ތިލަފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިކަމަށް އެ މުވައްސަސާއިން ބުނެފިއެވެ.

އެމްއެންޑީއެފުން މިއަދު މީޑިއާތަކަށް ބުނީ މިއަދު ހެނދުނު އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ތިލަފުށީގައި ހުންނަ މެރިން ސެންޓަރުގައި ކަމަށާއި އަލިފާން ނިއްވާލުމުގެ މަސައްކަތް ތިލަފުށީ ފަޔާ ސްޓޭޝަނުން ކުރަމުން އަންނަ ކަމަށެވެ.

އެ ހާދިސާގައި ދިވެއްސަކަށް ދުމުގެ އަސަރުކޮށް، ކޮންމެވެސް ވަރަކަށް ފިހިފައިވުމުން އޭނާއަށް ފަރުވާދެމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ މެރިން ސެންޓަރުގައި ހިނގި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއު ނަމަވެސް މުޅިން އެއްކޮށް އަލިފާން ނިއްވާނުލެވޭ ކަމަށެވެ.

"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ ތިލަފުށީގައި ހުންނަ މެރިނޭޑޯ ޕްރައިވެޓް ލިިމިޓެޑުގައެވެ. އެތަނަކީ ކަނޑުމަތީގެ އުޅަނދުތައް މަރާމާތުކުރާ ގުދަނެކެވެ. އެ ގުދަނުގައި އެކި ކަހަލަ ކެމިކަލާއި ކައްކާ ގޭހުގެ އިތުރުން ކުދި ބަގީ އަދި މަރާމާތަށް ގެނެސްފައި ހުރި އިންޖީނުތައްވެސް ހުއްޓެވެ.