ޖަރުމަނުގެ ލެޖެންޑަރީ ގޯލްކީޕަރު މެނުއަލް ނޯޔާ، ގައުމީ ޓީމުން ރިޓަޔާކޮށްފިއެވެ.

ދެހާސް ސާދަވަނަ އަހަރު ޖަރުމަނާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި ނޯޔާ، ގައުމީ ޓީމަށް 124 މެޗު ކުޅެފައިވެއެވެ. އެންމެފަހުން އޭނާ ޖަރުމަނު ގައުމީ ޓީމަށް ކުޅެފައިވަނީ ނިމިދިޔަ ޔޫރޯ 2024 ގައެވެ. އެ މުބާރާތުގައި ކުއާޓާ ފައިނަލުގައި ޖަރުމަނު ވަނީ ސްޕެއިން ކައިރިން ބަލިވެފައެވެ.

އުމުރުން 38 އަހަރުގެ ނޯޔާ ޖަރުމަނަށް ކުޅެން ފެށީ 2009 ވަނަ އަހަރުއެވެ. އެގައުމާއެކު ބޮޑު އަށް މުބާރާތެއް ނޯޔާ ކުޅެފައިވާ އިރު، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުރިން އޭނާއާ ކެޕްޓަންކަން ހަވާލުކޮށްފައިވެއެވެ. ޖަރުމަނުގެ ކެޕްޓަނެއްގެ ގޮތުގައި މިއަހަރާ ހަމައަށް ނޯޔާ ދެމިހުރެފައިވެއެވެ. ޖަރުމަނުން ކެޕްޓަން ބަދަލުކުރީ މިއަހަރުއެވެ. ނޯޔާ އަތުން ބޭންޑް ނަގައި، އެންމެފަހުން ކެޕްޓަނަކަށް ހަމަޖެއްސީ އިލްކާއީ ގުންޑޮގަންއެވެ.

ގުންޑޮގަންވެސް ވަނީ މި ހަފުތާ ތެރޭގައި ޖަރުމަނުން ރިޓަޔާކުރި ކަމަށް އިއުލާނުކޮށްފައެވެ. ޖަރުމަނުގެ ސީނިއާ ގިނަ ކުޅުންތެރިންތަކެއް ގައުމީ ޓީމަށް ކުޅުން ހުއްޓާލަމުންދާ އިރު، ޔޫރޯ ވެގެންދިޔައީ އެ ގައުމުގެ ލެޖެންޑަރީ މިޑްފީލްޑަރު ޓޯނީ ކްރޫސްގެ ފަހު މުބާރާތަށެވެ. ކްރޫސް މިހާރު ވަނީ ޕްރޮފެޝަނަލް ފުޓުބޯޅަ އެއްކޮށް ހުއްޓާލައިފައެވެ.

ނޯޔާ، އޭނާގެ ކްލަބު ބަޔާން މިއުނިކާއެކު އެއްބަސްވުން އާކޮށްފައިވާ އިރު، އޭނާ ބަޔާނާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރަށެވެ.