ޗެލްސީގެ އާ ކޯޗު، އެންޒޯ މަރެސްކާގެ ޕްލޭނުގައި ނުހިމެނޭތީ ރަހީމް ސްޓާލިންނާއި ބެން ޗިލްވެލްއަށްވެސް އެކަން އަންގާފައިވާ ކަމަށް އޭނާ ބުނެފިއެވެ.

ޗެލްސީން މި ޓްރާންސްފާ ސީޒަނުގައިވެސް ގިނަ ޓްރާންސްފާތަކެއް ކޮށްފައިވެއެވެ. ޓީމުގެ ސްކޮޑު ސައިޒް، 42 ކުޅުންތެރިންނަށް ބޮޑުވެފައިވާ އިރު، އެކަމަށް ފާޑު ކިޔުންވެސް އަމާޒުވެފައިވެއެވެ. އެހެންނަމަވެސް އެ ފާޑު ކިޔުންތަކަށް ކޯޗު މަރެސްކާ ވަނީ ރައްދު ދީފައެވެ. އޭނާ ބުނީ ބޭރުން ބަލައިލާ އިރު، ޗެލްސީ އޮތީ ވާނުވާ ނޭނގޭ ހިސާބުގައި ކަމަށް ހީވިޔަސް، އޭނާއަށް ކަންކަން ސާފު ކަމަށެވެ.

އެގޮތުން ސްކޮޑުގައި 43 ނޫނީ 42 ކުޅުންތެރިން ތިބި ނަމަވެސް، އޭގެ ތެރެއިން 15 ކުޅުންތެރިން ތަމްރީނުތައް ފުރިހަމަކުރަމުން ދަނީ ޓީމުގެ އަސްލު ސްކޮޑުން ބޭރު، ވަކިން ކަމަށްވެސް މަރެސްކާ ބުންޏެވެ. އަދި ޕްލޭނަށް ބޭނުން ނުވާ ކުޅުންތެރިންނަށް އެކަން އަންގައި، ސީދާ ސީދަލަށް ބުނެފައިވާނެ ކަމަށްވެސް ކުރިން ލެސްޓާ ސިޓީއަށް ކޯޗުކަން ކޮށްދިން މަރެސްކާ ބުނެފައިވެއެވެ. އޭގެ ތެރޭގައި ޗެލްސީގެ ސީނިއާ ބައެއް ކުޅުންތެރިން ކަމަށްވާ ސްޓާލިންނާއި ޗިލްވެލްވެސް ހިމެނެއެވެ.

"އަހަރެން ސިޓީ މެޗުގެ ކުރިންވެސް ސްޓާލިންނާ އެކަނި ވާހަކަ ދެއްކިން. އަހަރެން އޭނާ ގާތުގައި ބުނަން ބޭނުވާ ވާހަކަ ބުނެފައިވާނީ ސާފުކޮށް. އެއީ އަހަރެންގެ ސްޓައިލަށް އޭނާ ނުފެތޭ ކަމަށް. ޗެލްސީގައި މުސްތަގުބަލެއް ނެތް ކަމަށް. ސްޓާލިންނަކީ ވަރަށް މޮޅު ކުޅުންތެރިއެއް ނަމަވެސް އަހަރެން ބޭނުންވާ ސްޓައިލްގެ ވިންގެއް ނޫން އެއީ،" މަރެސްކާ ބުންޏެވެ.

ކުރިން ޕެޕް ގާޑިއޯލާގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި މަރެސްކާ ބުނީ ޗިލްވެލް ގާތުގައިވެސް ތެދަށް ކަންކަން ކިޔައިދީފައިވާ ކަމަށެވެ. އަދި ޗިލްވިލްގެ މަގާމުގެ ގޮތުން އޭނާއަށް ކުޅުމުގެ ފުރުސަތު ހޯދަން ޗެލްސީގައި އުނދަގޫވާނެ ކަމަށް ބުނެފައިވާނެ ކަމަށްވެސް މަރެސްކާ ބުންޏެވެ.

މަރެސްކާގެ އެ ވާހަކަތަކުގެ ސަބަބުން އޭނާ ކުޅުންތެރިންނަށް އިހުތިރާމް ކުޑަކުރިކަމަށް ބައެއް ނޫސްތަކުގައި ބުނާ ބުނުމަށް މަރެސްކާ ބުނީ އޭނާ ކުރިކަމަކީ ތެދަށް ބުނުން ކަމަށެވެ. އަދި އެއީ އެއްވެސް ހާލެއްގައި ގޯސްކޮށް ކަންތައް ކުރުން ކަމަށް ނުދެކޭ ކަމަށްވެސް ކޯޗު ބުންޏެވެ.

ސްޓާލިން ޗެލްސީއާ ގުޅުނީ 2022 ވަނަ އަހަރުއެވެ. 50 މިލިއަން ޕައުންޑްގެ އެ ޓްރާންސްފާއަށްފަހު އޭނާ ވަނީ ޗެލްސީއަށް 81 މެޗު ކުޅެދީފައެވެ. ޗިލްވެލް 2020 ވަނަ އަހަރު ޗެލްސީއާ ގުޅުނު ފަހުން 70 މެޗު ކުޅެދީފައިވާ އިރު، އޭނާ ވަނީ އެ ކްލަބާއެކު ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފައެވެ.