މި އަހަރު ބަންގްލަދޭޝްގައި ބާއްވަން ހަމަޖެހިފައިވާ އަންހެން ޓީ20 ކްރިކެޓް ވޯލްޑް ކަޕް، އެ ގައުމުގައި ނުބޭއްވޭނެ ކަމަށް ނިންމައި ޔޫއޭއީގައި ބާއްވަން އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ނިންމައިފިއެވެ.

ސިވިލް ސާވިސްގެ ވަޒީފާ ކޯޓާގެ މައްސަލަތަކުގައި ބަންގްލަދޭޝްގެ ދަރިވަރުން އިސްނަގައިގެން ކުރިއަށްދިޔަ ވަރުގަދަ މުޒާހަރާތަކުގައި 400 ވަރަކަށް މީހުން މިހާތަނަށް ވަނީ މަރުވެފައެވެ. އެ މުޒާހަރާތަކާ ގުޅިގެން ބޮޑުވަޒީރު ކަމުން ޝެއިހް ހަސީނާ ވަނީ އިސްތިއުފާ ދެއްވައި، ގައުމު ދޫކުރައްވައި އިންޑިއާއަށް ވަޑައިގެންފައެވެ. މިހާރު އެ ގައުމުގައި އޮތީ ވަގުތީ ސަރުކާރެކެވެ.

ބަންގްލަދޭޝްގައި އެ ހާލަތު އޮތުމުން، އައިސީސީން ފުރަތަމަ މަސައްކަތް ކުރީ އިންޑިއާގައި މުބާރާތް ހޯސްޓް ކުރުމަށެވެ. އޮކްޓޯބަރު ތިނަކުން 20 ވަނަ ދުވަހާ ހަމައަށް ބާއްވަން އޮތް މުބާރާތް އިންޑިއާގައި ހޯސްޓްކުރަން ކުރި މަސައްކަތް ނާކާމިޔާބުވީ، އިންޑިއާގެ ކްރިކެޓް ބޯޑު (ބީސީސީއައި) އިން އެކަމަށް ނޫނެކޭ ބުނުމުންނެވެ.

އިންޑިއާގައި މުބާރާތް ބާއްވަން އައިސީސީން އެދުނު ނަމަވެސް ސެކްރެޓަރީ ޝާހް ވަނީ އެކަމާ ސީދާ ދެކޮޅު ހައްދަވައިފައެވެ. އޭނާ ވިދާޅުވީ އެހާތަނުގައި އިންޑިއާގައި އޮންނާނީ ވިއްސާރަ މޫސުން ކަމަށާއި އަންނަ އަހަރު އޯޑީއައި އަންހެން ވޯލްޑް ކަޕްވެސް އިންޑިއާގައި ހޯސްޓް ކުރާތީވެ، ދެ ވޯލްޑް ކަޕެއް ފުލުފުލުގައި ބާއްވާ ބަޔަކަށް އިންޑިއާ ވާން ބޭނުންނުވާ ކަމަށެވެ.

އިންޑިއާ އިން ނޫނެކޭ ބުނުމުން އައިސީސީން އިއްޔެ ވަނީ ޓީ20 އަންހެން ވޯލްޑް ކަޕް ޔޫއޭއީގެ ޝާރްޖާ އަދި ޑުބާއީގައި ބާއްވަން ނިންމައިފައެވެ.

އައިސީސީގެ ޗީފް އެގްޒެކެޓިވް ޖެއޮފް އަލަޑައިސް ވިދާޅުވީ ބަންގްލަދޭޝްގައި މުބާރާތް ބާއްވަން ފުރުސަތު ނުލިބުމަކީ ލިބުނު ބޮޑު ދެރައެއް ކަމަށާއި ބަންގްލަދޭޝްގައި ބޭއްވުނު ނަމަ، އެ މުބާރާތް ވެގެންދާނީ އުފާވެރި ހަނދާންތަކެއް ގެނުވި މުބާރާތަކަށް ކަމަށެވެ. ނަމަވެސް ބަންގްލަދޭޝްގެ ކްރިކެޓް ބޯޑުން މުބާރާތް ބޭއްވޭނެ ގޮތެއް ހޯދުމަށް ކުރި މަސައްކަތަށް އޭނާ ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

އައިސީސީން ބަންގްލަދޭޝްގައި މުބާރާތް ނުބާއްވަން ނިންމި އެއް ސަބަބަކީ ގިނަ ގައުމުތަކަކުން ބަންގްލަދޭޝްއަށް ދަތުރު ނުކުރަން އަންގާފައިވުމާއި ސަލާމަތީ ކަންކަމަށް ބަލައިފައެވެ.

ޓީ20 އަންހެން ވޯލްޑް ކަޕްގައި 10 ޓީމަކުން ވާދަކުރާނެއެވެ. މުބާރާތުގައި 23 މެޗު ކުޅޭއިރު، ބަންގްލަދޭޝްގައި މެޗުތައް ހޯސްޓް ކުރަން ނިންމާފައި ކުރިން އޮތީ ޑާކާ ސިޓީއާއި ޝިލެޓްގައެވެ. އެ ދެ ސަރަހައްދަކީވެސް މުޒާހަރާތައް ކުރިއަށް ދިޔަ ދެ ސަރަހައްދެވެ.