީން އަދި ސްވިޒަލޭންޑްގެ ޖެނީވާގައި ދެވަނަ ލެގެއް ކުޅެން ޖެހޭނެއެވެ. އެ މެޗު އޮންނާނީ މިމަހުގެ 29 ވަނަ ދުވަހުއެވެ.

ރޭގެ މެޗަށް ބަދަލުތަކާ އެކު ނުކުތް ޗެލްސީއަށް ފުރަތަމަ ހާފުގައި އުނދަގޫތައް ކުރިމަތިވިއެވެ. އެޓީމަށް އެޓޭކްތައް އުފައްދަން އުނދަގޫތަކާ ކުރިމަތިވި އިރު، މެޗު ހުޅުވިގެން ދިޔައީ ދެވަނަ ހާފުގައެވެ. ކްރިސްޓޮފާ އެންކުންކޫ އޭރިއާ ތެރެއަށް ވަނުމާއެކު ސަވެޓްގެ ގޯލްކީޕަރު ޖެރެމީ ފްރިކް ކުރި ފައުލަށް ޗެލްސީއަށް ޕެނަލްޓީއެއް ލިބުނެވެ. އެ ޕެނަލްޓީގައި އެންކުންކޫ އެޓީމަށް ލީޑުވެސް ނަގައިދިނެވެ.

އޭގެ އިރުކޮޅެއްފަހުން ޗެލްސީއަށް ލީޑު ފުޅާކުރަންވެސް ފުރުސަތު ލިބުނެވެ. މާކް ގިއޫއަށް ކީޕަރުވެސް ނެތި ލިބުނު ބޯޅަ ގޯލަށް ވައްދާލަން ލިބުނު ފުރުސަތު އޭނާއަށް ރަނގަޅަށް ފޮނުވާނުލެވި ދިޔަ އިރު، ރީބައުންސްގައި ފޮނުވާލި ހަމަލާވެސް ކާމިޔާބެއް ނުވިއެވެ.

ސަވެޓުންވެސް ޗެލްސީއަށް މެޗުގައި ނުރައްކާ ކޮށްފައިވާ އިރު، ޗެލްސީއަށް އަލަށް ގެންދިޔަ ގޯލްކީޕަރު ފިލިޕް ޖޮގެންސަން ވަނީ ރަނގަޅު ދެ ސޭވެއް ކޮށްފައެވެ.

ރޭގެ މެޗުގައި ޗެލްސީން މޮޅު ޔަގީންކުރީ 72 ވަނަ މިނެޓުގައި ނޮނީ މަޑުއޭކޭ ޖެހި ގޯލާއެކުގައެވެ. އޭނާ އަރިމަތިން އަރީ ހަނި އޭންގަލުން ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ސީދާ މަތީ ދާގަނޑަށެވެ.