ރާއްޖޭގެ ބޭނުންކުރެވޭ ޑޮލަރު ރިޒާވު ހުސްނުވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
އޮންލައިން ނޫހެއް ކަމަށްވާ "އަދަދު" ނޫހުން މިއަދު ވަނީ "ބޭނުން ކުރެވޭ ޑޮލަރު ރިޒާވު ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އެއްކޮށް ހުސްވެއްޖެ" ސުރުހީގެ ދަށުން ހަބަރެއް ޝާއިއުކޮށްފައެވެ.
އެ ހަބަރު ދޮގުކޮށް އެމްއެމްއޭއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ހަބަރުގައި ހުރީ ހަގީގަތާ ހިލާފު ދޮގު މައުލޫމާތުތަކެއް ކަމަށެވެ.
"ރިޒާވްގެ މައުލޫމާތު މިހާރެކޭ އެއްގޮތަށް މި އޮތޯރިޓީން ދާނީ މަހުން މަހަށް ބަރާބަރަށް ޝާއިއުކުރަމުންނެވެ. ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ޖުލައި ނިމުނު އިރު ހުރި މިންވަރަށްވުރެ އޮގަސްޓު މަހުގެ ނިޔަލަށް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ވާހަކަވެސް ދަންނަވަމެވެ،" އެމްއެމްއޭއިން ބުންޏެވެ.
ބޭނުންކުރެވޭ ރިޒާވުގެ ބޭނުމަކީ ރާއްޖެއަށް ބޭނުންވާ ތެލާއި ބޭސް ފަދަ ޒަރޫރީ ތަކެތި ރާއްޖެ އެތެރެކުރުމަށެވެ.
މިދިޔަ އާދިއްތަ ދުވަހު އެމްއެމްއޭއިން ބުނެފައިވަނީ މިދިޔަ ޖުލައި މަސް ނިމުނު އިރު، ބޭނުންކުރެވޭ ރިޒާވްގައި 45 މިލިއަން ޑޮލަރު ހުރި ކަމަށެވެ.
އެމްއެމްއޭއިން އެގޮތަށް ބުނެފައިވަނީ ރިޒާވް މި މަހު ހުސްވާނެ ކަމަށް ލަފާކޮށް އެމްއެމްއޭ އިން ފިނޭންސް މިނިސްޓްރީ އަށް ފޮނުވި ކަމަށް ބުނާ ސިޓީއެއް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ.
އެ ސިޓީއާ ހަވާލާދީ މީޑިއާގައި ބުނެފައިވަނީ ބޭނުން ކުރެވޭ ރިޒާވް 17.6 މިލިއަން ޑޮލަރަށް މިދިޔަ މަހު ދަށްވާނެ ކަމަށެވެ.
ނަމަވެސް އެމްއެމްއޭ އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ކޮވިޑުގެ ސަބަބުން ކުރިމަތިވި އިގުތިސޯދީ ގޮންޖެހުންތަކާ ގުޅިގެން އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީ އާއެކު 2019 ވަނަ އަހަރުވި އެއްބަސްވުމެއްގެ ދަށުން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) އަށް ޖަމާކުރެވޭ ޑޮލަރު އެމްއެމްއޭ އަށް މާރުކުރުމަށްފަހު ބޭނުންކުރެވޭ ރިޒާވްގައި ހިމަނާފައިވާ ކަމަށެވެ. ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެކަން ނިމުމަކަށް ގެނެސްފައިވާ ކަމަށް ބުނެފައިވެއެވެ.
އެމްއެމްއޭ އިން ބުނެފައިވަނީ މިހާރު އެސްޑީއެފްގައި ބޭނުންކުރެވޭ ގޮތަށް 65 މިލިއަން ޑޮލަރު ހުރި އިރު، މި އަހަރުގެ ޖުލައި މަހު ބޭނުންކުރެވޭ ރިޒާވް ހުރީ 45 މިލިއަން ޑޮލަރުގައި ކަމަށެވެ. އަދި ބޭނުންކުރެވޭ ރިޒާވްގައި ހުރި އަދަދުގައި އެސްޑީއެފްގައި ހުރި އަދަދު ނުހިމެނޭ ކަމަށެވެ.
"އެސްޑީއެފަށް ޖަމާކުރެވޭ ބޭރު ފައިސާގެ އަދަދު އިތުރުކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެސްޑީއެފްގެ އަދަދު ކުރިން ލަފާކުރި އަދަދަށް ވުރެ އިތުރުވެގެން ދާނެ އެވެ،" އެމްއެމްއޭ އިން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވެއެވެ.
އެމްއެމްއޭ އިން އިތުރަށް ބުނެފައިވަނީ ރާއްޖޭގެ ޓޫރިޒަމާ ގުޅިފައިވާ އިންޑަސްޓްރީތަކުން މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ކުރިން ލަފާކުރި ގޮތާ ހިލާފަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އަންދާޒާ ކުރާތީ އޭގެ ހެޔޮ ބަދަލު ރިޒާވަށް ކުރާނެ ކަމަށެވެ.
އަދި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޭރު ފައިސާގެ މުއާމަލާތްތަކަށް ބޭނުންވާ ފައިނޭންސިން ބޭރުގެ އެކިއެކި ފަރާތްތަކުން ހޯދުމުގެ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު