ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ދޭ މިދިޔަ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު މެންޗެސްޓާ ސިޓީގެ ފިލް ފޮޑެންއަށް ލިބުނު އިރު، އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑު ޗެލްސީގެ ކޯލް ޕާމާއަށް ދީފިއެވެ.
މިއީ 2009-10 ވަނަ އަހަރުގެ ސީޒަނަށްފަހު އިނގިރޭސި ދެ ކުޅުންތެރިންނަށް ޕީއެފްއޭގެ އެވޯޑު ލިބުނު ފުރަތަމަ ފަހަރެވެ. އެފަހަރު އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވޭން ރޫނީ ހޮވުނު އިރު، އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކީ ޖޭމްސް މިލްނާއެވެ.
އިނގިރޭސިވިލާތުގައި ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ ޕީއެފްއޭގެ އެވޯޑު ހޯދި ފޮޑެން ވަނީ މިދިޔަ ސީޒަނުގައި ސިޓީއަށް 35 މެޗު ކުޅެދީ، 19 ގޯލު ޖަހައިދީފައެވެ. ފޮޑެން ވަނީ ސިޓީއާ އެކު ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ލީގު ކާމިޔާބުކޮށް، އުމުރުން 23 އަހަރުގައި ހަވަނަ ލީގު ތަށި ކާމިޔާބު ކޮށްފައެވެ. ފޮޑެންއަކީ އެންމެ ޒުވާން އުމުރުގައި އިނގިރޭސި ލީގު ހަފަހަރު ހޯދި ކުޅުންތެރިޔާއެވެ.
މީގެ ކުރިން ދެފަހަރަށް ޕީއެފްއޭގެ އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދި ފޮޑެންއަކީ މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ ވެސް މެއެވެ. އޭގެ އިތުރުން އޭނާއަކީ ފުޓްބޯލް ރައިޓާސް އެވޯޑު ވެސް މިދިޔަ ސީޒަނުގައި ހާސިލުކުރި ކުޅުންތެރިޔާއެވެ.
ފޮޑެންއާ އެކު މިފަހަރުގެ އެވޯޑަށް ސިޓީގެ އާލިން ހާލަންޑާއި ރޮޑްރީގެ އިތުރުން ޗެލްސީގެ ޕާމާ އާއި އާސެނަލްގެ މާޓިން އޮޑެގާޑް އަދި އެސްޓަން ވިލާގެ އޮލީ ވޮޓްކިންސް ވެސް ވާދަކޮށްފައިވެއެވެ.
އުމުރުން 22 އަހަރުގެ ޕާމާއަށް މިދިޔަ ސީޒަން އާދަޔާ ހިލާފު ކާމިޔާބީއަކަށްވެފައިވާ އިރު، އޭނާ ވަނީ 34 ލީގު މެޗުގައި 22 ގޯލު ޗެލްސީއަށް ޖަހައިދީފައެވެ. ޕާމާއަކީ މިދިޔަ ސީޒަނުގެ ލީގުގައި އެންމެ ނުފޫޒުގަދަ އެއް ކުޅުންތެރިޔާއެވެ. ޗެލްސީ ހުސްއަތާ ނިންމާލި ނަމަވެސް ޕާމާގެ ތަފާތު ފާހަގަކުރެވުނެވެ.
ޕާމާއާ އެކު ދެން ޒުވާން ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރީ އާސެނަލްގެ ބުކަޔޯ ސަކާ އާއި މެންޗެސްޓާ ޔުނައިޓްގެ ކޯބީ މައިނޫ، އެލެހާންޑްރޯ ގާނާޗޯގެ އިތުރުން ކްރިސްޓަލް ޕެލެސްއަށް ކުޅުނު މިޝޭލް އޮލީސޭ އަދި ބްރައިޓަން ޖާއޯ ޕެޑްރޯއެވެ.
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ